ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް 24 ގަޑިއިރު ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ކުރާނެ ކަމަށާއި ކަނޑުވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ މިހާރު ކުރަމުންދަނީ ޖޫން ޖުލައިގެ މޫސުމީ ވިއްސާރަ ކަމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ކުރާނެ ކަމަށާއި ކަނޑުވެސް ގަދަވާނެ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އުތުރާއި މެދު ރާއްޖެތެރެއަށް މިއަދާއި މާދަމާ ވަރަށް ބޮޑަށް ވިއްސާރަ ކުރާނެ ކަމަށާއި ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ. އެހެންކަމުން މި އަތޮޅުތަކަށް ދަތުރުކުރުން ރައްކާތެރި ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"ކުރިއަށް މިއޮތް 24 ގަޑިއިރުވެސް ވިއްސާރަކޮށް މިއޮތީ. ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރެއަށް. މި ދެ އަތޮޅަށް މިއަދާއި މާދަމާ ދަތުރުކުރުން އެހާ ރައްކާތެރިއެއް ނޫން. ވަރަށް ކަނޑުގަދަ ވައިވެސް ވަރަށް ގަދަ." އޭނާ ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ ހއ. އަތޮޅުން ފެށިގެން ތ އަތޮޅާ ހަމަޔަށް ޔެލޯ އެލާޓު ނެރެފައިވާ ކަމަށާއި ލާމު އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާ ހަމަޔަށް ވައިޓް އެލާޓު ނެރެފައިވާ ކަމަށެވެ. އުތުރަށްވުރެ ދެކުނަށް މޫސުން ރަނގަޅުވީނަމަވެސް ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ސަރަހައްދުތަކަށް އުދަ އަރާނެ ކަމަށެވެ.
އިއްޔެވެސް ވަނީ ރާއްޖޭގެ ގިނަ ރަށްތަކަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މި ދުވަސްވަރަކީ ސްކޫލް ބަންދާއި ބޮޑުއީދު ބަންދަށް މީހުން ރަށްރަށަށް ދަތުރުކުރާ ދުވަސްވަރަކަށް ވުމުން މޫސުމަށް ސަމާލުކަން ދިނުމަށް ކަމާގުޅޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މޫސުމާބެހޭ އިދާރާތަކުން ދޭ މައުލޫމާތުތައް ބަލައި ހޯދައިގެން ނޫނީ ދަތުރުނުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު