މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގިނަ ރަށްތަކަށް ވަރަށް ބޮޑަށް އުދައަރާފައިވާ އިރު، ގދ. މަޑަވެއްޔަށް އެރި އުދައިގައި އެރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މަޑަވެއްޔަކީ ރާއްޖޭގެ ރަށްރަށަށް މިއަދު އެރި އުދައިގައި އެންމެ ބޮޑު ގެއްލުންތަކެއް ވެގެން ރިޕޯޓުކުރި ރަށެވެ.

މަޑަވެލި ކައުންސިލުގެ ރައީސް ފިޔާޒު ހަސަން މިއަދު "ވަން" އަށް ވިދާޅުވީ، އުދައެރުމުގެ ސަބަބުން އެރަށް ވަރަށް ބޮޑަށް ހާލުގައި ޖެހިފައިވާ ކަމަށެވެ. އެގޮތުން 53 ގެ އަކަށް ލޮނުވަދެ، އޭގެ ތެރެއިން އަށް ގެއެއްގެ މީހުން ހާލުގައި ޖެހިފައިވާތީ އެ މީހުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތިބީ ހާލުގައި، ވަރަށް ހާލުގަ ޖެހިފައި. ގޭގައި ގެންގުޅޭ ތަކެތި ހަލާކުވެއްޖެ. ރަށު ރައްޔިތުން މިހާރު މަސައްކަތް ކުރަމުންދަނީ އެ މީހުންގެ ގެދޮރު ދޫކޮށްލާފައި އިންޖީނުގެ ސަލާމަތްކުރަން. ވަރަށް ބޮޑަށް ފެންބޮޑުވެފަ މިއޮތީ،" ފިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެރަށަށް މިއަދު މެންދުރު 1:30 އިން ފެށިގެން ހުއްޓާނުލާ އަދިވެސް ވާރޭ ވެހެމުންދާ ކަމަށެވެ. އުދަ އެރީވެސް ވަރަށް ގަދަޔަށް ވާރޭވެހެމުން ދިޔަ ވަގުތުގައި ކަމަށްވެސް ވިދާޅުވިއެވެ.

"ރަށު ތެރޭގައި ފެންގަނޑު ވަރަށް ބޮޑު. އަސްލު މިވާ ގޮތަކީ އެވަރަށް ވާރޭ ވެހޭތީ ރަށުގެ ރައްޔިތުންނަށް އެކްޓިވް ނުވެވިގެން މިއުޅެނީ. އުދަ އަރައި ވާރޭ ވެހޭތީ އެހާ ވަރަށް ފެން ބޮޑުވީ،" ފިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފެންގަނޑު ހިއްކުމުގައި ސިފައިންނާއި ފުލުހުން މަސައްކަތް ކުރަމުންދާ އިރު، ކޮންމެވެސް ވަރަކަށް އާންމުވެސް އެކަމުގައި ބައިވެރިވަމުންދާ ކަމަށެވެ. ނަމަވެސް އުދައިގެ ސަބަބުން ރަށަށް ލިބުނު ގެއްލުމުގެ ތަފުސީލު ސާފުވާނީ މާދަމާ ކަމަށް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، މަޑަވެލީ ކައުންސިލަށް ގުޅުއްވައި އެރަށުގެ ރައްޔިތުންގެ ހާލު އޮޅުންފިލުއްވައިފައެވެ.

ރާއްޖޭގެ ރަށްރަށަށް މިއަދު އުދައަރައި އެންމެ ބޮޑު ގެއްލުންތަކެއްވި ކަމަށް ރިޕޯޓުކޮށްފައިވާ، ގދ މަޑަވެލީގެ ހާލަތު އޮޅުން ފިލުއްވުމަށްޓަކައި ރައީސް ވަނީ، މަޑަވެލީ ކައުންސިލްގެ ރައީސަށް ފޯނުން ގުޅުއްވައި އެރަށުގެ ހާލަތު އޮޅުންފިލުއްވާފައެވެ.

އެ ފޯން ކޯލުގައި މަޑަވެލި ކައުންސިލުގެ ރައީސް ވަނީ އުދައެރުމުގެ ހާދިސާގައި އެރަށަށް ލިބުނު ގެއްލުންތަކާއި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ރައީސްއާ ހިއްސާކުރައްވައިފައެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ މަޑަވެލީގެ ގިނަ ގެތަކަކަށް ގެއްލުންތައް ލިބިފައިވާތީ އެކަމުގައި ސަރުކާރުން ރައްޔިތުންނަށް ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމުގެޔަގީންކަން ދެއްވައިފައެވެ.