އދ. ފެންފުށީގައި ހުޅަނގު ތުނޑި ސަރަހައްދުގައި އުޅެނިކޮށް އެރި ރާޅާއެކު ބޭރަށް ދަމައިގަތް ދެ މީހުން ތެރެއިން އެކަކު މަރުވެއްޖެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާގައި ނިޔާވެފައި ވަނީ ތ.ދިޔަމިގިލީ/ ސީނުގެ، އީސާ ޖުނާހެވެ.
ފެންފުށީ ކައުންސިލްގެ ރައީސް އަހުމަދު އަބްދުލް ޝުކޫރު މިއަދު "ވަން" އަށް ވިދާޅުވީ، އީސާ ޖުނާހު އާއި އިތުރު މީހަކު ތުނޑިއަށް ދިޔައީ ފޮޓޯ ނަގަން ކަމަށާއި މޫދަށް ދަމައިގަތީ ޖެހި ރާޅަކާއެކުގައި ކަމަށެވެ. އެ ދެ މީހުން ބޭރަށް ދަމައިގަތީ އުދަބާނިގަނޑެއްގައި ޖެހިގެން ކަމަށާއި އެއިރު ކަނޑު ވަރަށް ގަދަ ކަމަށްވެސް ވިދާޅުވިއެވެ.
އީސާ ޖުނާހުއާއެކު މޫދަށް ދަމައިގަތީ 19 އަހަރުގެ ޒުވާނެކެވެ.
ޝުކޫރު ވިދާޅުވީ، އެ ދެ މީހުން މޫދަށް ދަމައިގަތް ތަން އެ ވަގުތު ތުނޑީގައި ތިބި އެހެން ދެ މީހަކަށް ފެނިގެން އެކަން ރަށުގެ ރައްޔިތުންނަށް އެންގުމުން އެ މީހުން ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ. ދެ މީހުން ފެނުނުއިރު ވަރަށް ހާލު ސީރިއަސް ކަމަށާއި އެހެންވެ އިތުރު ފަރުވާއަށް އެ އަތޮޅު މަހިބަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ކަމަށްވެސް ވިދާޅުވިއެވެ.
އެ ހޮސްޕިޓަލުގެ މެނޭޖަރު ބުންޔާމީން ހަސަން "ވަން" އަށް ވިދާޅުވީ، އީސާ ޖުނާހު ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށެވެ. އަދި 19 އަހަރުގެ ޒުވާނާގެ ހާލު ވަރަށް ސީރިއަސް ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު