އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ތިން ވަނަ ބޯޓު، އެމްއެސްއެސް ގްރެފީން ގަތުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެސްއެސްގެ ފަރާތުން ސޮއިކުރެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރުއެވެ. ޖަރުމަނުވިލާތުގެ ކެންޑްލާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޖޯނަސް ކެލާއެވެ.
"އެމްއެސްއެސް ގްރެފީން" އަކީ އެމްއެސްއެސްގެ ތިން ވަނަ ބޯޓެވެ. އަދި ދެވަނަ އަމިއްލަ ކޮންޓެއިނަރު ބޯޓެވެ. ގާތްގަނޑަކަށް 680 ކޮންޓެއިނަރު އުފުލޭ ވަރުގެ މި ބޯޓު ދަތުރުކުރާނީ ރާއްޖ އާއި ސިންގަޕޫރު އަދި މެލޭޝިއާއަށެވެ. އެ ދަތުރުތައް އަންނަ އޮގަސްޓު މަހުގެ ތެރޭގައި ފެށުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
އެމްއެސްއެސްގެ އަމިއްލަ ފުރަތަމަ ބޯޓު، “އެމްއެސްއެސް ގެލީނާ” ރާއްޖެ ގެނައީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ލަންކާއާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރަމުން އަންނަ އެ ބޯޓަކީވެސް 680 ކޮންޓެއިނަރު އުފުލޭ ވަރުގެ ބޯޓެކެވެ.
އެ ބޯޓާއެކު އިތުރު ކޮންޓެއިނަރު ބޯޓެއްވެސް އޮވެއެވެ. ނަމަވެސް އެއީ ޗާޓަރު ކޮށްގެން ގެނެސް، އިންޑިއާގެ ކާގޯ ފެރީގެ ގޮތުގައި އޮޕަރޭޓުކުރާ "އެމްސީޕީ ލިންޒް" އެވެ. އެ ބޯޓަކީ އެއްފަހަރާ 20 ފޫޓުގެ 700 ކޮންޓެއިނަރު އުފުލޭ ވަރުގެ ބޯޓެކެވެ.
އެމްއެސްއެސް އިން ގަތް އަމިއްލަ ދެވަނަ ބޯޓު، “އެމްއެސްއެސް ކްރޯމް” ރާއްޖެ ގެނައީ ހުސްވި ޖޫން މަހުގެ ތެރޭގަ އެވެ. އެ ބޯޓަކީ ރާއްޖޭގެ ޝިޕިން ތާރީހުގައި ގައުމީ ޝިޕިން ލައިނަކުން ގަނެގެން ގެނައި އެންމެ ބޮޑު ބޯޓެވެ. ސިންގަޕޫރުގެ ކޮސްކޯ ޝިޕިން ކުންފުނިން ގަނެގެން ގެނައި މި ބޯޓަކީ 43,000 ޓަނުގެ ބަލްކު ކެރިއަރެކެވެ.
ސްޓޭޓް ޝިޕިންއަކީ ދައުލަތުގެ ޝިޕިން އިންޑަސްޓްރީ ފުޅާ ކުރުމުގެ ވިސްނުމުގައި އެސްޓީއޯއިން އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނީގެ 99.9 ޕަސެންޓު ހިއްސާ އޮންނަނީ އެސްޓީއޯގެ އެވެ. ބާކީ 0.1 ޕަސެންޓު ހިއްސާ އޮންނަނީ އެސްޓީއޯގެ ސަބްސިޑަރީ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު