ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ހިމެނޭހެން ރާއްޖޭގެ އެކި ރަށްރަށަށް މިއަދު ވަރަށް ބޮޑަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މިއަދު ހެނދުނުން ފަށައިގެން ރަށްތަކަށް އުދައަރަމުންދާ އިރު، އޭގެ ތެރޭގައި އައްޑޫ، ގދ. ރަތަފަންދޫ، ގދ. މަޑަވެލި، ތ. ގާދިއްފުށި، އަދި ތ. ކިނބިދޫ ހިމެނެއެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު "ވަން" އަށް މިއަދު ވިދާޅުވީ، އައްޑޫގެ ހުރިހާ އަވަށްތަކަށް މިއަދު ހަވީރު އުދައަރައި، މީހުން ދިރިއުޅޭ ބައެއް ގެތަކަށްވެސް ފެންވަދެ ގެއްލުންވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ގެތަކުގެ މީހުން ހާލުގައި ޖެހިފައިވާތީ ކައުންސިލްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ، އުދައެރުމުގެ ސަބަބުން ފެން ބޮޑުވެފައިވާ ސަރަހައްދުތަކުގައި ފުލުހުންނާއި ސިފައިންނާ ހަރަކާތްތެރިވަމުންދާ އިރު، އުދަ އަރައި އެންމެ ބޮޑަށް ގެއްލުންވި ސަރަހައްދުތަކަށް ކައުންސިލުގެ އެހީގައި ވެލި އަޅައި، ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދެކުނުގެ ގިނަ ރަށްތަކަށް އުދަ އަރާފައިވާ އިރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މެދުރާއްޖޭގެ އަތޮޅުތަކުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް އުދައަރައިފާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައެވެ. އަދި މިރޭވެސް މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެމްޑީއެމްއޭ) އިން މިއަދު ބުނީ، ރާއްޖޭގެ ބައެއް ސަރަހައްދުތަކައް އުދަ އަރާ ގެއްލުންތަކެއް ލިބެމުންދާކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބުމުން އެ ސަރަހައްދުތަކުގެ ހާލަތު ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއޮތް ތިން ދުވަހު ވިއްސާރަކޮށް، ގުގުރާ، ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ އެމްއެންޑީއެފުން ވަނީ ކަނޑުދަތުރު ކުރުމުގައި މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.