މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި 8 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހަސަން ޝާޒް މުހައްމަދާއި އާމިނަތު ފާތީ ހޯދައިފިއެވެ.

އެ މުބާރާތުގެ ޗެމްޕިއަންކަން ޝާޒާއި ފާތީ ހޯދީ ގައުމީ ބިލިއާޑް ސެންޓަރުގައި ރޭ ކުޅުނު ފައިނަލް މެޗުން މޮޅުވެގެންނެވެ. ފައިނަލުގައި ވާދަކޮށްފައިވަނީ ފިރިހެން ޑިވިޝަން އަދި އަންހެން ޑިވިޝަންގެ އެމްޕީބީއޭ ރޭންކިންގެ ގަދަ ދޭއްގައި ހިމެނޭ ކުޅުންތެރިންނެވެ.

ފިރިހެން ޑިވިޝަންގެ ފައިނަލުގައި ރޭންކިންގެ އެއްވަނައިގައި އޮތް ޝާޒް ނުކުތީ ދެވަނައިގައި އޮތް ހުސައިން ފަޔާޒްއާ ދެކޮޅަށެވެ. އެ މެޗުގައި ފަޔާޒްގެ މައްޗަށް ޝާޒް ކުރި ހޯދީ 9-5 ފްރޭމުންނެވެ.

އަންހެން ޑިވިޝަންގެ ފައިނަލުގައި ރޭންކިންގެ އެއްވަނައިގައި އޮތް ފާތީ ނުކުތީ ދެވަނައިގައި އޮތް ދީނާ އަހުމަދާ ދެކޮޅަށެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި ދީނާގެ މައްޗަށް ފާތީ ކުރި ހޯދީ 7-6 ފްރޭމުންނެވެ.

އެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. އެ ރަސްމިއްޔާތުގައި ވަނަވަނައަށް ހޮވުނު ކުޅުންތެރިންނަށް ވަނީ ޓްރޮފީ ހަވާލުކޮށްފައެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ގަދަ އަށް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ޗެމްޕިއަން ޝާޒާއި ރަނަރަޕް ފަޔާޒްގެ އިތުރުން މުހައްމަދު ޝަރީފާއި އަލީ ފަޔާޒާއި މުހައްމަދު ސާހިލް ހަމީދާއި އަސްލަމް އަބްދުﷲ އާއި އިސްމާއިލް ސުވައިދު އަދި ހުސައިން ސަނީފެވެ.

އަންހެން ޑިވިޝަނުން ހޮވާފައިވަނީ ގަދަ ހަތަރު ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ހިމެނުނީ ޗެމްޕިއަން ފާތީ އާއި ރަނަރަޕް ދީނާގެ އިތުރުން އާމިނަތު އަޒްރާ އަދި އާމިނަތު ހަލީމެވެ.

އޭގެ އިތުރުން މުބާރާތުގައި އެންމެ ގިނަ ރަން އައުޓް ޖެހި ކުޅުންތެރިން ވެސް ވަނީ ހޮވައިފައެވެ. ފިރިހެން ޑިވިޝަންގެ އެންމެ ގިނަ ރަން އައުޓް ޖެހި ކުޅުންތެރިޔަކަށް މުބާރާތުގެ ރަނަރަޕްކަން ހޯދި ފަޔާޒް ހޮވުނު އިރު, އަންހެން ޑިވިޝަންގެ އެންމެ ގިނަ ރަން އައުޓް ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ޗެމްޕިއަންކަން ހޯދި ފާތީއެވެ.

އިއްޔެގެ ނިޔަލަށް ކުރިއަށްގެންދިޔަ އެ މުބާރާތުގައި 64 ފިރިހެން ކުޅުންތެރިޔަކާއި 15 އަންހެން ކުޅުންތެރިޔަކު ވާދަކުރިއެވެ.