ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގި މައްސަލައިގައި ފުލުހުންގެ ބަންދުގައި ތިއްބެވި އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް އާއި އައްޝައިހް ފަޒްލޫން މުހައްމަދުގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެ ދެ ބޭފުޅުންގެ ބަންދަށް ފުރަތަމަ ޖެހީ ހަތް ދުވަހެވެ. އެ މުއްދަތު މިއަދު ހަމަވާތީ މުއްދަަތު އިތުރުކުރަން ކޯޓަށް ހާޒިރު ކުރުމުން ފުލުހުން އެދުނީ ދެ ބޭފުޅުންގެ ބަންދުވެސް ދަމަހައްޓައި ދިނުމަށެވެ. ނަމަވެސް ދެ ބޭފުޅުންގެ ދިފާއީ ވަކީލުން ވަނީ އެ ދުވަހުގެ ހަމަނުޖެހުމުގައި ދެ ބޭފުޅުންގެ ބައިވެރިވުމެއް ނެތް ކަމަަށް ވިދާޅުވެ ބަންދުން ދޫކޮށް ދިނުމަށް އެދިފައެވެ.

ޝައިހް ފަޒްލޫންގެ ވަކީލް ވިދާޅުވި ގޮތުގައި ފުލުހުން މިއަދުވެސް ދެއްކެވީ އިންޓެލިޖެންސް ރިޕޯޓެއްގެ ވާހަަކައެވެ. ދެ ފަރާތުގެ ވާހަކަތަކަަށްފަހު ގާޒީ ނިންމެވީ ޝައިހް ފަޒްލޫންގެ ބަންދަށް ހަތް ދުވަސް ދިނުމަށެވެ. އަދި ޝައިހް ނިޝާންގެ ބަންދަށް ތިން ދުވަސް ދިނުމަށެވެ.

ޝައިހް ނިޝާން އާއި ފަޒްލޫން ހައްޔަރު ކުރުމާއެކު ދެ ބޭފުޅުންނަށް ދީފައިވާ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަވެސް ވަނީ ސަަސްޕެންޑުކޮށްފައެވެ.

ޔޫތު މިނިސްޓްރީ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގުޅިގެން މިމަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 6:30 ގައި ބޭއްވި ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް ބަޔަކު ދަނޑަށް ވަދެ، "ﷲ އަކްބަރު" އޭ ގޮވަމުން ދުވަމުން ގޮސް ޔޯގާ ހަދަން ތިބި މީހުން ބޭރަށް ނުކުތުމަށް ގޮވައި އިންޒާރު ދީފައިވެއެވެ. އެހެންކަމުން މީހުން ވަނީ އެތަން ދޫކޮށް ގޮސްފައެވެ.

ދަނޑަށް އަރައިގެން މީހުން ތިބީ ޝަހާދަތުގެ ދެކަލިމަ ޖަހާފައިވާ ދިދަތަކެއް ހިފައިގެންނެވެ. އަދި އެ މީހުން ވަނީ ދަނޑުގައި ޖަހާފައި ހުރި ގައުމީ ދިދަތަކާއި އިންޑިއާގެ ދިދަ ދަނޑިތައް ބިންދައި، އެ އެއްޗެހި ބޭނުންކޮށްގެން ހަމަނުޖެހުން ހިންގައިފައެވެ.

އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގުކުރަމުންދާ އިރު، މައްސަލައިގައި ޝާމިލުވާ މީހުން ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއްޔެ ވިދާޅުވެފައެވެ. ޔޯގާ ދުވަހުގެ ހަމަނުޖެހުންތަކާއި ގުޅިގެން މިހާތަނަށް 21 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭގެ ތެރޭގައި އެ ހަމަނުޖެހުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުވާ ހަތަރު މީހަކުވެސް ހިމެނެއެވެ.