ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުންޏަށް މާލީ ގެއްލުންތައް ލިބެމުންދާތީ އެ ކުންފުނިން ދޭ ހިދުމަތުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ދެ ވަނަ ކުއްލި މައްސަލަވެސް ބޭރުކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ މައްސަލަ ހުށަހެޅުއްވީ ކުރިންވެސް އެ މައްސަލަ ހުށަހެޅުއްވި މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
ސައީދު ހުށަހެޅުއްވި މައްސަލައިގައި ބުނީ، އެ މައްސަލަ ހުށަހެޅީ އައިލެންޑް އޭވިއޭޝަންގެ ޖުމުލަ ދަރަނީގެ އަދަދު އެއް ބިލިއަނަށް ވުރެ އިތުރުވުމަކީ މޯލްޑިވިއަންގެ އޮޕަރޭޝަނާއި މެއިންޓެނަންސްއަށް އަސަރުކުރާނެ ކަމަކަށްވާތީ ކަމަށެވެ.
އެގޮތުން 2020 ވަނަ އަހަރު އެ ކުންފުންޏަށް 400 މިލިއަން ރުފިޔާގެ ގެއްލުން އަދި ފާއިތުވި އަހަރު 159 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށާއި މިހާރުވެސް ކުންފުނި ހިންގަމުން އަންނަނީ ފިނޭންސުން އިތުރަށް 18 މިލިއަން ނަގައިގެން ކަމަށް ވިދާޅުވިއެވެ.
ކުންފުނީގެ ހާލަތު މިހާ ދަށު ދަރަޖައަށް ވެއްޓުމުގެ ސަބުން މޯލްޑިވިއަންގެ މަތިންދާ ބޯޓުތަކުގައި ޓެކްނިކަލް ގޮތުން ބައިނަލްއަގުވާމީ މިންގަނޑުތައް ދަމަހައްޓަންޖެހޭ މިންވަރަށް ކަންކަން ނުހިފެހެއްޓި، މަތިންދާ ބޯޓުތަކަށް ޓެކްނިކަލް ގިނަ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން މަތިންދާ ބޯޓުގެ ޓަޔަރުތައް ބަދަލުކުރަންޖެހޭ މުއްދަތަށް ބަދަލު ނުކުރެވި، ސްޕެއާ ނުލިބިގެން ބައެއް ބޯޓުތައް ގްރައުންޑް ކުރުމުގެ މައްސަލަތައް ކުރިމަތިވަމުންދާތީ އާއި މޯލްޑިވިއަންއަކީ ގިނަ އަދަދެއްގެ ދިވެހިންނާއި ފަތުރުވެރިން ދަތުރުކުރާ އެއާލައިނަކަށްވާއިރު، އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ކުންފުނީގެ މަތިންދާ ބޯޓުތަކުގައި ހުންނަންޖެހޭ ސަލާމަތީ މިންގަނޑުތައް ހިފެހެއްޓުމާއި ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން އެ މައްސަލައިގައި ވަނީ ގޮވާލައިފައެވެ.
މި މައްސަލަ މަޖިލީހަށް ބަލައިގަތުމާމެދު ނެގި ވޯޓުގައި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް އަށް މެންބަރަކު ވޯޓު ދެއްވި އިރު، މައްސަލަ ބޭރުކޮށްލީ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 19 މެންބަރުން ވޯޓު ދެއްވުމުންނެވެ.
މޯލްޑިވިއަންގެ މާލީ ކަންކަމާ ގުޅޭ މައްސަލައެއް ސައީދު ވަނީ މި މަހުގެ 20 ވަނަ ދުވަހު ވެސް މައްސަލައެއް ހުށަހަޅުއްވައިފައެވެ. އެ މައްސަލަވެސް ވަނީ ބޭރުކޮށްލާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު