އދ. ދިގިރަށުން ގޯތި ދޫކުރުން ލަސްވާތީ އެރަށު ރައްޔިތުންތަކެއް ނުކުމެ ކައުންސިލް އިދާރާ ބަންދުކޮށް މުޒާހަރާކުރަން ފަށައިފިއެވެ.
ދިގުރަށު ކައުންސިލް މެމްބަރު އަބްދުﷲ އަލީ "ވަން" އަށް މިއަދު ވިދާޅުވީ އެރަށު ކައުންސިލް އިދާރާ، ރައްޔިތުން ނިކުމެ މިއަދު މެންދުރު 12:30 އިން ފެށިގެން ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެ އިދާރާ ކުރިމަތީގައި ޖޯލިފަތިތައް ބަހައްޓައިގެން މުޒާހަރާ ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
އަބްދުﷲ ވިދާޅުވީ މީގެ އަހަރެއްހާ ދުވަސް ކުރިން ދިގުރަށުން ގޯތި ދޫކުރަން އިއުލާނުކޮށް ގޯތި ދޫކުރި ކަމަށެވެ. ނަމަވެސް ގޯތި ލިބިފައި އޮތް ދެމަފިރިއަކަށް ގޯތި ނުދޭ ކަމަށް ބުނެ ކޯޓަށް މައްސަލައެއް ވެއްދި ކަމަށާއި އެ މައްސަލަ ވަކި ގޮތަކަށް ނުނިމޭތި ގޯތި ދޫކުރުން މަޑުޖައްސާލާފައިވާ ކަމަށެވެ.
"މީގެ ކުރިން ރަށުން ގޯތި ދިންއިރު މި ދެމަފިރިންނަށް އޮތީ ގޯތި ލިބިފައި. އަލުން ގޯތި ދޫކުރަން ނިންމީމަ އެ މީހުންގެ ހުރި ހަމައެކަނި ދަރިފުޅުގެ ނަން މައްޗަށް އެ ގޯތީގެ ރަޖިސްޓްރީ ބަދަލުކުރީ. ކޮށްފަ އަލުން ގޯއްޗަށް ކުރިމަތިލީމަ އެ މީހުންނަށް ނުލިބޭތީ އެ މައްސަލަ ކޯޓަށް ވެއްދީ. ދެން މިހާރު އެ މައްސަލަ ވީ ހިސާބެއްވެސް ނޭނގެ. ކައުންސިލަށް ދެން އިތުރަށް ކުރެވޭނެ ވަކި ކަމެއްވެސް ނެތް. ދެން ލަސްވާތީ މުޒާހަރާ އެ ކުރަނީ،" އޭނާ ވިދާޅުވިއެވެ.
ތިންހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ދިގުރަށުން 77 ގޯތި ދޫކުރުމަށް މިދިޔަ އަހަރު އިއުލާންކުރިއެވެ.
އަބްދުﷲ ވިދާޅުވީ ގޯތި ދޫކުރުން މަޑުޖައްސާލުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށާއި އެކަމާ ގުޅިގެން ވިޔަފާރީގެ ބޭނުމަށްވެސް ގޯތި ދޫކުރުން މިހާރު މެދުކަނޑާލާފައިވާ ކަމަށެވެ. އަދި އޭގެ ގެއްލުން ގިނަ ބަޔަކަށް ކުރަމުންދާތީ އެކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާ ކަމަށް ވިދާޅުވިއެވެ.
މުޒާހަރާގެ ބައިވެރިން ދަނީ ޒުވާނުން މަގުމަތިވެފައިވާ ކަމަށާއި ގޯތި ދޫކުރަން އަވަސްކުރުމަށް ގޮވާލަމުންނެވެ. އަދި އެލްޖީއޭއާއި ސަރުކާރު ނިދިން ހޭލުމަށްވެސް ވަނީ ގޮވާލައިފައެވެ.