ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޒުވާނުންގެ މަރުކަޒެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވެއްސަކީ މިހާރު އެންމެ ބާރަށް މީހުން އާބާދުވަމުން އަންނަ ތަން ކަމަށާއި ދެވަނަ ފިޔަވަހީގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތްތަށް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޒުވާނުންގެ މަރުކަޒެއް އެތަނުގައި ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"ހުޅުމާލެ ފޭސް ދޭއްގައި ވަރަށް ބޮޑު އާބާދީއެއް އެބަ އޮތް. އަޅުގަނޑުމެންގެ މިނިސްޓްރީން ސީދާ އަމަލީ މަސައްކަތެއް މިހާރު ކުރަމުން މިދާ ކަމަކީ ހިޔާ ފުލެޓެއްގެ ތެރޭގައި ޒުވާނުންގެ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް. އެ ޖާގަ ދިނީމަ އަޅުގަނޑުމެން މިހާރު އެތަނުގައި ސެޓަޕް ހެދުމުގެ މަސައްކަތް ކުރިއަށް އެބަދޭ،" އޭނާ ވިދާޅުވިއެވެ.
މަހުލޫފް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައިވެސް ހުޅުމާލޭގެ ވަރަށް ގިނަ ކަންތައްތަކެއް ހިމެނޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. ހާއްސަކޮށް ފޭސް ދޭކަށް އަމާޒުކޮށްގެން އައުޓްޑޯ ވޮލީ، އައުޓުޑޯ ހޭންޑްބޯލް ކަހަލަ ކުޅިވަރުތައް ކުޅޭނެ ތަންތަން ގާއިމުކޮށްދިނުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. އަދި މިއަހަރު ފޭސް އެކެއްގައި ބެޑްމިންޓަން އިންޑޯ ކޯޓެއްގެ މަސައްކަތް ފެށުމަށް ކުރެހުންތައް މި ފެށޭ ހަފުތާގައި ފައިނަލް ކޮށްލެވޭނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު