ދުނިޔެ

އަދުގެ ދުނިޔެ: މަތިންދާބޯޓު އުފުލާ މަނަވަރުގެ ބޮޑު ފްލީޓެއް ޗައިނާއިން ގާއިމުކުރަނީ ކީއްކުރަން؟

އިމާދު ލަތީފު

މަތިންދާބޯޓު އުފުލާ މަނަވަރަކީ އެ ގައުމެއްގެ އަސްކަރީ ކެރިފޯރުންތެރިކަމާއި އާރާއިބާރު ރަމްޒުކޮށްދޭ ފަޚުރެކެވެ. މަތިންދާބޯޓު އުފުލާ މަނަވަރެއް އޮތުމަކުން އަދި ނުފުދެއެވެ. އެއަށް ޚިދުމަތްދޭނޭ އެއްގަމުގެ ވަސީލަތްތައްވެސް ހުރުން ލާޒިމެވެ. ފަޅުވެރިން ބަދަލުކުރުމާއި ސަޕްލައިކުރުމާއި މަރާމާތުކުރުމާއި މިހެންގޮސް ލައްކަ ގިނަ ކަންކަން ކުރުމަށް އަމާން ބަނދަރުތައްވެސް ބޭނުންވާނެއެވެ. ދެކުނު ޕެސިފިކްގެ ގައުމުތަކާއި ގާތްކަން އުފައްދައި ގުޅުންތައް ބަދަހިކުރަމުން ޗައިނާއިން އެގެންދަނީ މިކަން ސިކުނޑީގައި ބާއްވައިގެންނެވެ. ޗައިނާއިން އެދަނީ މަތިންދާބޯޓު އުފުލާ މަނަވަރުގެ ބޮޑު ފްލީޓެއް އުފައްދަމުންނެވެ. އިހަށްދުވަހުވެސް ފޫޖިއާނޭ ކިޔުނު މަނަވަރެއް ބާލައިފިއެވެ. އިތުރު ދެ މަނަވަރެއްގެ މަސައްކަތް ބާރު ދުވެލީގައި މިހާރުވެސް ދަނީ ހިނގަމުންނެވެ.

މަތިންދާބޯޓު އުފުލާ މަނަވަރަކީ ދުރުހިސާބުތަކަށް އާރާއިބާރު ފޯރުވުމަށް ބޭނުންކުރާ ވަސީލަތެކެވެ. މަތިންދާބޯޓު އުފުލާ ދެމަނަވަރު ކުރީއްސުރެވެސް ޗައިނާގެ އަތުގައި އޮތެވެ. އިތުރު ތިން މަނަވަރު ބާލައި މީގެ ބޮޑު ފްލީޓެއް ގާއިމްކުރުމުގެ މަގްސަދަކީ ޗައިނާގެ އައްސޭރީން ދެކުނު ޗައިނާ ކަނޑުގައި އޮޕަރޭޓްކުރުމެއް ނޫނެވެ. އެހިސާބަށް ބާރުފޯރުވަން ކޮންމެހެން މަތިންދާބޯޓު އުފުލާ މަނަވަރެއް ނުވަތަ މަނަވަރުތަކެއް ބޭނުމެއް ނޫނެވެ. އެއީ ޗައިނާގެ ގޮނޑުދޮށެވެ. މަތިންދާބޯޓު އުފުލާ މަނަވަރުގެ ބޭނުމަކީ ޕެސިފިކް ކަނޑުގެ ދެކުނުބިތާއި އިރުމަތީ ބިތުގައި ޗައިނާގެ ބާރު ދެމެހެއްޓުމެވެ. މިއީ ޚާއްސަގޮތެއްގައި އެމެރިކާޔާއި އޮސްޓްރޭލިޔާއަށް އަމާޒުކޮށްގެން ކުރާ ކަމެކެވެ. މީގެ ތެރެއިން އޮސްޓްރޭލިޔާއަކީ ދެކުނު ޕެސިފިކާއި އިންޑިޔާ ކަނޑުގައި ހުޅަނގުގެ ފުލުސްމީހާގެ ދައުރު އަދާކުރާ ގައުމެކެވެ.

މަތިންދާބޯޓު އުފުލާ ޗައިނާގެ އައު މަނަވަރު ފޫޖިއާނަކީ އާދައިގެ މަނަވަރެއް ނޫނެވެ. އެންމެފަހުގެ ވަސީލަތްތަކާއެކު އެއީ އެއްތަނުން އަނެއް ތަނަށް ދަތުރުކުރާ ބޮޑު އެއަރބޭހެކެވެ. މި މަނަވަރު އޮޕަރޭޓްކުރަން ފަށާނީ އަދި އަހަރެއް ދެއަހަރެއް ފަހުންނެވެ. ދެކުނު ޗައިނާ ކަނޑުން ނުކުތުމަށްފަހު މަޑުކޮށްލާނެ އައު ބަނދަރުތައް ބޭނުންވާއިރު ޗައިނާގެ ރާޑަރަށް އަރާފައިވާ ގައުމުތަކުގެ ތެރޭގައި ސޮލަމަން އައިލެންޑްސް އާއި ޕަޕުއާ ނިއުގިނީ ހިމެނެއެވެ. އެއީ މިހާރުވެސް ޗައިނާއާ ވަރަށް އެކުވެރި ގައުމުތަކެވެ. މިއިން ގައުމެއްގައި ޗައިނާގެ ނޭވަލްބޭހެއް ގާއިމުކުރުމަކީ އޮސްޓްރޭލިޔާގެ ގޮނޑުދޮށަށް ޗައިނާގެ މަތިންދާބޯޓުތަކާއި މަނަވަރުތަކާއި މިސައިލްތައް އައުމެކެވެ. އޮސްޓްރޭލިޔާގެ މުޅި އެއަރފޯސްގެ އާރާއިބާރުގެ ތެރެއިން މަދުވެގެން ދެބައިކުޅައެއްބައި މިއިން ކޮންމެ މަނަވަރެއްގައި ހުންނާނެއެވެ.

މަތިންދާބޯޓު އުފުލާ މަނަވަރު ބޭނުންކޮށްގެން ދުނިޔޭގެ ހަތަރު ބިތަށް ނުފޫޒުފޯރުވައި ގައުމުތަކަށް ބިރުދައްކައި ދުނިޔޭގެ ކަނޑުތަކުގައި އެމެރިކާއިން ރަސްކަންކުރާތާ ލައްކަގިނަ ޒަމާން ފާއިތުވެއްޖެއެވެ. ކަނޑުގެ މާބޮޑު ލަޝްކަރެއް ލިބިގެންނުވާ އަދި ކަނޑުގެ މަގުން މާބޮޑު ދިފާއީ ފާރެއް ލެވިފައިނުވާ ބައެއް ގައުމުތަކާ ދެކޮޅަށް މަތިންދާބޯޓު އުފުލާ މަނަވަރު ބޭނުންކޮށްގެން ބޮޑެތި ބޮޑެތި އޮޕަރޭޝަންތަކެއްވެސް ހިންގައިފިއެވެ. އިރާގާއި ލީބިޔާއާއި ޔޫގޯސްލާވިޔާއަކީ މިކަމުގެ މިސާލުތަކެވެ. ގައުމަކާދޭތެރޭ ހިތްހަމަނުޖެހުމެއް އުފެދޭއިރަށް އެގައުމެއްގެ އައްސޭރިޔާ ގާތަށް މަތިންދާބޯޓު އުފުލާ މަނަވަރު ފޮނުވައިގެން ބިރުދެއްކުމަކީ އެމެރިކާގެ ޒަމާންވީ ސިޔާސަތުގެ އެއްބައެވެ. ޗައިނާވެސް މިހާރު ކުރާން ދިމާކުރަނީ މިކަންތަކެވެ. ވަރުގަދަކުރާނަމޭ ހިތައި އެއުޅެނީ ގަންބޯޓު ޑިޕްލޮމަސީއެވެ.

މަތިންދާބޯޓު އުފުލާ މަނަވަރަކީ ގިނިކަންޏާ ދަތުރުކުރާ އެއްޗެއް ނޫނެވެ. އެކަނިމާއެކަނި އޮޕަރޭޓްކުރާ އެއްޗެއްވެސް ނޫނެވެ. އެޔަށް ހިމާޔަތްދީ ރައްކާތެރިކޮށް ބާރުދޭނޭ އިތުރު ދިހަބާރަ މަނަވަރު އަބަދުވެސް އެކުގައި ދަތުރުކުރާނެއެވެ. މަތިންދާބޯޓު އުފުލާ މަނަވަރު އަބަދުވެސް އޮޕަރޭޓްކުރާނީ ބޮޑު އަރުމާދެއްގެ ގޮތުގައެވެ. އަރުމާދަކީ ބައިވަރު އުޅަނދުގެ މައްޗަށް އެކުލެވޭ ފްލީޓެވެ. އެހެންވީމާ ދުރުނޫން ހިސާބުތަކުގައި ރަހުމަތްތެރި އަމާން ބަނދަރުތައް ހުރުން ލާޒިމެވެ. ޗައިނާއިން ބޭރުގައި ޗައިނާގެ އަސްކަރިއްޔާއިން އޮޕަރޭޓްކުރާ މިވަގުތު އޮތީ އެންމެ ނޭވަލް ބޭހެކެވެ. އެއީ އިންޑިޔާކަނޑުގެ ހުޅަނގުބިތުން ޖިބޫޓީގައެވެ. މިފަދަ ދެވަނަ ބޭހެއް އެޓްލާންޓިކް ކަނޑުގެ އިރުމަތީ ބިތުން އިކުއެޓޯރިއަލް ގިނީގައި ގާއިމްކުރެވޭތޯވެސް ގެންދަނީ ބަލަމުންނެވެ.

ދެކުނު ޕެސިފިކަކީ ޗައިނާގެ ނޭވީއަށް އެންމެ މުހިއްމު ސަރަހައްދުކަމަށްވާއިރު އެ ސަރަހައްދުގައި އަދި ޗައިނާގެ ނޭވަލް ބޭހެއް ނެތެވެ. އެކަމަކު އެފަދަ ތަނެއް ހަދާނެއެވެ. އަދި ނޭނގެނީ ކޮންތަނެއްގައި ކަމެވެ. ބޮޑަށް ބެލެވެނީ ސޮލަމަން އައިލެންޑްސް ނުވަތަ ޕަޕުއާ ނިއުގިނީގައި ކަމަށެވެ. މިކަން ވިޔަނުދިނުމަށް އޮސްޓްރޭލިޔާ އާއި އެމެރިކާ އަދި ޖަޕާނުން ބާރުއަޅާނެއެވެ. އެހިސާބުގެ ގައުމުތަކަށް ހުސްނުވާނޭހެން ފައިސާވެސް އަޅާނެއެވެ. އެހެންވީމާ މިކުޅިވަރު ވާނީ ހަގީގަތުގައިވެސް ވަރަށް ޚަރަދުބޮޑު ކުޅިވަރަކަށެވެ. ކިތަންމެ ބޮޑު ހޭދައެއްކޮށްގެން ވިޔަސް މިކަން ވިޔަ ނުދިނުމަކީ އޮސްޓްރޭލިޔާ އާއި އެމެރިކާގެ މަސްލަހަތު ނިޔާކުރާގޮތެވެ. ކިތަންމެ ގިނަ ފައިސާ އަޅައިގެން ވިޔަސް މިކަން ކުރުމަކީ ޗައިނާގެ މަސްލަހަތެވެ. އެހެންވީމާ ދެންވާ އެއްޗެއް ބަލަން ތިބެމާބަހީއެވެ.