އެއްޖިންސުން ގުޅުން ހިންގަނިކޮށް ލީކު ކޮށްލާފައިވާ ފޮޓޯތަކުގެ ސައްހަކަން ފުލުސް އޮފީހަށް ކަށަވަރު ނުވަނީސް އެއީ އަސްލު ކަމަށް ބަލައި، އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުމުގެ ޖާގަ އޮތްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ، ލިވާތުކުރުންފަދަ ފާހިޝް އަަމަލުތައް ހިންގާ ފަރާތްތަކަށް އިސްލާމީ ޝަރިއަތުގައިވާ އަދަބުދީ އެފަދަ މުންކަރާތްތައް ވަގުތުން ހުއްޓުވުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިދިކޮޅު ފަރާތްތަކުން ހުށަހަޅަން އެދުނު ދެ ކުއްލި މައްސަލައާ ގުޅިގެންނެެވެ.

އެ ދެ ކުއްލި މައްސަލަ ހުށަހެޅުމަށް ފުރުސަތު ނުދެއްވައި މަޖިލިސް ރައީސް ވިދާޅުވީ، މިއަދުގެ ޖަލްސާއަށް ލިބިފައިވާ ދެ ކުއްލި މައްސަލަ ބަލައިގަތުމާމެދު ވަރަށް ފުންކޮށް ވިސްނާ ވަޑައިގެންނެވި ކަމަށެވެ. އެ އެ މައްސަލަތައް ގުޅިފައިވަނީ، ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ފޮޓޯތަކަށް ކަމަށްވެސް ވިދާޅުވިއެވެ.

"މި ފޮޓޯތަކަކީ އެކިއެކި މީހުންގެ މައްޗަށް ކުރެވޭ ތުހުމަތު ފުލުސް އޮފީހަށް ހުށަހަޅާފައިވާ ފޮޓޯ، އެ ފޮޓޯތަކުގެ ސައްހަކަން ފުލުސް އޮފީހަށް ކަށަވަރު ނުވެ އެއީ އަސްލު ކަމަށް ބަލައި، އެކަމާ ގުޅޭ ގޮތުން މި މަޖިލީހުގައި ބަހުސް ކުރުމުގެ ޖާގަ އޮތް ކަމަކަށް އަޅުގަނޑު ނުދެކެން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

ފޮޓޯއެއްގެ ޗެއިން އޮފް ކަސްޓަޑީ ނުވަތަ އެ ފޮޓޯ އުފެދިފައި އޮތް ގޮތާއި އުފެދިފައިވާ އޮތް ހަމަތައް ދެނެނުގަނެ އެހެން މީހެއްގެ އަބުރާއި އިއްޒަތަށް ގެއްލުން ލިބޭ ގޮތަށް އެއްވެސް ކަމެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ކުރުމަކީ ރާއްޖޭގެ އުސޫލުތަކާއި ހަމަތަކާއި އާދަކާދަ ޖާގަ ދޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާއަށް ހުށަހަޅަން އެދިފައިވާ ދެ ކުއްލި މައްސަލައިގެ ތެރެއިން އެއް މައްސަލައަކީ ލިވާތުކުރުމާއި ގިނަ ބަޔަކު ބައިވެރިވެގެން ޖިންސީ ގުޅުން ހިންގުން ފަދަ ބިރުވެރި ފާހިޝް އަމަލު މުޖުތަމައުގައި ހިނގަމުންދާތީ އެކަންކަން ހުއްޓުވައި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން އަދަބުދީ، އެފަދަ މުންކަރާތްތައް ވަގުތުން ހުއްޓުވުމަށް ސަރުކާރަށް ގޮވާލައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުވުމަށް އެދިވަޑައިގެންފައިވާ މައްސަލައެކެވެ.

ކުއްލި މައްސަލައަށް ފުރުސަތު ނުދެއްވުމުން މެންބަރު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުގެ އިތުރުން އިދިކޮޅު އެހެން މެންބަރުން ކަމަށްވާ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު މަޖިލީހުގެ ރިޔާސަތުގެ ކުރިމައްޗަށް ވަޑައިގެން އިހުތިޖާޖު ކުރެއްވިއެވެ.

އަދި މެންބަރު ޝިޔާމާއި މެމްބަރު ސައީދު އެދިވަޑައިގަންނަވައިގެން ސުވާލުކުރެއްވުމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދުގެ ޖަލްސާއަށް ހާޒިރުކުރެއްވި ނަަމަވެސް ކުއްލި މައްސަލައަށް ފުރުސަތު ނުދެއްވުމުން އެ ދެ މެންބަރުން ވަނީ މިނިސްޓަރާ ސުވާލު ކުރަން ބޭނުންނުވާ ކަމަށް ވިދާޅުވެފައެވެ.