ދުނިޔެ

އީލޮން މަސްކުގެ ފިރިހެން ދަރިޔަކު އަންހެނަކަށް ބަދަލުވެ ނަންވެސް ބަދަލުކޮށްފި

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނުކަމަށް ބުނެވޭ އެމެރިކާގެ އީލޮން މަސްކުގެ ފިރިހެން ދަރިޔަކު ޖިންސް ބަދަލުކޮށް އަންހެނަކަށް ވެގެން ނަންވެސް ބަދަލުކޮށްފިއެވެ.

އީލޮން މަސްކަށް ދެ ބަނޑަކުން ލިބިފައިވަނީ 8 ދަރީންނެވެ. އޭގެތެރެއިން ހަ ދަރީންގެ މަންމަޔަކީ ކެނެޑާގެ ލިޔުންތެރިއެއް ކަމަށްވާ ޖަސްޓީނާ ވިލްސަނެވެ. އެތަނުން 18 އަހަރުވީ ޒަވިއަރ އެލެގްޒާންޑަރ މަސްކު މިހާރު ބުނަނީ އޭނާއަކީ ފިރިހެނެއް ނޫންކަމަށާއި އަންހެނެއް ކަމަށެވެ. އެހެންވެ ރަސްމީގޮތުން ނަން ބަދަލުކުރަންވެސް ވަނީ ހުށައަޅައިފައެވެ. އައު ނަމަކީ ވިވިއަން ޖެންނާ ވިލްސަނެވެ.

ޖިންސު ބަދަލުކުރުމަކީ ބައްޕައެއްގެ ހައިސިއްޔަތުން އީލޮން މަސްކު ވަރަށް ނުރުހޭ ކަމެކެވެ. ޖައްވަށް ރޮކެޓާއި ސެޓެލައިޓް ފޮނުވައި މުޅި ދުނިޔެއަށް ސައިންސްގެ ބޮޑު އިންގިލާބެއް ގެންނަމުންދާ އީލޮންއަށް އޭނާގެ ދަރިފުޅުގެ ވިސްނުމާއި ނިންމުމަށް ބާރެއް ނުފޯރުވުނެވެ. އީލޮން މަސްކު ރުޅިއަރައިގަނެގެން ބަވައިލީމާ ދަރިފުޅު މިހާރުވަނީ ބައްޕަޔާ މުޅިން ގުޅުން ކަނޑާލައިފައެވެ. ލާރިޔެއްވެސް މުދަލެއްވެސް ބޭނުމެއް ނޫނޭ ބުނެ ނަމުގެ ފަހަތުން މަސްކުވެސް ކަނޑާލައިފިއެވެ.

އީލޮން މަސްކާއި ޖަސްޓީނާ ވިލްސަން އިނދެގެން އުޅުނީ ދެހާސްވަނަ އަހަރުން ފެށިގެން ދެހާސްއަށަކަށެވެ. އެދެމީހުންގެ ފުރަތަމަ ދަރިފުޅު ޅަފަތުގައި މަރުވީއެވެ. ދެން ލިބުނީ އެއްމާބަނޑު ދެބެއިންނެވެ. އެއީ މިހާރު އަންހެނެއްކަމަށް ދައުވާކުރާ ކުއްޖާޔާއި ގްރިފިންއެވެ. ޖިންސު ބަދަލުކުރި މައްސަލައިގައި އާއިލާ ތެރޭގައި އަރައިރުން ހިނގިޔަސް މީޑިޔާގައި މިކަމާމެދު އީލޮން މަސްކު އެއްވެސް ވާހަކައެއް ނުދައްކައެވެ.