ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފަތުރަމުންދާ އަދި ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އަމީން ގޭ ބަންދަށް ބަދަލުކުރި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލާ ބެހޭ ގޮތުން ބެލި ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
އޮކްޓޯބަރު 23، 2020 ގައި ހައްޔަރުކުރި އަމީންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއަކާއި ޓެރަރިޒަމް އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާއެކެވެ.
ބަންދު މުރާޖައާ ކުރުމަށް ކްރިމިނަލް ކޯޓުގައި ހުސްވި 2021 ވަނަ އަހަދުގެ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އަމީން ގޭ ބަންދަށް ބަދަލުކުރީ އޭނާއަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ ކަމަށް ބުނެ ހުށަހެޅި މައްސަލަ ބެލުމަށްފަހުއެވެ. އެކަމާ ގުޅިގެން އިސް ގާޒީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅުނެވެ.
ޖޭއެސްސީން މިއަދު ބުނީ، އެ ކޮމިޝަންގެ ގާނޫނުގެ ދަށުން އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއާ ގުޅިގެން 2021 މެއި ހަތަރުވަނަ ދުވަހު ސުލޫކީ މައްސަލަ ތަހުގީގުކުރުމަށް ނޯޓިސްދީފައިވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލުގެ ސުލޫކީ މައްސަލަ، ތަހުގީގުކޮށް އެ މައްސަލަ ސާބިތުނުވާ ކަމަށް މިއަދު ބޭއްވި ކޮމިޝަނުގެ 44 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު