ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އެކަން މަރު ކޮމިޝަނުން "ވަން" އަށް ޔަގީންކޮށްދިން ނަމަވެސް އިތުރު ތަފުސީލެއް ނުދެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި މިއަދު ހައްޔަރުކޮށްފައި ވަނީ އިސްމާއިލް އަބްދުއްރަހީމް (އިސޫ) އާއި އަހުމަދު އިސްމާއިލް (އަހަނދު) އެވެ.

އެގޮތުން ކޯޓު އަމުރެއްގެ ދަށުން އިސޫ ހައްޔަރުކުރީ ކާނިވަލުގައި ސައިބޯން އިންދާ ފުލުހުންގެ ޓެކްޓިކަލް ޓީމަކުން އެތަނަށް ގޮސްގެންނެވެ. އަހަނދު ހައްޔަރުކުރި ތަނެއް އަދި ސާފެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި ދެ މީހުންވެސް ހައްޔަރުކޮށްފައި ވަނީ 2014 ވަނަ އަހަރު ރިލްވާން ވަގަށް ނެގުމަށްފަހު މަރާލުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކޮށެވެ.

މިއަދު ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އިސޫއަކީ ސީރިއާގެ ހަނގުރާމައަށް ދާން އުޅުމުގެ ތެރޭގައި ތުރުކީ ބޯޑަރު ކައިރިން 2015 ވަނަ އަހަރު ހައްޔަރުކުރި މީހެކެވެ. އަދި މާރާމާރީއާއި ޓެރަރިޒަމްގެ މައްސަލަތަކެއްގައި މީގެ ކުރިން އޭނާ ހައްޔަރުކޮށްފައިވެއެވެ.

އަހަނދަކީވެސް އެކި މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮންނަ އަދި ރާއްޖޭގައި ހަރަކާތްތެރިވާ ގޭންގެއްގެ އިސް މީހެއް ކަމަށް ފުލުހުން ތުހުމަތުކުރާ މީހެކެވެ.

ރިލްވާން މައްސަލައިގައި މަރު ކޮމިޝަންގެ ތަހުގީގަށް ކުރިއެރުމެއް ލިބިފައި މިވަނީ، ރިލްވާންގެ މައްސަލައިގެ ތަހުގީގު ދިގުވެ، އެތައް ބައެއްގެ ފާޑުކިޔުންތައް ކޮމިޝަނަށް އަމާޒުވެފައި ވަނިކޮށެވެ.

އޮގަސްޓް 8، 2014 ވަނަ ދުވަހުގެ ރޭ ވަގަށް ނެގި ރިލްވާންގެ މަރުގެ ތަހުގީގު ނިންމައި ކޮމިޝަނުގެ ހޯދުންތައް މިއަހަރު މެދުތެރޭ ލިބޭނެކަމުގެ ޔަގީންކަން ރިޔާސީ ކޮމިޝަނުން ދީފައިވާ ކަމަށް، މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށްޓަކައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.