ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ އަންގާރަ ދުވަހު ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގައި ހަމަލާދިން މައްސަލައާ ގުޅިގެން އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ. އެއާއެކު އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ އަދަދު މިވަނީ 15 އަށް އަރައިފައެވެ. ނަމަވެސް ފަހުން ހައްޔަރުކޮށްފައިވާ މީހުންގެ ވަނަވަރެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރީ ކ. ތުލުސްދޫ/ ވީނަސް، މުހައްމަދު ނަދީމް (43އ) އާއި މއ. ކަނުހުރާ/ މުހައްމަދު ޒިލްޔަން (37އ) އާއި ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް (30އ) އާއި ތ. މަޑިފުށި/ ހެޕީސައިޑް، މުހައްމަދު މައުސޫމް (40އ) އާއި ހއ. ތުރާކުނު/ ގްރީންހައުސް، މުހައްމަދު ހުސައިން (47އ)ގެ އިތުރުން ގދ. ރަތަފަންދޫ/ ލިލީޕާކް، އަމީން އަހުމަދު (35އ) އެވެ. އެމީހުން ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހުއެވެ.

އޭގެ އިތުރުން އެ މައްސަލައާ ގުޅިގެން މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް (48އ) އާއި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އާދަމް ނިޝާން (38އ) އާއި ޝައިހް ފަޟްލޫން ބިން މުހައްމަދު (33އ) އާއި ޕީޕީއެމްގެ ކައުންސިލް މެންބަރު އިބްރާހިމް ރައްޒާން (32އ) އާއި އަހުމަދު ނަސޫހު (26އ) ގެ އިތުރުން އަބްދުﷲ ރިފާއު (31އ) އެވެ.

ޔޯގާ ހުއްޓުވި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމަށް ގޮވާލައި މާލޭގައި ވަނީ މުޒާހަރާވެސް ކޮށްފައެވެ. ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ޔޯގާ ހަމަނުޖެހުމުގެ މައްސަލައަކީ އެ ސާވިސްއިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނަ މައްސަލައެކެވެ.