މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ 8 ބޯލް ޗެމްޕިއަންޝިޕް ފަށައިފިއެވެ.
ގައުމީ ބިލިއާޑް ސެންޓަރުގައި ކުރިއަށްގެންދާ އެ މުބާރާތުގައި ރޭ ވަނީ ފިރިހެން ޑިވިޝަންގެ 30 މެޗަކާއި އަންހެން ޑިވިޝަންގެ ހަތަރު މެޗެއް ކުޅެފައެވެ.
ރޭ ކުޅުނު ބައެއް މެޗުތަކަށް ބަލައިލާ އިރު، އެމްޕީބީއޭ ރޭންކިންގެ އެއްވަނައިގައި އޮތް ހަސަން ޝާޒް މުހައްމަދު ވަނީ 7-4 ފްރޭމުން އިބްރާހިމް ޝަރީފް ބަލިކޮށްފައެވެ. ރޭންކިންގެ ދެވަނައިގައި އޮތް ހުސައިން ފަޔާޒް ކުޅުނު މެޗުގައި 7-2 ފްރޭމުން މުހައްމަދު ޝަހުލާން ބަލިކުރި އިރު، ތިންވަނައިގައި އޮތް މުހައްމަދު ޝަރީފް ވަނީ 7-1 ފްރޭމުން އިބްރާހިމް ރިޔާޒް ބަލިކޮށްފައެވެ.
ރޭ ކުޅުނު އަންހެން ޑިވިޝަންގެ މެޗުތަކަށް ބަލައިލާ އިރު، އާމިނަތު ނަދާ ވަނީ ސީދާ ފަސް ފްރޭމުން ޖަސްރާ އަހުމަދު ބަލިކޮށްފައެވެ. ފާތިމަތު ޝީއަތު ޝިހާބު އަތުން 5-2 ފްރޭމުން އާއިޝަތު އަލީ މޮޅުވި އިރު، އާއިޝަތު ޒީނާ ވަނީ 5-3 ފްރޭމުން އާމިނަތު އަޒީމާ ބަލިކޮށްފައެވެ. އަދި އާމިނަތު ޒީނާއާ ދެކޮޅަށް ކުޅުނު މެޗުން ދީނާ އަހުމަދު ވަނީ ސީދާ ފަސް ފްރޭމުން މޮޅުވެފައެވެ.
މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގައި 64 ފިރިހެން ކުޅުންތެރިޔަކާއި 15 އަންހެން ކުޅުންތެރިޔަކު ވާދަކުރެއެވެ. އެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަނަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕަށް ހުށަހަޅާފައިވަނީ 5000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.
އޭގެ އިތުރުން ފިރިހެން ޑިވިޝަންގެ އެންމެ މޮޅު އަށް ކުޅުންތެރިންނާއި އެންމެ ގިނަ ބްރޭކް ރަންއައުޓް އަދި ރަން އައުޓް ޖެހި ކުޅުންތެރިޔާ ހޮވުމަށް ހަމަޖެހިފައިވެއެވެ. އަދި އަންހެން ޑިވިޝަންގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނާއި އެންމެ ގިނަ ބްރޭކް ރަންއައުޓް އަދި ރަން އައުޓް ޖެހި ކުޅުންތެރިޔާ ހޮވުމަށް ވެސް ހަމަޖެހިފައިވެއެވެ.
އެ މުބާރާތުގައި މިރޭ ވެސް ފިރިހެން ޑިވިޝަންގެ 30 މެޗަކާއި އަންހެން ޑިވިޝަންގެ ހަތަރު މެޗެއް ކުރިއަށްދާނެއެވެ.
ބިލިއާޑް
ބިލިއާޑް
ބިލިއާޑް
ބިލިއާޑް