ދުނިޔެ

އަދުގެ ދުނިޔެ: ގޮޓާބަޔާގެ ފިޔަ ކޮށައިލުމުގެ ޑްރާފްޓަށް ކެބިނެޓުން އާނބަސް ބުނުން!

އިމާދު ލަތީފު

ސްރީލަންކާގެ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަބައެއްގެ އެދުމަކީ އެގައުމުގެ ރައީސްކަމުން ގޮޓާބަޔާ ރާޖަޕަކްސާ އިސްތިއުފާ ދެއްވުމެވެ. ނުވަތަ ރައީސަށް ގާނޫނީގޮތުން ލިބިފައި އޮންނަ ހައްދެއްނެތް މިންވަރުގެ ބާރުތައް ހަނިކުރުމެވެ. ރައީސްގެ ވަރަ ކޮށައިލުމެވެ. އުދުހުމުގެ ބާރު ކަނޑުވައިލުމެވެ. ފަހުން މިދެންނެވި ގޮތް ނުވަތަ ފިޔަ ކޮށައިލުމުގެ ގޮތުން ސްރީލަންކާގެ ގާނޫނުއަސާސީއަށް ވަރަށް ބޮޑު އިސްލާހެއް ގެނައުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ. މި ހަފުތާގެ ހޯމަދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއްގައި މި އިސްލާހު ގެނައުމަށް ވަނީ ފާސްކޮށްފައެވެ. މި އިސްލާހު ދެން ފޮނުވާނީ ގާނޫނު ހަދާ މަޖިލީހަށެވެ. ރައީސް ގޮޓާބަޔާ ރާޖަޕަކްސާގެ ފިޔަކޮށައިލެވޭނީ އެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ.

ގާނޫނުއަސާސީގައި ރައީސަށް ލިބިދޭ އާރާއިބާރުގެ މާއްދާ އިސްލާހުކުރުމުގެ ޑްރާފްޓަށް މިކިޔަނީ އެކާވީސްވަނަ އިސްލާހެވެ. ގާނޫނުހަދާ މަޖިލީހުން މި އިސްލާހު ފާސްކޮށްފިނަމަ ރައީސްގެ މުށުތެރެއިން ވަރަށް ގިނަ ބާރުތައް ލުހިގެންދާނެއެވެ. ގާނޫނު ހަދާ މަޖިލީހުގެ ބާރު ގަދަވާނެއެވެ. މިނިވަން މުއައްސަސާތަކުގެ މިނިވަންކަން އަލުން ކަށަވަރުވާނެއެވެ. ގާނޫނުއަސާސީގެ މި މާއްދާޔަކީ ރައީސްކަމަށް ގޮޓާބަޔާ ހަމަ އިންތިޚާބުވެ ވަޑައިގަތުމާއެކު އޭނާގެ ބޭބެ އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ އެހީތެރިކަމާއެކު ވަރަށް ބޮޑަށް ކުޅެ ބަދަލުކޮށްފައިވާ މާއްދާއެކެވެ. ރައީސްގެ ބާރުތައް އިތުރުކޮށް ފުޅާކުރުމަށް 2020 ވަނަ އަހަރު ގެނެވުނު އިސްލާހަށް ކިޔަނީ ވިހިވަނަ އިސްލާހެވެ. މިހާރު އެއުޅެނީ ވިހިވަނަ އިސްލާހުން ދިން ބާރުތައް އެކާވީސްވަނަ އިސްލާހުން ނިގުޅައިގަތުމަށެވެ.

އެފަހަރު ރައީސަށް ދިން ބާރުތަކުގެ ތެރޭގައި ވަޒީރުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ހިމެނެއެވެ. އަމިއްލައަށް ވުޒާރާތައް ހިންގުމާއި ފުލުހުންނާއި ސިފައިންގެ އެންމެ މަތީ މަގާމުތަކަށް ވެރިން އައްޔަންކުރުމާއި އެންމެހައި މިނިވަން މުއައްސަސާތަކަށް ވެރިން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރުވެސް ހިމެނެއެވެ. މުޅި އޮޑީގައި ހަސަނުގެ ދެފަޔޭ ބުނެވޭ އުސޫލުންނެވެ. ސްރީލަންކާގައި 1978 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައީވެސް މި ބާރުތައް ރައީސަށް ދީގެންނެވެ. އެހެންނަމަވެސް ދާދިފަހަކުން މައިތިރިޕާލާ ސިރިސޭނާގެ ދައުރުގައި ގާނޫނުއަސާސީ އިސްލާހުކޮށް ވަރަށް ގިނަ ބާރުތައް އަލުން ގާނޫނުހަދާ މަޖިލީހަށް ދީފައިވެއެވެ. އެފަހަރުގެ އިސްލާހަކީ ނަވާރަވަނަ އިސްލާހެވެ. އޭގެ ފަސްއަހަރުފަހުން އެގޮތް ކަމުނުގޮސްގެން އަނެއްކާވެސް ރައީސަށް ބާރުތައް ދިނީއެވެ.

ކުރިން ދެންނެވި ބާރުތަކާއި، އަދި އެހައިތަނަށް އެއްވެސް ރައީސަކަށް ނުދެވޭ އެހެނިހެން ބާރުތަކާވެސް އެކު ދެހާސްވިހިވަނަ އަހަރުން ފެށިގެން ރައީސް ގޮޓާބަޔާ ރާޖަޕަކްސާގެ އުދުހުން ވަރަށްވެސް މައްޗެވެ. ވައިބަދަލުވެ މޫސުން ގޯސްވެ ލޮޅުންތައް އަރާން މެދުވެރިވީ ކޮވިޑޭ ކިޔުނު އާލަމީ ވަބާގެ ނުތަނަވަސްކަން ފެތުރުނު ހިސާބުންނެވެ. ރާޖަޕަކްސާއިންގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ކޮވިޑުގެ ބިޔަ ރާޅުގެ ގެއްލުން ސްރީލަންކާއަށް ކުރިމަތިވީ ދުނިޔޭގެ އެހެން އެއްވެސް ގައުމަކަށް ކުރިމަތިނުވާހާ ބޮޑަށެވެ. އިގްތިސާދު މުޅިން އިނދަޖެހި ގައުމު ބަނގުރޫޓުވެސްވީއެވެ. މިހިސާބުން ރައްޔިތުން މަގުތަކަށް ނިކުމެ ގޮޓާބަޔާ އިސްތިއުފާދޭށޭ، ގެޔަށްދާށޭ ކިޔައިފައި އަޑުގަދަކުރާން ފެށީމާ ހޭލެވިގެން ވިސްނައިލިއިރު އަސްތާ ވަގުތުވެސް މިއޮތީ ފާއިތުވެފައެވެ.

ދޫތަކެއްނުދީ ފަރުޖެއްސޭތޯ އެންމެ އިހަށް ލައްކަ ގިނަ ކަންކަން ކުރެއްވިއެވެ. ގަރާރުތަކެއް ނެރުއްވައި އިމަޖެންސީ ހިންގެވިއެވެ. މަދިރިޔާ ދެކޮޅަށް މަދިރިދުންދަނޑި ބޭނުންކުރެވޭ އުސޫލުން ރައްޔިތުން ފައްސައިލެއްވުމަށް އަސޭމިރުސް ދުންވެސް ޖެއްސެވިއެވެ. "ތަޅާ ކުދިންކޮޅެއް" ނެރުއްވައިގެން ތަޅާލުންތަކެއްވެސް ހިންގެވިއެވެ. އެކަމަކު ގަރާރަކަށް ބިރުން، ފުލުހުންގެ މުގުރަކަށް ބަޑިއަކަށް ގުޑާވަރަށްވުރެ ރައްޔިތުން ތިބީ ފުފިފައެވެ. އެހެންވީމާ ހިތާދެކޮޅަށް ބައެއް ނިންމެވުންތައް ނިންމަވާން މަޖުބޫރުވީއެވެ. ބާރުތަކުން ބައެއް ދޫކޮށްލައްވަން އެއްބަސްވެވަޑައިގަންނަވަން ޖެހުނީއެވެ. ގޮޓާބަޔާގެ އުންމީދަކީ ބާރުތަކުން ބައެއް ދޫކޮށްލައްވައިގެންވިޔަސް އަދިވެސް މަގާމުގައި ދެމިހުންނެވުމެވެ. އެކަން ކާމިޔާބުވާނެތޯ ނުވަތަ ނޫންތޯ އެނގިގެންދާނީ އެކާވީސްވަނަ އިސްލާހު ފާސްކުރީމާ ދެންވާ އެއްޗަކުންނެވެ.

ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކަށް ވިސްނައިލާއިރު ގާނޫނުއަސާސީ އިސްލާހުކުރިޔަސް ނުކުރިޔަސް ރައްޔިތުންގެ އެދުން ބަދަލެއް ނުވާނެއެވެ. ރައްޔިތުންގެ އެދުމަކީ ގޮޓާބަޔާ މަގާމުން ވަކިވުމެވެ. ފިޔަ ކޮށައިލީމާ އެކަން ހަގީގަތަކަށްވާން ދެން ފަސޭހަވެސްވާނެއެވެ. ރައްޔިތުން މިއަދު ތަހައްމަލް ކުރަމުން އެގެންދަނީ ސްރީލަންކާ މިނިވަންވީއްސުރެ ފާއިތުވި ހަތްދިހަ އަހަރުގެ ތެރޭގައި ތަޖުރިބާކުރަން ޖެހިފައިނުވާ ކަހަލަ އިގްތިސާދީ ތަދުމަޑުކަމެކެވެ. ތެލެއް، ބޭހެއް ނުލިބެއެވެ. ގައުމުގެ ޚަޒާނާ ހުސްވެ އެތެރޭގައި މަކުނު ވާފުރައިފިއެވެ. ޒިންމާ އުފުއްލަވަން ޖެހޭ ބޭފުޅަކީ ގޮޓާބަޔާ ރާޖަޕަކްސާއެވެ. އެހެންވީމާ މިއަހަރުގެ ނިޔަލަށްވެސް އޭނާއަށް މަގާމުގައި ދެމިހުންނަވާން ފަސޭހައެއް ނުވާނެއެވެ. ދުވަސްތައް މިހިރަދަނީ ގުނެމުންނެވެ.