ރައްޔިތުންގެ މަޖިލީހާ ގުޅޭ ގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބާއްވަވާ "އާސްކް ސްޕީކާ"ގެ ފަސް ވަނަ ޕްރޮގްރާމް މި މަހުގެ 30 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ބްރޯޑްކާސްޓިން މީޑިއާއާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށް ގެންދާ ޕްރޮގްރާމު ފަށާނީ އެރޭ 9:00 ޖަހާއިރު ކަމަށެވެ.

ރައީސް ނަޝީދާ ސުވާލު ކުރަން ބޭނުންވާ މީހުންނަށް ސުވާލު ފޮނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެެވެ. ފޯނުން ވީޑިއޯ ކުރުމަށް ފަހުވެސް އަދި މެސެޖުކޮށްގެންވެސް ސުވާލުކުރެވޭނެއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ، ވަގުތުން ސުވާލުކުރަން ބޭނުންވާ މީހުން އެ މީހެއްގެ ނަމާއި ކުރަން ބޭނުންވާ ސުވާލު ޖޫން 30 ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަންބަރު 7234566 އަށް ފޮނުވަން އެދޭ ކަމަށެެވެ.

"އާސްކް ސްޕީކާ" ޕްރަގްރާމްތަކުގައި ރައީސް ނަޝީދު އެމަނިކުފާނުގެ އަމިއްލަފުޅު ސިޔާސީ ހަޔާތްޕުޅާ ގުޅޭ ސުވާލުތަކަށާއި ސިޔާސީ ކަންކަމާ އެމަނިކުފާނުގެ އަމިއްލަ ވިސްނުންފުޅާ ގުޅޭ ސުވާލުތަކަށް ޖަވާބުދެއްވައެވެ.

އެންމެ ފަހުން "އާސްކް ސްޕީކާ" ޕްރޮގްރާމް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.