ސަރުކާރު މުއައްސަސާތަކުން ގައުމީ ދިދަ ބޭނުންކުރުމުގައި އަމަލުކުރާނެ އުސޫލެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، އެ އުސޫލަށް އަމަލުކުރުމަށް ރައީސް އޮފީހުން މިއަދު ސަރުކާރުގެ ހުރިހާ މުއައްސަސާތަކަށް އަންގާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ސަރުކާރުގެ މުއައްސަސާތަކަށް ފޮނުވި އުސޫލުގައި ބަޔާންކޮށްފައިވަނީ ގައުމީ ދިދައަށް ހުރުމަތްތެރިކޮށް ހިތައި އަދި ގައުމީ ދިދައިގެ ހުރުމަތަށް އުނިކަމެއް އަންނަ ފަދަ މިންވަރަކަށް ބާވެފައިވާ ނުވަތަ ހަލާކުވެފައިވާ ދިދައެއް އެއްވެސް ކަމެއްގައި ބޭނުން ނުކުރުމަށެވެ. އަދި ސަރުކާރުގެ އިމާރާތްތަކުގައާއި ސަރުކާރުގެ މުއައްސަސާތަކުގެ ރަސްމީ ކަންކަމުގައި އާންމު ގޮތެއްގައި ބޭނުންކުރަންވީ ދިދައިގެ މިންތައް ވެސް ވަނީ ކަނޑައަޅައިފައެވެ.

އެ އުސޫލުގައި ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއިން ގައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ހުންނަންވާ ތަންތަނާއި ހެނދުނު 6:00 އިން ހަވީރު 6:00 އަށް ގައުމީ ދިދަ ނަގާފައި ހުންނަންވާ މުއައްސަސާތައް ވަނީ ބަޔާންކޮށްފައެވެ. އަދި ގައުމީ ދިދަ އާއި އެހެން ދިދައެއް އެކުގައި ހުންނަ ގޮތަށް ދެ ދިދައެއް ނަގާނަމަ ނުވަތަ ބަހައްޓާނަމަ ގައުމީ ދިދަ ހުންނަން ވާނީ އެ ދިދައެއްގެ ކަނާތް ފަރާތުގައި ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

  • - ރައީސް އޮފީސް
  • - މުލިއާގެ
  • - ހިލާލީގެ
  • - އެމްއެންޑީއެފް ހެޑްކުއާޓާ
  • - ފުލުހުންގެ ހެޑްކުއާޓާ
  • - މެދުކެނޑުމެއް ނެތި 24 ގަޑިއިރު ހިދުމަތް ދޭ ސަރުކާރުގެ މުއައްސަސާތައް

ރައީސް އޮފީހުން ބުނީ، އެހެން ދިދައަކާ ކައްތިރިކޮށް ދިވެހި ގައުމީ ދިދަ ނެގިދާނެ ކަމަށެވެ. ނަމަވެސް ދިވެހި ދިދައާއެކު ކައްތިރިކޮށް އެހެން ގައުމެއްގެ ގައުމީ ދިދަ ނެގޭނީ އެ ގައުމަކީ މިނިވަން ގައުމެއް ނަމައެވެ.

ގައުމީ ދިދަ އެހެން ދިދައަކާ ނުވަތަ ދިދަތަކަކާ އެއްވަލެއްގައި ނުވަތަ އެއް ފަށެއްގައި ނަގާނަމަ، ގައުމީ ދިދަ ހިމެނޭ ދިދަ ފަތި ހުންނަން ޖެހެނީ އެންމެ މަތީގައެވެ. އަދި އެފަދަ ވަލަކަށް ނުވަތަ ފަށަކަށް ގައުމީ ދިދަ ނަގާނަމަ އެންމެ ކުރިން ނަގަން ޖެހެނީ ވެސް ގައުމީ ދިދަ ނުވަތަ ގައުމީ ދިދަ ހިމެނިގެންވާ ދިދަ ފައްޗެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ، ދައުލަތުގެ މުއައްސަސާއެއްގެ ނުވަތަ އެހެން ގައުމެއްގެ ނުވަތަ ދިވެހި ސަރުކާރުން ގަބޫލުކުރާ ބައިނަލްއަގުވާމީ ޖަމާއަތެއްގެ ދިދައާއެކު ގައުމީ ދިދަ ނަގާ ތަންތަނުގައި ގައުމީ ދިދަ ހުންނަން ޖެހެނީ އެ ނޫން ދިދަތަކާ އެއް އުސްމިނެއްގައި އަދި އެ ދިދަތަކާ އެއް މިނަކަށް ކަމަށެވެ.

އެކި ކަންކަމުގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމުގައި ގެންގުޅެންވީ ހަމަތައް ދެންނެވުމުގައި ކަނޑައަޅާފައިވާ އިރު، ބޭނުން ނުކުރެވޭ ވަރަށް ބާވެފައިވާ ނުވަތަ ހަލާކުވެފައިވާ ގައުމީ ދިދައެއް ސަރުކާރުގެ މުއައްސަސާއަކުން ނައްތާލުމުގައި ދިދައިގެ ހުރުމަތް ނުކެނޑޭ ގޮތަށް އަމަލުކުރުމަށްވެސް ރައީސް އޮފީހުން ވަނީ އަންގައިފައެވެ.

  • ގައުމީ ފެންވަރެއްގައި ހިތާމަ ފާޅުކުރުމުގެ ނިޝާނެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އެންގުމަކަށް ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުން. ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވާ ކަމުގައި ބަލާނީ ދިދަ ދަނޑީގެ ކުރިން ފެށިގެން ދިދައިގެ ފުޅާމިނަށް ތިރިކޮށްފައި ބެހެއްޓުމުން
  • ގައުމީ ދިދަ ބައިދަނޑިއަށް ނަގަންވެއްޖެނަމަ ދިދަ ނަގާނީ އެ ދިދަ ނެގޭ ދަނޑިއެއްގެ ކުރިއަށް ދިދަ ނެގުމަށްފަހު, އަދި ބައިދަނޑިއަށް ހުރި ދިދައެއް ތިރިކުރާނީވެސް ފުރިހަމަ ދަނޑިއަށް ދިދަ ނެގުމަށްފަހު
  • ގައުމީ ދިދަ ބައިދަނޑިއަށް ނަގާ ހާލަތްތަކުގައި ގައުމީ ދިދައާއެކު އެހެން ދިދައެއް ނުވަތަ ދިދަތަކެއް ނަގައިފައިވާނަމަ އެ ދިދައެއް ނުވަތަ އެ ދިދަތަކެއްވެސް ބަހައްޓަންވާނީ ބައިދަނޑިއަށް ތިރިކޮށްފައި
  • ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމުގައި ހެނދުނު 6:00 އިން ހަވީރު 6:00 އަށް ދިދަ ނަގާ ތަންތަނުގައި ދުވަސް ނިންމާނީ ހަވީރު 6:00 އަށް. 24 ގަޑިއިރު ދިދަ ނަގާފައި ބަހައްޓާ ތަންތަނުގައި ދުވަސް ނިންމާނީ ރޭގަނޑު 12:00 އަށް

ސަރުކާރުގެ މުއައްސަސާތަކުން ބާއްވާ އެއްވުންތަކާއި ރޭލީތަކާއި ހިނގާލުންތަކުގައި ގައުމީ ދިދަ ބޭނުން ކުރެވިދާނެ ކަމަށާއި ކަނޑުމަތީގެ އުޅަނދުތަކުގައި ނުވަތަ އެއްގަމު އުޅަނދުތަކުގައި ނުވަތަ ވައިގެ އުޅަނދުތަކުގައި ގައުމީ ނިޝާނެއްގެ ގޮތުގައި ސަރުކާރުގެ މުއައްސަސާތަކުން ދިވެހި ގައުމީ ދިދަ ބޭނުންކުރެވިދާނެ ކަމަށް ރައީސް އޮފިހުން ބުންޏެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ މޭޒުމަތީގައި ބަހައްޓާ ގޮތަށް ގައުމީ ދިދަ ތައްޔާރުކޮށްގެން ސަރުކާރުގެ މުއައްސަސާތަކުގައި ބޭނުންކުރެވިދާނެ ކަމަށާއި އަދި ގައުމީ ދިދަ ހިމެނޭ ގޮތަށް ބެޖް، ސްޓިކާ، ލޯގޯ، ކަފްލިންކް ފަދަ ތަކެތި ތައްޔާރުކޮށްގެން ސަރުކާރުގެ މުއައްސަސާތަކުގައި ވެސް ބޭނުންކުރެވޭނެ ކަމަށެވެ. އަދި ކަރުދާހުގައި ނުވަތަ ފޮތީގައި ޗާޕުކޮށްގެންނާއި މައުދަނަކުން ނުވަތަ އެނޫންވެސް އެއްޗަކުން ހަދައިގެން ސަރުކާރުގެ ތަންތަނުގައި ގައުމީ ދިދަ ބޭނުންކުރެވިދާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.