ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ޕިކްނިކް އައިލެންޑުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ.
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރަނީ ކ. ކުޑަގިރިއެވެ.
މާލޭ ސަރަހައްދުގެ މީހުން ޕިކްނިކް ދާނެ ރަށެއް ތަރައްގީކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. މިއީ ރައީސް ޕިކްނިކް އައިލެންޑުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވަން އެރަށަށް ވަޑައިގަތް ފުރަތަމަ ފަހަރެވެ.
ރައީސްގެ އަރިހުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އެރަށް ވަޑައިގެންނެވިއެވެ.
ޕިކްނިކް އައިލެންޑްގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލައްވައި މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި އަދި މިހާރު ހިނގަމުންދާ މަސައްކަތްތަކާއި އިތުރަށް ކުރަން ހުރި ކަންކަމުގެ މައުލޫމާތު ރައީސް ވަނީ އޮޅުންފިލުއްވައިފައެވެ.
ޕިކްނިކް އައިލެންޑް ފެހިކުރުމަށް އެރަށުގައި މިއަދު ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ޕްރޮގްރާމުގައިވެސް ރައީސް ސޯލިހް ބައިވެރިވެވަޑައިގެންނެވިއެވެ.
ޕިކްނިކް އައިލެންޑަށް ކަރަންޓު ދިނުމަށް ބޭނުންވާ ކޭބަލް ސްޓެލްކޯއިން ވަނީ މިމަހުގެ އަށް ވަނަ ދުވަހު ނިންމާލައިފައެވެ. ސްޓެލްކޯއިން ބުނެފައިވަނީ، ޕިކްނިކް އައިލެންޑުގައި ބޭނުންކުރާ ކަރަންޓުގެ ބޮޑު ޕަސެންޓެއް އިޔާދަކުރަނިވި ހަކަތައިން އުފެއްދުމަށްޓަކައި އެކަމުގެ ދިރާސާތައް ކުރަމުން އަންނަ ކަމަށެވެ.
ފެނަކަ ކޯޕަރޭޝަނުން ވަނީ ޕިކްނިކް އައިލެންޑުގައި 150 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑުގެ ގޮތުގައި ތަރައްގީ ކުރުމުގެ ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ހަވާލުކުރީ އެމްޓީސީސީއާއެވެ. އެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކުރީ 41 މިލިއަން ރުފިޔާއެވެ.
ކުޑަގިރިއަކީ ތިލަފުށީ ކައިރީގައި އޮންނަ ފަޅެކެވެ. އެ ފަޅު އޮންނަނީ ފެރީގައި 30 ވަރަކަށް މިނެޓުން އަދި ލޯންޗުގައި 10 ވަރަކަށް މިނެޓުން ދެވޭ ހިސާބުގައެވެ.
ސަރުކާރުން އަންނަނީ ކ. އެނބޫދޫފަޅުން ހިއްކާފައިވާ ރަށްތަކުގެ ތެރެއިން ރަށެއްގައިވެސް ޕިކްނިކް އައިލެންޑެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު