ކޮވިޑް-19ގެ ފަރުވާއަށް ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު 34 މިލިއަން ރުފިޔާއަށް ހޯދަން ހަވާލުކުރި މައްސަލައިގައި ތަހުގީގު ފުރިހަމަކޮށް ދައުވާކުރުމުގެ ކުރިން މަޝްވަރާއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަނެއްކާވެސް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
މިއީ އެ މައްސަލަ އޭސީސީން ޕީޖީއަށް ފޮނުވި ހަތަރު ވަނަ ފަހަރެވެ. އޭގެ ކުރިން ކޮންމެ ފަހަރަކު ޕީޖީން ވަނީ އެ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލައިފައެވެ. ޕީޖީން ބުނެފައިވަނީ މައްސަލަ އަނބުރާ ފޮނުވާލާފައިވަނީ ތަހުގީގު ފުރިހަމަ ނުކުރެވި ހުރުމުންނާއި ދައުވާކުރަން އެކަށީގެންވާ މިންވަރަށް ހެކި ނެތުމުން ކަމަށެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް، ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު "ވަން" އަށް ވިދާޅުވީ، އޭސީސީން ވެންޓިލޭޓަރު މައްސަލަ އަލުން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ އާދިއްތަ ދުވަހުގައި ކަމަށެވެ. ޝަފީއު ވިދާޅުވީ، ޕީޖީގެ ފަރާތުން އެ މައްސަލަ އެންމެފަހުން އަނބުރާ ފޮނުވާލީ ބައެއް ކަންކަން އިސްލާހުކުރަން ހުރުމުން އެކަންކަން އިސްލާހުކުރަން ކަމަށެވެ.
ޝަފީއު ވިދާޅުވީ، މިފަހަރު ފޮނުވިއިރު، ބައެއް ކަންކަން އިސްލާހުކޮށްފައިވާ ކަމަށާއި އަދި ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ބޭނުންވާ މުހިންމު ލިޔުމެއް ވެސް ޕީޖީގެ ފަރާތުން އެދުމުން އޭސީސީން ފޮނުވާފައިވާ ކަމަށެވެ.
މިހާރު ގެންދަނީ އެ މައްސަލައާމެދު މަޝްވަރާކުރަމުން ކަމަށާއި އަދި ދައުވާކުރުމާމެދު ގޮތެއް ނުނިންމާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ މައްސަލާގައި ހެލްތު މިނިސްޓްރީގެ 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފައެވެ.
އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ، ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި އޭސީސީ އާއި ފުލުހުން ގުޅިގެންނެވެ.
- ކުރީގެ ހެލްތު މިނިސްޓަރު އަބުދުﷲ އަމީން
- ކުރީގެ ޑެޕިޔުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު
- ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު،
- ޑިރެކްޓަރު ނައުޝާދު އަލީ
- ޑިރެކްޓަރު (ފައިނޭންސް އެގްޒެކްޓިވް) އަހުމަދު އަސްލަމް
- ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ޢަބްދުﷲ ޝަރީފް
- އެސިސްޓެންޓް ޑިރެކްޓަރު ފާތިމަތު ލިމްޔާ
- އެސިސްޓެންޓް ޑައިރެކްޓަރު އަބްދުﷲ ހަފީޒް
- ލީގަލް އޮފިސަރު އަލީ ޝިހާމް
- އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒް
- ބިޑް ކޮމިޓީގެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާމިނަތު ޝައުފާ
ޚަބަރު
ޚަބަރު
ޚަބަރު