މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ (އެމްއޭއޭ)ގެ ފްލައިން ސްކޫލަށް އަލަށް ގެނައި އިތުރު ތިން އެއާކްރާފްޓާއި އިންސްޓްރަކްޓަރުންނަށް މޯލްޑިވްސް ސިވިލް އެވިއޭޝަން އޮތޯރިޓީއިން ހުއްދަދީފިއެވެ.
އައިލެންޑް އެވިއޭޝަން ސާވިސަސް (އައިއޭސް) އާއި ޗެކް ރިޕަބްލިކުގެ ފުލައިޓް ޓްރެއިނިން ސްކޫލެއް ކަމުގައިވާ ފްލައިން އެކަޑަމީ އާއި ގުޅިގެން ގާއިމު ކުރަމުން އަންނަ އެމްއޭއޭ، ފްލައިން ސްކޫލުގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބު މީޑިއާތަކާ ވަނީ ހިއްސާކޮށްފައެވެ.
އައިއޭއެސްއިން އިއްޔެ ބުނީ، ފުލައިޓް ޓްރެއިނިންއަށް ބޭނުންކުރާ މަތިންދާބޯޓުތައް މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައި އައްޑޫގެ ގަމުގައި ވަނީ ހެންގަރެއް ގާއިމްކޮށް އިންޖީނިއަރުންނާއި މެކޭނިކުން އަދި އެކަމަށް ބޭނުންވާ ހުރިހާ ޓޫލްސް، އިކުއިޕްމެންޓް ސްޕެއާސް ހަމަކުރެވިފައި ކަމަށެވެ. މިހާރު ކުރިއަށްދަނީ ހެންގަރަށް ސިވިލް އެވިއޭޝަނުން ހުއްދަ ހޯދުމުގެ މަސައްކަތް ކަމަށް އައިއޭއެސްއިން ބުންޏެވެ.
ފުލައިޓް ޓްރެއިނިންއަށް ބޭނުންވާ ހަ އެއާކުރާފްޓު ގަތުމަށް ފަހު އައްޑޫގެ ގަމަށް ގެންގޮސް ފްލައިންއަށް ބޭނުންވާ ތައްޔާރީތައްވުމަށް އަޅަންޖެހޭ ޓެސްޓު ފުލައިޓުތައް އެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އައިއޭއެސްއިން ބުންޏެވެ. އޭގެ ތެރެއިން ބައެއް އެއާކުރާފުޓުތަކުގެ ޓެސްޓު ފުލައިޓުތައް އެޅުމަށްފަހު ދުއްވުމަށް ބޭނުންވާ ހުއްދަތައް ސިވިލް އެވިއޭޝަނުން ދީފައިވާކަމަށް އައިއޭސްއެސްއިން ބުންޏެވެ.
"އިތުރު އެއާކުރާފުޓުތަކުގެ ޓެސްޓު ފުލައިޓުތައް މިހަފުތާގެ ތެރޭގައި އެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި މި އެއާކުރާފްޓުތައް ދުއްވުމަށް ބޭނުންވާ ހުއްދަތައް ހޯދުމުގެ ގޮތުން މޯލްޑިވްސް ސިވިލް އެވިއޭޝަން އޮތޯރިޓީއިން ހަދަންޖެހޭ އިންސްޕެކްޝަންތައް މިއަންނަ ހަފުތާގެ ކުރީކޮޅަށްވަނީ ތާވަލުކުރެވިފައެވެ" އައިއޭއެސްއިން ބުންޏެވެ.
ފުލައިޓް ޓްރެއިނިން ސްކޫލުގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ބޭނުންވާ ހަ ފުލައިޓް އިންސްޓްރަކްޓަރުންގެ ތެރެއިން ހަތަރު އިންސްޓަރެކްޓަރެއް މިހާރު ތިބީ ގަމުގައި ކަމަށާއި، އެ މީހުންނަށް ބޭނުންވާ ހުއްދަތައް ސިވިލް އޭވިއޭޝަނުން ދީފައިވާކަމަށް އައިއޭއެސްއިން ބުންޏެވެ.
"އިތުރު ދެ އިންސްޓްރަކްޓަރަކު ގެނައުމަށް ހަމަޖެހިފައިވަނީ، މޯލްޑިވިއަން އެވިއޭޝަން އެކަޑަމީގެ ޕާޓްނަރު ކަމުގައިވާ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީންނެވެ. މި ދެ އިންސްޓްރަކްޓަރުން ގެނައުމުގެ ހުރިހާ އިންތިޒާމު މިހާރުވަނީ ހަމަޖެހިފައެވެ. އަދި މިހިނގާ ޖޫންމަސް ނިމުމުގެ ކުރިން ރާއްޖެ އަންނާނެއެވެ. މީގެ އިތުރުން އިދާރީ ފަސް މުވައްޒަފަން ރެކްރޫޓްކޮށް، އޮފީސް ވެސް ވަނީ ގާއިމު ކުރެވިފައެވެ." އައިއޭއެސްއިން ބުންޏެވެ.
އައިއޭއެސްއިން ބުނީ، ޕައިލެޓް ޓްރެއިނިން ހަދަމުންދިޔަ ދަރިވަރުންގެ ތެރެއިން ފުރަތަމަ ބެޗުގައި ހިމެނޭ 35 ދަރިވަރުންގެ ރިފްރެޝާ ޕްރޮގްރާމް ނިންމުމަށްފަހު މިހާރު ތިބީ ފްލައިން ފުރިހަމަ ކުރުމަށް ތައްޔާރަށް ކަމަށެވެ.
ދެ ވަނަ ބެޗުގެ 39 ދަރިވަރުންގެ ރިފްރެޝާ ޕްރޮގްރާމް ފެށިގެން މިހާރު ކުރިއަށްދާ ކަމަށާއި، އަދި ޖުލައި މަހަށް އެ ދަރިވަރުންގެ ރިފްރެޝާ ޕްރޮގްރާމް ނިމޭނެކަމަށާއި އެއަށްފަހު ތިން ވަނަ ބެޗުގެ ދަރިވަރުންގެ ރިފްރެޝާ ޕްރޮގްރާމް ފަށާނެކަމަށް އައިއޭއެސްއިން ބުންޏެވެ.
ކުރިން ފުލައި ކޮށްފައިވާ ޕައިލެޓުކަން ކިޔަވާ ދަރިވަރުންގެ ގަޑިތައް ކުރެޑިޓް ދެވޭނެ އުސޫލެއް ގާއިމުކޮށް ކޮންމެ ދަރިވަރަކަށް ވަކިން ފުލައިން ޕްރޮގްރާމެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އައިއޭއެސްއިން ބުންޏެވެ.
އެގޮތުން ފުލައިން ޕްރޮގްރާމް ކަނޑައެޅުމަށް ކޮންމެ ދަރިވަރަކާއި އެކު ކުރިއަށްގެންދާ ވަކިވަކި އިންޓަވިއުގެ މަސައްކަތް އިއްޔެ ފަށައިފައިވާ ކަމަށާއި، ފުރަތަމަ ބެޗުގައި ހިމެނޭ 35 ކުދިންގެ ފުލައިން ޕްރޮގްރާމް މަސައްކަތް އަންނަ ހަފުތާގައި ނިމޭނެކަމަށް ލަފާކުރެވޭކަމަށް އައިއޭއެސްއިން ބުންޏެވެ.
އެމްއޭއޭއަކީ ޗެކް ރިޕަބްލިކުގެ ފުލައިން އެކަޑަމީ އާއި ގުޅިގެން ގާއިމް ކުރާ ސްކޫލެއް ކަމަށްވުމުން، އެތަން ހިންގަމުންދާނީ ރާއްޖޭގެ ސިވިލް އެވިއޭޝަން އާއި ޔޫރަޕިއަން އެވިއޭޝަން ސޭފްޓީ އެޖެންސީ (އިއާސް)ގެ ސްޓޭންޑާޑުތަކާއި އެއްގޮތަށެވެ.
އެމްއޭއޭ ބޭނުންވާ ހުއްދަތައް ހޯދުމުގެ މަސައްކަތް އައިއޭއެސްއިން ކުރިއަށް ގެންދާނީ ޗެކް ރިޕަބްލިކު ފްލައިން އެކަޑަމީއާ ގުޅިގެން ކަމަށާއި، ފުލައިން ސްކޫލުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް އަންނަ ހަފުތާ ނިމުމުގެ ކުރިން އަންގާނެކަމަށް އައިއޭއެސްއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު