ނ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު ހާރޫނު މިނިސްޓަރު ނަސީމާ ލިޔުމުން ސުވާލުކުރައްވާފައި ވަނީ، ނ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް 2020 ވަނަ އަހަރު އިއުލާން ކުރި ނަމަވެސް އެކަމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގޮސްފައިނުވާ ކަމަށާއި އެހެންކަމުން އެ ހޮސްޕިޓަލުގެ މަސައްކަތް ނުފެށި ލަސްވަނީ ކީއްވެގެންތޯއާއި ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވޭތޯ އަދި އެކަމުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހަކީ ކޮބައިތޯ އޮޅުން ފިލުވުމަށެވެ.
އެ ސުވާލަށް މިނިސްޓަރު ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވީ ކޮންޓްރެކްޓާ ފައިނޭންސްގެ ދަށުން އަތޮޅު ހޮސްޕިޓަލް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން 2020 ވަނަ އަހަރު ޓެންޑާ ކުރި ނަމަވެސް އެ މަސައްކަތް ކުރުމަށް ހުށަހަޅާފައިވާ އަގުތަކަކީ ވަރަށް ބޮޑެތި އަގުތަކެއް ކަމަށެވެ. އެ މަސައްކަތް ކުރިއަށް ނުދިޔައީ އެހެންވެގެން ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މި ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ބޭންކް އޮފް މޯލްޑިވްސްގެ ފައިނޭންސްގެ ދަށުން ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން މި މަސް ނިމުމުގެ ކުރިން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޓެންޑާކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު