އެތައް އަހަރެއް ވަންދެން ދަރިން ސްކޫލަށް ފޮނުވާފައިނުވާތީ އާއި ދަރިއެއްގެ ކައިވެނި އަމިއްލައަށް ކޮށްދިން ބައްޕައެއް އެއް އަހަރާއި ހަތަރު މަހަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި އެ ކުދިންގެ ބައްޕަ އަހުމަދު ނިޔާޒުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއްކުރިއެވެ.
އެއީ އޭނާގެ އުމުރުން 17 އަހަރުގެ ދަރިފުޅާއި 16 އަހަރުގެ ދަރިފުޅާއި 12 އަހަރުގެ ދަރިފުޅަށް ތައުލީމު ދިނުމަށް ސްކޫލަށް ފޮނުވަންޖެހޭ އުމުރުގައި ސްކޫލަށް ނުފޮނުވައި އެ ކުދިންގެ އުނގެނުމުގެ ހައްގުން މަހުރޫމް ކޮށްފައިވާތީ، އޭނާގެ މައްޗަށް ކުރި ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާއާއި 12 ޑިސެމްބަރު 2018 ގައި އޭނާގެ ދަރިއުޅު އާމިނަތު ސަމްހާއާއި އިސްމާއީލް އާސިފްގެ ކައިވެނި އަމިއްލައަށް ކޮށްދީފައިވާތީ ހުއްދަ ނަގައިގެން ކުރަންެޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.
އެ މައްސަލައިގެ ތަހުގީގުތަކުން އެނގޭ ގޮތުގައި، އޭނާގެ ދަރިންގެ ތެރެއިން 17 އަހަރުގެ ކުއްޖާ ސްކޫލަށް ފޮނުވީ ގުރޭޑް ތިނަކާ ހަމައަށެވެ. އުމުރުން 16 އަހަރުގެ ކުއްޖާ ފޮނުވީ ގުރޭޑް އެކަކާ ހަމައަށެވެ. އަދި އުމުރުން 12 އަހަރުގެ ކުއްޖާ ސްކޫލަށް ފޮނުވީ ޔޫކޭޖީއާ ހަމައަށެވެ. އަދި 20 އަހަރުގެ ކުއްޖާ ބުނެފައިވާ ގޮތުގައި އޭނާ ކިޔަވަން ފޮނުވީ ގްރޭޑް ފަހަކާ ހަމައަށް ކަމަށެވެ.
ދައުވާ އުފުލާފައިވާ ނިޔާޒު، އޭނާ ކުރި އަމަލު ދިފާއު ކުރަމުން ކޯޓުގައި ބުނީ އެ ކުދިން ސްކޫލަށް ނުފޮނުވީ ދެ ޖިންސު އެއްކޮށް ކިޔަވައިދޭތީއާއި ސްކޫލުގައި ލަވައާއި މިއުޒިކު ޖަހާތީ ކަމަށެވެ. އެކަންތައް އިސްލާހުކުރަން އޭނާ އެދުނު ކަމަށާއި އަދި ކުދިން ނަމާދަށް ދާން ހުރަސް އެޅޭ ގޮތަށް ސްކޫލުން އަމަލުކުރި ކަމަށްވެސް ބުންޏެވެ. ނަމަވެސް ކުދިން ސްކޫލަށް ނުފޮނުވުމަކީ ކުށެއްކަން ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
އަމިއްލައަށް ދަރިފުޅުގެ ކައިވެނި ކޮށްދިނުން ދިފާއުކޮށް އޭނާ ބުނީ، އެކަން ކުރި އެއީ ދީނީ ގޮތުން ކުރެވޭ ކަމަަކަށްވާތީ ކަމަށެވެ. އަދި އެކަން ނުކުރެވޭނެ ކަމަށް ބުނާ ދަލީލެއް ފެންނަން ނެތް ކަމަށްވެސް ބުންޏެވެ.
މި ދެ މައްސަލަވެސް ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް މިދިޔަ ބުރާސްފަތި ދުވަހު އިއްވެވި ހުކުމްގެ ތެރެއިން ދަރިން ސްކޫލަށް ނުފޮނުވި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބެލުމަށްފަހު، ހުކުމް ކޮށްފައިވަނީ ގާނޫނު ހިންގަން ހުރަސް އެޅުމުގެ ކުށަށް ދެވެން އޮތް އެންމެ ބޮޑު އަދަބު ދިނުމަށެވެ. އެއީ އެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ. އެ އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށް ނިޔާޒު އެދުނު ނަމަވެސް އެކަށް ކޮށްދީފައެއް ނުވެއެވެ.
ގާޒީ ނަދީމް ވިދާޅުވީ، އޭނާ ހިންގި އަމަލުގެ ސަބަބުން، ގެއްލިގެންދިޔަ ދަރިންގެ މުސްތަގުބަލާއި ތައުލީމާއި ތަރުބިއްޔަތަކީ އަނބުރާ ހޯދައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ އަދަަބު ޖޫރިމަނާއަކަށް ބަދަލު ނުކުރަން ގާޒީ ނިންމެވިއެވެ.
ހުއްދަ ނެތި ކައިވެނިކޮށް ދިނުމުގެ ކުށުގައި ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ގާޒީ ހުކުމްކުރެއްވި ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރުމުން ތަންފީޒު ކުރަންޖެހުނީ ތިން މަހާއި 20 ދުވަހެވެ.
އެހެންކަނުް މި ދެ ހުކުމުގެ އަދަބެއްގެ ގޮތުން ނިޔާޒު ތަންފީޒުކުރަން ޖެހޭނީ އެއް އަހަރާއި ތިން މަހާއި 20 ދުވަހެވެ.
ޚަބަރު
ޚަބަރު
ޚަބަރު