ކުޑަ ދަރިފުޅުގެ ހަޔާތުގެ ފުރަތަމަ ދުވަސްވަރު ދިމާވެދާނެ ކަންތައްތަކާއި، އަދި އެކަންތައްތަކާ ގުޅިގެން އަމަލުކުރަންވީ ގޮތުގެ މުއަލޫމާތު އެކުލެވޭ "ތުއްތު ދަރިފުޅު" ފޮތް އެސްޓީއޯއިން މިއަދު ނެރެފިއެވެ.

އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ލޯންޗުކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފެވެ.

ފޮތް ލޯންޗުކޮށްދެއްވައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ "ތުއްތު ދަރިފުޅު" ފޮތަކީ ކުޑަ ދަރިފުޅުގެ ހަޔާތުގެ ފުރަތަމަ ދުވަސްވަރު ދިމާވެދާނެ ކަންތައްތަކާއި، އަދި އެކަންތައްތަކާ ގުޅިގެން އަމަލުކުރަންވީ ގޮތުގެ މުއަލޫމާތު އެކުލެވޭނެހެން، އާއިލާތަކުގެ ހޭލުންތެރިކަން އިތުރުކޮށްދިނުމުގެ މަގުސަދުގައި ތައްޔާރުކޮށްފައިވާ ފޮތެއް ކަމަށެވެ.

އަމްރު ވިދާޅުވީ ސަރުކާރުގެ ރިޔާސީ ވައުދާ އެއްގޮތަށް އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާ ފޮށި ދޭން ފަށާފައިވާ އިރު، އެ ހަދިޔާ ފޮށްޓާއެކު މި ފޮތް މައިންނަށް ހަދިޔާކުރާނެ ކަމަށެވެ.

ޑރ. ނިޔާފް ވިދާޅުވީ ހޮސްޕިޓަލުގައި ތުއްތު ދަރިފުޅު އުފަންވާ ވަގުތު ދެވޭ ފަރުވާއިން ފެށިގެން، ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު ދަރިފުޅު ގެންގުޅުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން މި ފޮތުގައި ވަރަށް ތަފުސީލުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ.

ތުއްތު ދަރިފުޅުގެ ހަޔާތުގެ ފުރަތަމަ 100 ދުވަހަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މި ފޮތުގައި، ދަރިފުޅަށް ގާތުން ދިނުމާ ބެހޭގޮތުން އެނގެންޖެހޭ މުހިއްމު މައުލޫމާތުތައް އަދި ފުރަތަމަ ދުވަސްކޮޅުގައި ދަރިފުޅުގެ ހެދިބޮޑުވުމަށް އަންނާނެ ތޮބީއީ ބަދަލުތަކުގެ ތަފުސީލު ހިމެނޭނެ ކަމަށް ޑރ. ނިޔާފް ވިދާޅުވިއެވެ.

ޑރ. ނިޔާފް އިތުރަށް ވިދާޅުވީ، ފުރަތަމަ ދުވަސްކޮޅުގައި ދަރިފުޅުގެ ހަށިގަނޑު ތަޖުރިބާ ކުރާނެ ކަންތައްތަކާއި އަދި މި ކަންކަމުގައި އާއިލާއިން ކަންކުރަންވީ ގޮތް ލިޔެވިފައިވާނެ ކަމަށެވެ.

"ވަރަށް ކުދިކުދި ކަންކަމުގައި ޑޮކްޓަރަށް ދައްކަން އަންނާނެ ބެލެނެވެރިން. އެ ކުދިކުދި ސުވާލުތަކުގެ ޖަވާބު ހުންނާނެ މި ފޮތުގައި. މި ފޮތުގެ ސަބަބުން ވަރަށް ގިނަ މައުލޫމާތުތަކެއް ލިބި ވަގުތުތަކެއް ސަލާމަތްކުރެވޭނެ. ތުއްތު ދަރިފުޅުގެ ސިއްހަތާއި ދުޅަހެޔޮކަން މަންމަގެ ދުޅަހެޔޮކަމާ ވަނީ ވަރަށް ގާތްކޮށް ގުޅި ލާމެހިފައި. އެހެންކަމުން މަންމަ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ސަމާލުކަން ދޭންވީ ކަންކަންވެސް މި ފޮތުގައި ހިމެނިފައިވާނެ. އެސްޓީއޯ އިން އިސްނަގައިގެން މިފަދަ ފޮތެއް ނެރުމަށް އިސްނެގީތީވެ ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" އޭނާ ވިދާޅުވިއެވެ.

"ތުއްތު ދަރިފުޅު" ނަމުގައި އެސްޓީއޯއިން މިއަދު ނެރުނު ފޮތުގެ އެހީގައި ދަރިފުޅުގެ ހަޔާތުގެ ފުރަތަމަ ދުވަސްކޮޅުގައި ލިބެންޖެހޭ އެންމެ ފުރިހަމަ އަޅާލުން ދިނުމަށް އެކަށީގެންވާ މައުލޫމާތު އާއިލާތަކަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ފޮތް ހޮސްޕިޓަލުތަކާއި ފާމަސީތަކާ ގުޅިގެން އާންމުންނަށް ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރާ ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި މި ފޮތަކީ ހިލޭ ދޫކުރާ ފޮތެކެވެ.