ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރާ ކ. ކުޑަގިރީގައި ކަރަންޓް ދިނުމަށް ބޭނުންވާ 3،000 މީޓަރުގެ ކޭބަލް ވަޅުލުމުގެ މަސައްކަތް ސްޓެލްކޯ އިން ނިންމާލައިފި އެވެ.

ސްޓެލްކޯ އާއި ސަރުކާރުން މި މަސައްކަތް ހަވާލު ކުރުމުން އަމާޒު ހިފީ 15 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ހަވާލު ކުރުމަށް ކަމަށް ސްޓެލްކޯއިން ބުންޏެވެ. އެގޮތުން ސްޓެލްކޯ އިން މި މަސައްކަތް ފެށީ މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހު އެވެ.

ކުޑަގިރީގައި ސްޓެލްކޯ އިން އިތުރަށް ކުރަން ޖެހޭ މަސައްކަތަކީ ކަރަންޓު ޑިސްޓްރިބިއުޝަން ފޮށިތައް ބެހެއްޓުމާއި މަގުބައްތިތައް ހަރުކޮށް ކަރަންޓް ގުޅައިދިނުން ކަމަށް އެކުންފުނިން ބުންޏެވެ.

ސްޓެލްކޯ އިން އިތުރަށް ބުނީ ކުޑަގިރީގައި ބޭނުންކުރާ ކަރަންޓުގެ ބޮޑު ޕަސެންޓެއް އިޔާދަކުރަނިވި ހަކަތައިން އުފެއްދުމަށްޓަކައި އެކަމުގެ ދިރާސާތައްވެސް ކުރަމުން އަންނަ ކަމަށެވެ. މާލޭ ރައްޔިތުން ޕިކްނިކް ދާނެ ރަށެއް ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑު ތަރައްގީ ކުރުމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ހަވާލުކުރީ އެމްޓީސީސީއާއެވެ.

ކުޑަގިރި އަކީ ތިލަފުށީ ކައިރީގައި އޮންނަ ފަޅެކެވެ. މި ފަޅު އޮންނަނީ ދޯނީގައި 30 ވަރަކަށް މިނެޓުން އަދި ލޯންޗުގައި ދިިހަ ވަރަކަށް މިނެޓުން ދެވޭ ހިސާބުގައެވެ.