މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން އަލަށް ގެންނަ ބަލްކް ކެރިއާ، ޖުމުލަ 41،500 ޓަނުގެ މުދަލާއެކު މިއަދު ރާއްޖެ އައިސްފިއެވެ.
އެމްއެސްއެސް އިން މިއަދު ބުނީ، އެކުންފުނިން އަލަށް ގެނައި ބަލްކް ކެރިއާ "އެމްއެސްއެސް ކްރޯމް" އަކީ ރާއްޖޭގެ ދިދަ ހަރުކޮށްގެން ދުއްވާ އެންމެ ބޮޑު ކަނޑު އުޅަނދު ކަމަށެވެ.
ދިގުމިނުގައި 190 މީޓަރު ހުންނަ އެމްއެސްއެސް ކްރޯމް ރާއްޖެ އައުމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ފަރާތުން ވަނީ ކަނޑުމަތިން މަރުހަބާ ކިޔުމުގެ ގޮތުން ވޯޓާ ސެލިއުޓެއް އަރުވައިފައެވެ.
އެމްއެސްއެސް ކްރޯމް، ޔޫއޭއީގެ ފުޖޭރާ ސިޓީން މުދާ ބަރުކޮށްގެން ރާއްޖެ އައުމަށް ދަތުރު ފަށާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އެ ބޯޓުގައި ޖުމުލަ 41،500 ޓަނުގެ މުދާ ބަރުކޮށްފައި ހުރި އިރު، އެއީ މުޅިންވެސް ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ މުދަލެވެ.
އެ ބޯޓުގެ ދަތުރުތައް ފެށުމުން އިމާރާތް ކުރުމަށް ބޭނުންވާ ސިމެންތި އަދި ހިލަވެލި ފަދަ ތަކެތި ގަނޑުކޮށް ގެނެސް, ހުސް ނުވެ ލިބޭނެ މަގު ފަހިވެގެން ދާނެ ކަމަށާއި އެތަކެތި ލިބޭ ހުރިހާ ގައުމަކަށް ބޯޓު ދަތުރުކޮށް ތަކެތި ގެންނާނެ ކަމަށް އެމްއެސްއެސް އިން މީގެ ކުރިން ވަނީ ބުނެފައެވެ.
ސިންގަޕޫރުގެ ކޮސްކޯ ޝިޕިން ކުންފުނިން ގަނެގެން ގެނައި އެ ބޯޓުގެ ކުރޫންގެ ގޮތުގައި 23 މީހުން މަސައްކަތްކުރާ އިރު, އޭގެ ތެރެއިން ހަތަރު މީހަކު ފިޔަވައި ދެން ހިމެނެނީ ހުސް ދިވެހިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު