ރާއްޖޭގައި މިހާރު ފެތުރެމުންދަނީ ޑެންގީ ހުމުގެ ނުރައްކާތެރި ވައްތަރެއް ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޓީވީއެމުން މިއަދު ގެނެސްދިން ހެނދުނު ހެނދުނާ ޕްރޮގުރާމުގައި ޑެންގީ ހުން އިތުރުވުމާ ގުޅޭ މައުލޫމާތުތައް ހިއްސާކުރައްވަމުން ޑރ. ފައިސަލް ވިދާޅުވީ މިދުވަސްކޮޅު ރާއްޖޭގައި ފެތުރެމުންދަނީ ޑެންގީ ހުމުގެ އެންމެ ނުރައްކާތެރި ވައްތަރު ކަމަށެވެ. އަދި ފާއިތުވި ތިން މަސް ދުވަހު އެ ބަލީގައި ކުޑަ ކުއްޖަކު މަރުވެ، މާބަނޑު މީހެއްގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލަންޖެހުނު ކަމަށް ވިދާޅުވިއެވެ.
"ޑެންގީގެ ކްރިޓިކަލް ވައްތަރު މި ދުވަސްކޮޅު ގިނަ. ބަލިޖެހޭ ވަރަށް ގިނަ ކުދިންގެ ގަޔަށް ލޭ އަޅަންޖެހޭ ލޭ މަދުވުމުގެ ސަބަބުން. ދެން ޝޮކަށްދާ ކުދިންވެސް ފުދޭ ވަރަކަށް ގިނަ. ބޮޑެތި މީހުންނާއި ކުޑަ ކުދިން މީގެ ތެރޭގައި ހިމެނޭ. ފާއިތުވި ތިން މަސް ދުވަސްތެރޭގައި އެއް ކުއްޖަކު މި ބަލީގައި މަރުވެފައިވާއިރު މާބަނޑު މީހެއްގެ ހާލު ސީރިއަސްވެ އިތުރު ފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވާލި،" އޭނާ ވިދާޅުވިއެވެ.
ޑރ. ފައިސަލް ވިދާޅުވީ މި ބަލީގައި އެންމެ ކްރިޓިކަލް ވާނީ އެއް އަހަރުން ދަށުގެ ކުޑަ ކުދިންނާއި އުމުރުން ދުވަސްވީ މީހުން ކަމަށެވެ. އޭގެ އިތުރުން ތެލެސީމިއާ ހުންނަ މީހުންނާއި ޖީސިކްސްޕީޑީ ހުންނަ މީހުންނާއި ކިޑްނީ ބައްޔާއި ހިތުގެ ބައްޔާއި ހަކުރު ބަލީގެ މީހުންނާއި މާބަނޑު މީހުންނާއި ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ މީހުންނަށްވެސް އެ ބަލީގެ ނުރައްކާ ބޮޑުވާ ކަމަށް ވިދާޅުވިއެވެ.
ކޮވިޑު ޖެހި ރަނގަޅުވެފައި ތިބި މީހުންނަށް ޑެންގީ ހުން ޖެހިއްޖެ ނަމަ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑުވެދާނެ ކަމަށް ދެކެވޭ ވާހަކައާ ގުޅިގެން ޑރ. ފައިސަލް ވިދާޅުވީ އެކަމާ ގުޅިގެން ދިރާސާތަކެއް ކުރަމުންދާ ކަމަށެވެ. އަދި ފުރާނައަށް ނުރައްކާ ވެދާނެ ކަމެއް ނުވަތަ ނޫން ކަމެެއް މިވަގުތު ބުނަން ދަތި ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު