އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ގޮނޑި ކޮއްކޮއެއް ކަަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ތަރުޖަމާނު ނުޕޫރު ޝަރުމާ ކީރިތި ގުރުއާނާއި ކީރިތި ރަސޫލާއަށް، ފުރައްސާރަކުރި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލި މައްސަލައިގައި އެމްޑީޕީ މެންބަރުންގެ ހިޔާލުތަފާތުވުން ބޮޑުވުމާ ގުޅިގެންނެވެ.
އެ މައްސަލައިގައި އެންމެ ބޮޑަށް ވާހަކަދެއްކެވީ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.
އޭނާ ވިދާޅުވީ އެ ކުއްލި މައްސަލަ ބޭރުކޮށްލީ އެމްޑީޕީން ތްރީލައިން ވިޕެއް ނެރެގެން ކަަމަށެވެ. ނަމަވެސް އެއީ ބާރުގަދަ ފަރާތް ކަމަށްވާ ސަރުކާރުން ނެރުނު ވިޕެއް ކަަމަށާއި އެއީ އެމްޑީޕީގެ ޕީޖީ ގުރޫޕުން ނެރުނު ވިޕެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ އިދިކޮޅުން ހުށަހެޅިއަސް ދޫކޮށްލަންޖެހޭ މައްސަލަތައް ހުންނާނެ ކަމަށާއި އެ މައްސަލަ ބޭރުކޮށްލި ވާހަކަ ނޫސްތަކުގައި އޮތްއިރު އެ މައްސަލައިގައި ބަދުނާމުވަމުންދަނީ މަޖިލިހުގެ ރައީސް ކަމަށެވެ. އަދި އެއީ މަޖިލިސް ރައީސް ބަދުނާމުކުރަންކުރާ ކަމެއް ކަމަށްވެސް ބޮންޑޭ ތުހުމަތުކުރެއްވިއެވެ.
ބޮންޑޭ ވިދާޅުވީ، މަޖިލީހުގެ ގަވާއިދު ހަދަނީ މަޖިލިސް މެންބަރުން ކަމަށާއި އެއަށް އަމަލުކުރަން އަންގަނީވެސް މެންބަރުން ކަަމަށެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅެއްގެ މަސައްކަތަކީ މަޖިލިސް ގަވާއިދާ އެއްގޮތަށް ރިޔާސަތު ބެލެހެއްޓުން ކަމަށާއި މަޖިލިސް ރައީސަށް އޮތީ އެނޫން ކޮން ބާރެއްތޯވެސް އޭނާ ސުވާލުކުރެއްވިއެވެ.
"މެންބަރު އަޑުއައްސަވާފައިވާނެ، މަޖިލިސް ރިޔާސަތުގައި އަހުމަދު ޒަކީ އިންނެވި އިރުގައި ވިދާޅުވެފައި އޮތް، ތިމަންނާއަކީ ހަމަ ތިތާގައި އިންނަ ގޮނޑި ކޮއްކޮއެކޭ، ތި ވިދާޅުވާހެން އަޅުގަނޑަކީ ތިބޭފުޅުން ހަމަ ވިދާޅުވާހާ ކަމެއް، ވިދާޅުވި ގޮތަކަށް ވިދާޅުވި ކަމެއް ވިދާޅުވި މިންވަރަަށް ކުރަން އިންމީހެއް،" ބޮންޑޭގެ ވާހަކަތަކާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު