މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ރައީސްގެ މަގާމަށް އަބްދުﷲ ގިޔާސް ރިޔާޒް އިންތިހާބުކޮށްފިއެވެ.
ހޮޓެލް ޖެންގައި ރޭ ބޭއްވި މަޓާޓޯގެ އަހަރީ އާއްމު ޖަލްސާގައި ވަނީ ކުރިއަށް އޮތް ދެ އަހަރަށް އެ ޖަމިއްޔާގެ ހިންގާ ކޮމިޓީއަށް މެންބަރުން އިންތިހާބުކޮށްފައެވެ. ރޭގެ ޖަލްސާއަށް 23 މެންބަރުން ހާޒިރުވި އިރު، ޕްރޮކްސީ މެދުވެރިކޮށް އެއް މެމްބަރަކު ބައިވެރިވިއެވެ.
ރައީސްގެ މަގާމަށް ގިޔާސް އެކަނި ކުރިމަތިލެއްވި އިރު، އޭނާ އެ މަގާމަށް އިންތިހާބުކުރީ ޖަލްސާގެ އަގުލަބިއްޔަތުންނެވެ. ރައީސްގެ މަގާމުގެ އިތުރުން ހަޒާންދާރުގެ މަގާމާއި ބޯޑު މެންބަރުންގެ މަގާމުތަކަށްވެސް ހަމައަށް ކުރިމަތިލުމުން، އެ މަގާމުތަކަށް މެމްބަރުންވެސް އިންތިހާބުކުރީ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން، ޖަލްސާގެ އަގުލަބިއްޔަތު ވޯޓު ލިބިގެންނެވެ.
ނަމަވެސް ދެ ނައިބު ރައީސުންގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލެއްވި އިރު، ނައިބު ރައީސުންގެ މަގާމަށް އިންތިހާބުކުރީ މުހައްމަދު ހަލީލާއި މުހައްމަދު ޝާޒެވެ.
- ރައީސް - އަބްދުﷲ ގިޔާސް ރިޔާޒް (އިނާ މޯލްޑިވްސް)
- ނައިބު ރައީސް - މުހައްމަދު ޚަލީލް (ރިއޯލޯ މޯލްޑިވްސް)
- ނައިބު ރައީސް - މުހައްމަދު ޝާޒް (ރިސޯޓް ލައިފް ޓްރެވެލް)
- ޚަޒާންދާރު - މުހައްމަދު ބައްސާމް އާދަމް (އެޓޯލްސް ވޯލްޑް)
- ބޯޑް މެމްބަރު - އަބްދުﷲ ސުއޫދު (ޓްރޮޕިކަލް އައިލް ކަލެކްޝަން)
- ބޯޑު މެމްބަރު - ފާތިމަތަު ޝަހާ (އެމޭޒިންގް އޭޝިއާ)
- ބޯޑު މެމްބަރު - އިގްނާޒް މަންސޫރު (ވޮޔޭޖެސް މޯލްޑިވްސް)
- ބޯޑު މެމްބަރު - ޚާތިމް ހަސަން (އައިލެންޑް ޕާލް ހޮލިޑޭސް)
- ބޯޑު މެމްބަރު - އިބްރާހިމް ދީދީ (ޕާލް ޓްރެވެލް ސާވިސަސް)
- ބޯޑު މެމްބަރު - އިބްރާހިމް ނިޒާމް (ދަ ގްރޭންޑް ހޮލިޑޭސް)
ޖަލްސާގައި ވާހަކަދައްްކަވަމުން ގިޔާސް ވިދާޅުވީ ރާއްޖޭގެ ޓްރެވެލް އޭޖެންޓުންނަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ބޮޑު ރޯލެއް އަދާކުރާ ބައެއް ކަމަށާއި ކޮޮވިޑު ތެރޭގައި ރާއްޖޭގެ ބޯޑަރު ހުޅުވާލައި ޓޫރިސްޓުން ގެނައުމަށް އެ އޭޖެންޓުންގެ ރޯލު ވަރަށް ބޮޑު ކަމަށެވެ.
ނަމަވެސް އޭޖެންސީތައް ހިންގުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި އެކަންތައްތައް ހައްލުކުރުމަށް މަޓާޓޯ އިން ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށް ގިޔާސް ވިދާޅުވިއެވެ.
އެގޮތުން އެކަމަށްޓަކައި ގާނޫނެއް ހަދައި ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދާ ބެހޭ ކޮމިޓީއަށް ފޮނުވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި އޮޕަރޭޓްކުރާ ހުރިހާ އޭޖެންސީތަކުންވެސް މަޓާޓޯއާ ގުޅިގެން ކުރިއަށް ދިއުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު