ޚަބަރު

50 އަަހަރުން މަތީގެ ރުއްގަސްތައް ހިމާޔަތްކޮށް، ގަވާއިދާ ހިލާފަށް ގަސް ނަގާނަމަ 150،000ރ. އާ ހަމައަށް ޖޫރިމަނާ!

އިބްރާހިމް ޒަކީ

ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކުރުމުގެ ގަވާއިދުގައި ހިމަނައި 50 އަހަރުން މަތީގެ ހުރިހާ ރުއްގަހެއް ހިމާޔަތްކޮށްފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން އިއްޔެ އާއްމުކޮށް އަމަލު ކުރަންފެށި އެ ގަވާއިދުގަިއ ބުނެފައިވަނީ، 50 އަހަރުން މަތީގެ ހުރިހާ ގަހަކީ ހިމާޔަތް ކޮށްފައިވާ ތަކެތި ކަމަށެވެ.

އެހެންކަމުން ދުވަސްވީ ގަހުގެ ދަފުތަރެއް ކައުންސިލްތަކުން ބަލަހައްޓަންޖެހޭނެ ކަމަށާއި ކޮންމެ އަހަރަކު އެ ދަފުތަރު އަޕްޑޭޓް ކުރުމަށްފަހު، ޖެހިގެން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 31ގެ ކުރިން، އެންވަޔަރަމަންޓަ ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ފޮނުވަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުން މަނާ ބާވަތުގެ ގަސްތަކަކީ ކޮބައިކަންވެސް އެ ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ކޮންމެހެން އެކަން ކުރަން ޖެހިގެންވެސް ރުއްގަސް ކެނޑޭނީ ނުވަތަ އުފުރޭނީ ނުވަތަ ކޮނެގެން ނެގޭނީ އަދި އެ ތަކެތި އެއްތަނުން އަނެއް ތަނަށް ގެންދެވޭނީ އެ ނޫން ގޮތެއް ނެތިގެން، ހަމައެކަނި މުޖުތަމައުގެ ޒަރޫރީ ބޭނުންތަކަށްޓަކައި ކަން ކަށަވަރުކޮށްގެން ކަމަށްވެސް ބުނެފައިވެއެވެ.

މި ގަވާއިދުގައި ބުނާގޮތުން ރުއްގަހުގެ ތެރެއިން ރަށުގެ ހޭޅީގައި އެންމެ ގޮނޑުދޮށަށް ހެދިފައިވާ ރުކުން ނުވަތަ ގަހުން ފެށިގެން އެއްގަމަށް 20 މީޓަރު ފުޅާމިނުގެ ސަރަހައްދުގެ ތެރޭގައި ހެދިފައި ހުރި ހުރިހާ ބާވަތެއްގެ ރުއްގަސް ނުވަތަ ކޯސްޓަލް ވެޖިޓޭޝަން ބެލްޓުގައި ހިމެނޭ ރުއްގަހާއި ހިމާޔަތްކޮށްފައިވާ ރަށްރަށުގައި ހެދިފައިވާ ހުރިހާ ބާވަތެއްގެ ރުއްގަހާއި ގާނޫނީ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައްޔާއި އެ ސަރަހައްދުތައް ވަށައިގެންވާ 20 މީޓަރު ފުޅާމިނުގެ ސަރަހައްދުގެ ތެރޭގައި ހެދިފައި ހުންނަ ހުރިހާ ބާވަތެއްގެ ރުއްގަހުގެ އިތުރުން ދިރޭތަކެތި ހިމާޔަތްކުރުމުގެ ބޭނުމަށްޓަކައި ގާނޫނީގޮތުން ހިމާޔަތްކޮށްފައިވާ ހުރިހާ ބާވަތެއްގެ ގަސް އަދި ރާއްޖޭގައި ހުރި ނެތި ހުސްވެދާނެކަމުގެ ބިރުހީވެފައިވާ ގަސްގަހާގެހީގެ އެއްވެސް ބާވަތެއްގެ ރުކެއް ނުވަތަ ގަހެއް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުމާއި އެއްތަނުން އަނެއް ތަނަށް ގެންދިޔުމަކީ މަނާ ކަމެކެވެ.

ގަވާއިދުގައި މިހެން ބުނެފައިވީ ނަމަވެސް ފަސް ހާލަތެއްގައި މިފަދަ ރުއްގަސް ނެގުމާއި ކެނޑުމާއި ބަދަލުކުރުން ހުއްދަ ލިބިގެންވެއެވެ. އެގޮތުން 50 އަހަރުން މަތީގެ ގަހާއި ރަށްރަށުގައި ހުންނަ ގަސް ކެނޑޭނީ ނުވަތަ އުފުރޭނީ ނުވަތަ ކޮނެގެން ނެގޭނީ ނުވަތަ އެއްތަނުން އަނެއް ތަނަށް ގެންދެވޭނެ ހާއްސަ ހާލަތްތަކެއްވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

އެ ގަވާއިދާ ހިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކަކުން ޖޫރިމަނާ ކުރުމަށްވެސް ގަވާއިދުގައި ކަނޑައަޅާފައިވެއެވެ.

އެގޮތުން އެ ގަވާއިދުގެ ދަށުން ހުއްދަ ހޯދަންޖެހޭ ހާލަތްތަކުގައި، ހުއްދަ ހޯދަންޖެހޭ ފަރާތުގެ ހުއްދަ ނުހޯދައި އެއްވެސް ކަމެއްކޮށްފިނަމަ، ފުރަތަަމ ފަހަރު 50،000 ރުފިޔާއިން ދެވަނަ ފަހަރު 100،000 ރުފިޔާ އަދި ތިންވަނަ ފަހަރު 150،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށްވަނީ ހިމަނައިފައެވެ. އަދި ދީފައިވާ ހުއްދައާ ހިލާފަށް އެއްވެސްކަމެއް ކޮށްފިިނަމަ، 5،000 ރުފިޔާ އާއި 15،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ހިމަނާފައިވެއެވެެ.