ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)ގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ދޫކުރަން ފަށައިފިއެވެ.

އެސްޓީއޯއިން މިއަދުކުރި އިއުލާނެއްގައި ބުނީ، ރޭ ކްރޮސްރޯޑްސް މެރީނާގައި ބޭއްވި އެކުންފުނީގެ 2021 އަހަރުގެ އާންމު ޖަލްސާގައި އެ އަހަރުގެ ފައިދާއިން ހިއްސާއަކަށް 65 ރުފިޔާ ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ފާސްކޮށްފައިވާތީ، ޖޫން މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ހިއްސާގެ ފައިދާ ބޭންކަށް ޖަމާކުރުމަށް މިހާރު ރަޖިސްޓާކޮށްފައިވާ ފަރާތްތަކުގެ ބޭންކު އެކައުންޓަށް، ހިއްސާގެ ފައިދާ ޖަމާކޮށްދޭނެ ކަމަށެވެ.

ހިއްސާދާރުގެ ބޭންކް އެކައުންޓް ކުންފުނީގައި ރަޖިސްޓަރީކޮށްފައި ނުވާ ހިއްސާދާރުން "ހިއްސާގެ ފައިދާ ބޭންކަށް ޖަމާކުރުމަށް އެދޭ ފޯމް" ފުރިހަމަކުރުމަށްފަހު އެކުންފުނީގެ އީމެއިލަށް ފޮނުވުމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ޖުމުލަ 782 ހިއްސާދާރުން ބައިވެރިވިއެވެ. އެއީ ޖަލްސާ ބާއްވާ ތަނަށް ހާޒިރުވި 157 ހިއްސާދާރުންނާއި ޕްރޮކްސީގެ ގޮތުގައި ބައިވެރިވި 689 ހިއްސާދާރުންނެވެ. އެއީ ޖުމުލަ 946،640 ހިއްސާއެވެ. ޖަލްސާގައި ބައިވެރިވީ 84 ޕަސެންޓް ހިއްސާދާރުންނެވެ.

އެ ޖަލްސާގައި ހިއްސާއަކަށް 65 ރުފިޔާ ބަހަން ފާސްވީ ވޯޓުގައި ބައިވެރިވި ހިއްސާދާރުންގެ ތެރެއިން 99.91 ޕަސެންޓް ވޯޓު ދީގެންނެވެ.

ހިއްސާގެ އަދަދުން ނަތީޖާ ގުނި އެ ވޯޓުގައި 946،159 ހިއްސާ ލިބުނު އިރު، ފެންނަ ކަމަށް 945،832 ހިއްސާ ލިބުނެވެ. ނުފެންނަ ކަމަށް ލިބިފައިވަނީ 327 ހިއްސާއެވެ. ވޯޓު ނުދެއްވާ 481 ހިއްސާއެއް އޮތެވެ.

މިދިޔަ އަހަރު އެސްޓީއޯއިން ހިއްސާއަކަށް ބެހީ 60 ރުފިޔާއެވެ.

ކޮވިޑާ ގުޅިގެން އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މިދިޔަ ދެ އަހަރު އޮންލައިންކޮށް ބާއްވާފައިވާ އިރު، މިއީ ކޮވިޑަށްފަހު ތަނަކަށް ހާޒިރުވެގެން ބޭއްވި ފުރަތަމަ ފަހަރެވެ.