ދިގު މުއްދަތަށް ދެމިގެންދާ ހެޔޮ ބަދަލެއް ގެންނަން މަސައްކަތްކުރާއިރު ޖަޒުބާތުގައި ނުޖެހި، ދިމާވާ ގޮންޖެހުންތަކާ ކެރިގެން އަންހެން ބޭފުޅުން ކުރިމަތިލެއްވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންޓަނޭޝަނަލް ސިވިލް ސޮސައިޓީ އެކްޝަން ނެޓްވޯކް (އައިކޭން)ގެ 9 ވަނަ "ވިމެން، ޕީސް އެންޑް ސެކިއުރިޓީ ފޯރަމް"ގެ އިފުތިތާހީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ އަންހެނުން، އެއްވެސް ދާއިރާއަކުން ކުރިއަށްދާން ބޭނުންވާ ނަމަ، މައިދާން ދޫކޮށް ދިއުމުގެ ބަދަލުގައި ތެދުވެ، ހަށިފޮޅާލާފައި ކުރިއަށްދިއުމަކީ ދެމެހެއްޓެނިވި ހެޔޮ ބަދަލު ގެނައުމުގެ ސިއްރު ކަމަށެވެ.

އަދި ދިގު މުއްދަތަށް ދެމިގެންދާ ހެޔޮ ބަދަލެއް ގެންނަން މަސައްކަތްކުރާއިރު ޖަޒުބާތުގައި ނުޖެހި، ދިމާވާ ގޮންޖެހުންތަކާ ކެރިގެން އަންހެން ބޭފުޅުން ކުރިމަތިލެއްވުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

"މިސާލަކަށް ބަލައި ނަމަ އަންހެނުންނާއި ސުލްހަ މަސަލަސްކަމާ ހުރި ގުޅުމާ ބެހޭ އދ.ގެ ތާރީހީ ގަރާރު 1325 އެކުލަވާލުން ހިމެނޭހެން ބުރަ މަސައްކަތްތައް ކުރެއްވި އައިކޭން ޖަމިއްޔާގެ ކޯފައުންޑަރު ސަނަމް އެންޑަލިނީ ފަދަ އެކްޓިވިސްޓުން ކުރެއްވި ބުރަ މަސައްކަތް ބައްލަވާލަމާ. އެކަމަށް ހަމަ ޝުކުރު ހަައްގު. އަދު ޝުކުރު އަދާވެސް ކުރަން. އެހެންވީމަ އެފަދަ ކެރޭ ޖަޒުބާތުގައި ނުޖެހޭފަދަ އަންހެނުންނަށް ވާންޖެހޭނެ،" އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާ ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަންހެނުން ބާރުވެރިކޮށް، މިންތީގެ ހަމަހަމަކަން ގާއިމުކުރަން ކުރައްވާ މަސައްކަތުގައި ހާސިލުކޮށްފައިވާ ކުރިއެރުންތައްވެސް ފާހަގަކުރައްވައިފައެވެ.

އެގޮތުން ރެކޯޑު އަދަދެއްގެ އަންހެން ވަޒީރުންނާއި ސަފީރުންގެ ގޮތުގައި އައްޔަންކުރެއްވުމާއި ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރުމާއި އަންހެނުން ކުރިއަރުވާ ކޮމިޓީތައް ގާނޫނީގޮތުން ބާރުވެރިކުރުވުމާއި ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރެއްވުން ފަދަ ކުރިއެރުންތައް ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން މާރިޔާ ވިދާޅުވީ އަސްކަރިއްޔާގައި އަންހެނުންގެ ދައުރު ފުޅާކޮށް، އެމްއެންޑީއެފްގެ އެންމެ މަތީ ފަޑީގައްޔާއި ހުރިހާ ކޮމިޓީއެއްގައި އަންހެން ސިފައިން ޝާމިލުކޮށް، ގިނަ އަދަދެއްގެ ތަމްރީނު ފުރުސަތުތައް އަންހެން ސިފައިންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

އައިކޭންއާއި އައްޑޫ ވިމެންސް އެސޯސިއޭޝަން ގުޅިގެން ބާއްވާ "ވިމެން، ޕީސް އެންޑް ސެކިއުރިޓީ ފޯރަމް"ގައި ދުނިޔޭގެ 40 އަށްވުރެ ގިނަ ގައުމުގެ ޕީސްބިލްޑަރުންނާއި ސަލާމަތީ ދާއިރާގެ މާހިރުން ބައިވެރިވެއެވެ.