މި އަހަރުގެ ރޯދަ މަހާ ދިމާކޮށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)އިން ފެށި އަހަރީ ޕްރޮމޯޝަން "ފަސްމީރު އެންމެ މީރު" ޕްރޮމޯޝަން މާދަމާ ނިމޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވާ ހުރިހާ ކަސްޓަމަރުންގެ މެދުގައި ގުރުއަތުން އެއްވަނައަށް ހޮވޭ މީހަކަށް ދޭން ނިންމާފައިވަނީ 100،000 ރުފިޔާއެވެ. ޕްރޮމޯޝަންގައި ބައިވެރިވާ މީހުންގެ ތެރެއިން ކޮންމެ ހަފުތާއަކު ހޮވާ ނަސީބުވެރިއަކަށް 5،000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ލިބޭނެއެވެ.
މި ޕްރޮމޯޝަން މާލޭގައި ހުންނަ މިފްކޯގެ ދެ ފިހާރައާއި ހުޅުމާލެ ފިހާރައާއި އައްޑުއާއި ކޫއްޑޫ އަދި ފެލިވަރުގައި ކުރިއަށްދާ އިރު، ޕްރޮމޯޝަންގެ ދަށުން 200 ރުފިޔާއިން މަތިން ވިޔަފާރިކުރާ ކޮންމެ މީހަކަށް ކޫޕަނެއްދޭނެއެވެ. އެ ކޫޕަންގައި އޮންނަ ކިއުއާރު ކޯޑު ސްކޭން ކުރުމަށްފަހު ހުށަހަޅަން ޖެހޭނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށެވެ.
މިފްކޯ އިން ބުނީ މިހާތަނަށް ކޫޕަން ލިބި ޕްރޮމޯޝަންގައި ބައިވެރިނުވެވޭ ކަސްޓަމަރުންނަށް 1 ޖޫން 2022ގެ މެންދަމު 12:00އާ ހަމައަށް ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ޕްރޮމޯޝަން ކުރިއަށްދާ ގޮތުގެ ތަފުސީލުތައް މިފްކޯ މަސްފިހާރައިގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ކަސްޓަމަރުންނަށް ދީފައިވާނެ ކަމަށާއި ހަފުތާގެ ނަސީބުވެރި ކަސްޓަމަރުގެ ގުރުއަތުލުންވެސް މިފްކޯ ފޭސްބުކް ލައިވް މެދުވެރިކޮށް ކުރިއަށް ގެންދާނެ ކަމަށެވެ.
މަހުގެ އަގު ބޮޑުވެ، ރާއްޖެއިން ބޭރުން އިމްޕޯޓުކުރާ ރޯމެޓީރިއަލްގެ އަގުތައް ވަރަށް ބޮޑުތަނުން އުފުލިގެން ދިޔައިރުވެސް، މިފްކޯއިން ވަނީ އެ ކުންފުނީގެ އުފެއްދުންތަކުގެ އަގަށް ބަދަލު ނުގެނެސް ޕްރޮމޯޝަން ތެރޭގައި ރަނގަޅު އަގުތަކެއް ދީފައެވެ. ނަމަވެސް ޕްރޮމޯޝަން ނިމުމުން މިފްކޯގެ އުފެއްދުންތަކުގެ އަގުތައް މުރާޖައާ ކުރާނެ ކަމަށް އެކުންފުނިން ބުންޏެވެ.