ވިއަވަތި ރާއްޖެ ކޮންފަރެންސް ބޭއްވެވުމަށް އއ. އުކުޅަހަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކުރެއްވެވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު މެންދުރުފަހު އެނބުރި މާލެ ވަޑައިގަންނަވައިފިއެވެ.
މިމަހުގެ 28-29 އަށް ކުރިޔަށްގެންދިޔަ މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށް ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސް ސޯލިހު ފަށްޓަވާފައިވާ މަސައްކަތްޕުޅު އިތުރަށް ހަރުދަނާކުރުމެވެ.
މި ކޮންފަރެންސް ފެށުމުގެ ކުރިން ކޮންފަރެންސްގެ ބައިވެރިންނަށް އަމާޒުކޮށްގެން ގުޅުން ބަދަހިކުރުމުގެ ގޮތުން ސްޕޯޓްސް ފެސްޓިވަލެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ދެ ދުވަހުގެ މުއްދަތައް ކުރިއަށްދިޔަ މި ކޮންފަރެންސްގައި ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމާ ގުޅޭގޮތުންނާއި ބިނާވެށި ޕްލޭން އެކުލަވާލުމާ ގުޅޭގޮތުންނާއި ރަށްރަށުގެ ތަރައްގީގައި އަންހެނުންގެ ކޮމިޓީގެ ދައުރާ ގުޅޭގޮތުންނާއި ލާމަރުކަޒީ ނިޒާމުގެ މިހާރުގެ މިސްރާބާ ގުޅޭގޮތުން ހަތަރު ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ސެޝަންތަކުގައި ކައުންސިލަރުން ހުށަހަޅަން ބޭނުންވި ކަންކަން ރައީސް އާއި ވަޒީރުންނަށް ހުށަހަޅައި އެކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ ހިޔާލުބަދަލުކޮށް މަޝްވަރާކޮށްފައެވެ.
ވިޔަވަތި ކޮންފަރެންސް 2022 ވަނަ އަހަރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ތިން ސަރަހައްދަކަށް ބަހާލައިގެން ކޮންމެ ސިޓީ ކައުންސިލަކާއި އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލަކާއި އ.ތ.މ ކޮމެޓީ ބައިވެރިވާގޮތަށެވެ.
އެގޮތުން އުކުޅަހުގައި ބޭއްވި ކޮންފަރެންސް އަކީ މެދު ރާއްޖެތެރޭގެ އަތޮޅު ތަކަށް އަމާޒުކޮށް ބޭއްވި ކޮންފަރެންސެކެވެ.
މި ކޮންފަރެންސްގައި ރައީސްގެ އިތުރުން ވަޒީރުންނާއި އެކި މުއައްސަސާތަކުގެ ފަންނީ ބޭފުޅުންނާއި މޭޔަރުންނާއި ކައުންސިލް ރައީސުންނާއި އ.ތ.މ ކޮމެޓީތަކުގެ ރައީސުން ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު