ޖަޕާން ސަރުކާރުގެ ސްކޮލާޝިޕްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ޖަޕަނީޒް ގަވަމެންޓް ސްކޮލާޝިޕް ފޯ 2023 ދަށުން ރާއްޖޭގެ ދަރިވަރުންނަށް ޖަޕާންގެ ޔުނިވާސިޓީތަކުގެ ގްރެޖުއޭޓް ސްކޫލްތަކުގައި ކިޔެވުމަށް ސްކޮލާޝިޕް ފުރުސަތު ލިބިފައިވާ ކަމަށް ރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީން ދިވެހި ސަރުކާރަށް އަންގާފައިވާ ކަމަށެވެ.

އެ ސޮކްލާޝިޕްގެ ދަށުން ހުރިހާ ހަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ ޖަޕާން ސަރުކާރުގެ ފަރާތުން ކަމަށް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ. އެ ސްކޮލާޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ގޮތުން އެޕްލިކޭޝަން ރިވިއުކޮށް ޓެސްޓް އަދި އިންޓަވިއު މަރުހަލާއަށް ކުދިން ޝޯޓްލިސްޓު ކުރުމުގެ މަސައްކަތް ކުރާނީ ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީން ކަމަށް ވެސް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.

އެ ސްކޮލާޝިޕްތަކަކީ ބެޗްލާސް އަދި މާސްޓާ ޑިގްރީއަށް ހާއްސަ ކޮށްގެން ހުޅުވާލި ސްކޮލާޝިޕްތަކެވެ. އެ ކޯސްތަކާ ބެހޭ އިތުރު މައުލޫމާތު http://www.studyinjapan.go.jp/en/smap_stopj-applications_research.html ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އެ ސްކޮލާޝިޕްތަކަށް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 15 ވަނަ ދުވަހެވެ.

އެ ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓ (އެމްކިޔުއޭ) އިން ގަބޫލުކުރާ އިންސްޓިޓިއުޓެއްތޯ އާއި ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރުކުރުމަށް ހަޔާ އެޑިއުކޭޝަނުން ވަނީ އެދިފައެވެ.