ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތައް ދަތުރު ދިއުމަށް ހާއްސަކޮށްފައިވާ ކ. ކުޑަގިރީގައި ކަރަންޓުގެ ނެޓްވޯކް އެޅުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ ކުޑަގިރީގައި ކަރަންޓު ނެޓްވޯކް ގާއިމްކުރުމަށްޓަކައި 3،000 މީޓަރުގެ ކޭބަލް ވަޅުލުމަށް ހަމަޖެހިފައިވާ ކަމަށެވެ. ކުޑަގިރީގައި ކަރަންޓް ނެޓްވޯކު އެޅުމުގެ މަސައްކަތާއި މަގުބައްތި ޖެހުމުގެ މަސައްކަތް 15 ދުވަހުގެ ތެރޭގައި ނިންމައިލުމަށް މަސައްކަތް ކުރަމުންދާކަމަށް ސްޓެލްކޯއިން ބުންޏެވެ.
ކުޑަގިރީގައި ބޭނުންކުރާ ކަރަންޓުގެ ބޮޑު ޕަސަންޓަކީ އިޔާދަ ކުރަނިވި ހަކަތައަށް ހެދުމަށް އެކަމުގެ ދިރާސާ ކުރަމުންދާކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
ކުޑަގިރީގައި ކަރަންޓު ނެޓްވޯކު އެޅުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފާއި ސްޓެލްކޯގެ އެކްޓިން ޗެއާމަން އަހުމަދު ލަތީފު އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކް ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވަނީ ބުދަ ދުވަހު އެރަރަށް ވަޑައިގެންފައެވެ.
ކުޑަގިރި އަކީ ތިލަފުށީ ކައިރީގައި އޮންނަ ފަޅެކެވެ. މި ފަޅު އޮންނަނީ ފެރީގައި 30 ވަރަކަށް މިނެޓުން އަދި ލޯންޗުގައި 10 ވަރަކަށް މިނެޓުން ދެވޭ ހިސާބުގައެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ޕިކްނިކް ދާނެ ރަށެއް ތަރައްގީ ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެވައުދުފުޅާ އެއްގޮތަށް ކުޑަގިރި ފަޅު ހިއްކައި އެތަން ތަރައްގީ ކުރުމުގެ މަސައްކަތް ވަނީ މިދިޔަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެ މަޝްރޫއަށް 41 މިލިއަން ރުފިޔާ ހަރަދުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު