ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކުދިންގެ ތެރެއިން ހުޅުމާލޭގައި ހުންނަ ފިޔަވަތިން ނުވަ ކުއްޖަކު ނ. މަނަދޫ އަމާންވެއްޓަށް ބަދަލުކޮށްފި އެވެ.

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސަސް (ސީއެފްޕީއެސް) އިން ބުނީ އިޖުތިމާއީ އަދި އާއިލީ ގުޅުމުގެ ތެރެއިން ހެދިބޮޑުވުުގެ ފުރުސަތު ހޯދައިދިނުމަށް، ދައުލަތުގެ ބެލުމުގެ ދަށުން ފިޔަވަތީގައި ބަލަހައްޓަމުން ދިޔަ ނުވަ ކުއްޖަކު މަނަދޫގައި އަލަށް ގާއިމުކުރި އަމާންވެއްޓަށް މިމަހުގެ 24 ވަނަ ދުވަހު ބަދަލުކޮށްފައިވާ ކަމަށެވެ.

މަނަދޫގެ އަމާންވެއްޓަކީ 10 ކުދިންގެ ޖާގައިގެ މަރުކަޒެކެވެ.

މީގެ ކުރިންވެސް ދައުލަތުގެ ބެލުުގެ ދަށުން ފިޔަވައްޗާއި ވިލިމާލޭގައި ހުންނަ ކުދަކުދިންގެ ހިޔާގައި ތިބި ބައެއް ކުދިންތައް އަތޮޅުތެރޭގެ ބައެއް ސަރަހައްދުތަކަށް ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން ބ. އޭދަފުށްޓާއި، ފުވައްމުލައް ސިޓިގެ އިތުރުން ށ. ފުނަދޫގައި ގާއިމުކޮށްފައިވާ އަމާންވެއްޓަށް އެ ކުދިން ވަނީ ބަދަލުކޮށްފަ އެވެ.

ޖެންޑާ މިނިސްޓްރީން މީގެ ކުރިން ބުނީ އެ މިނިސްޓްރީގެ ސިޔާސަތަކީ ދައުލަތުން ނަގާ ކޮންމެ ކުޑަކުއްޖަކުވެސް އާއިލީ މާހައުލުގެ ތެރެއިން ލޯތްބާއި އަޅައިލުމާއެކު ބޮޑުވާ ކުއްޖަކަށް ހެދުން ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ މާލޭގެ ތޮއްޖެހިފައިވާ މަރުކަޒުތަކުގައި އެ ގޮތަށް ނަގާ ކުދިން ގެންގުޅުމުގެ ބަދަލުގައި މުޖުތަމައުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު އެ ކުދިންނަށް ފަހިކޮށްދިނުން ކަމަށެވެ.

ސީއެފްޕީއެސް އިން ބުނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި މިހާރު އަމާންހިޔާ ހުޅުވާފައިވާ ކަމަށެވެ. އެގޮތުން ހދ. އަތޮޅާއި ތ. އަތޮޅާއި ގދ. އަތޮޅުގައި އަމާންހިޔާ ހުޅުވާފައިވާއިރު ހއ، ށ، ނ، ބ، ޏ އަތޮޅުގައި ވަނީ އަމާންވެށި ހުޅުވާފަ އެވެ. އަދި މިއަހަރު މ. ދ. އަދި ލ، އަތޮޅުގައި އަމާން ވެށި ހުޅުވާނެ ކަމަށް އެ ސާވިސް އިން ބުނެ އެވެ.