އިންޑިއާ އަސްކަރިއްޔާއިން އެމްއެންޑީއެފަށް "ފީލްޑް އެމްބިއުލާންސް" ގެ ދެ އެމްބިއުލާންސް ހަދިޔާކޮށްފިއެވެ.

ބަންޑާރަކޮށީގައި އޮންލައިންކޮށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އެމްބިއުލާންސްތައް އިންޑިއާގެ ފަރާތުން އެމްއެންޑީއެފާ ހަވާލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ކެޕްޓަން މަހޭޝް ޗަންދްރާއެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން އެ އެމްބިއުލާންސްތަކާ ހަވާލުވެލެއްވީ އެމްއެންޑީއެފްގެ ސާޖަން ޖެނެރަލް ކާނަލް ޑރ. އަލީ ޝާހިދު މުހައްމަދެވެ.

އެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ވާހަކަ ދައްކަވަމުން ވިދާޅުވީ، އިންޑިއާގެ އަސްކަރިއްޔާއިން ހަދިޔާކުރި އެމްބިއުލާންސްތަކުގެ ސަބަބުން އެމްއެންޑީއެފްގެ މެޑިކަލް ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ދިވެހި އަސްކަރިއްޔާގެ ކުރިއެރުމާއި ތަރައްގީއަށް އިންޑިއާއިން ދެމުންގެންދާ އެހީތެރިކަމަށް ޝަމާލް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

އެމްއެންޑީއެފްގެ ސާޖަން ޖެނެރަލް ކާނަލް ޑރ. އަލީ ޝާހިދު މުހައްމަދު ވިދާޅުވީ، އެމްއެންޑީއެފްގެ މެޑިކަލް ކޯއަށް މެދުކެނޑުމެއްނެތި އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ބަންޑާރަކޮށީގައި ބޭއްވި އެ ރަސްމިއްޔާތުގައި ޝަމާލާއި، މިނިސްޓްރީ އޮފް ޑިފެންސްގެ ޑެޕިއުޓީ މިނިސްޓާ ހަސަން ޒަމީލް އާއި ޑރ. އަލީ ޝާހިދު މުހައްމަދުގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ކެޕްޓަން މެހޭޝް ޗަންދްރާ ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި އިންޑިއާގެ ޑިފެންސް ސެކެރެޓަރީ ޑރ. އަޖޭ ކުމާރު އިސްފަރާތެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި އިރު، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝްރީ މުނު މަހާވަރް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.