ދުނިޔެ

ލަންކާގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލަން ނިންމައިފި

މުހައްމަދު އިޝާން

ސްރީ ލަންކާގައި ކުރިއަށް ގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލަން ނިންމާފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ ވިދާޅުވެއްޖެއެވެ.

ރޮއިޓާސް އަށް މިއަދު ދެއްވި އިންޓަވިއެއްގައި ރަނިލް ވިދާޅުވީ، އެގައުމުގެ އިންޓެރިމް ބަޖެޓު، ވަގުތީ ބަޖެޓު ހަ ހަފުތާގެ ތެރޭގައި އާންމުކުރައްވާނެ ކަމަށެވެ. އަދި އެ ބަޖެޓުގައި އުމްރާނީ އެއްވެސް ކަމަކަށް ފައިސާ ހަރަދުކުރަން ހިމަނުއްވާފައިނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި އިންޓެރިމް ބަޖެޓު ހާއްސަކުރާނީ ލަންކާގައި ހާލުގައި ޖެހިފައިވާ 22 މިލިއަން މީހުންނަށް ބޭނުންވާ ޒާރޫރީ ތަކެތި ފޯރުކޮށް ދިނުމަށް ކަމަށް ރަނިލް ވިދާޅުވިއެވެ.

"އިންޓެރިމް ބަޖެޓުން ހާލުގައި ޖެހިފައިވާ މީހުންނަށް ފަންޑެއް ހާއްސަކުރާނެ،" ރަނިލް ވިދާޅުވިއެވެ.

ލަންކާގެ އިގުތިސޯދު ހާލަތު ދަށްވެ ބޭރުގެ ފައިސާ ހުސްވެފައިވާތީ ގައުމު ބަނގުރޫޓު ވެފައިވާ ކަމަށް އެގައުމުގެ މަރުކަޒީ ބޭންކުން ވަނީ ކަނޑައަޅައިފައެވެ. ބޭރުގެ ދަރަނި ދެއްކުން ވެސް މިހާރު ވަނީ ހުއްޓާލައިފައެވެ. އަދި އަމިއްލަ ފަރުދުން ބޭރުފައިސާ ގެންގުޅުމަކީ މިހާރު ގާނޫނީ ކުށަކަށް ވަނީ ހަދައިފައެވެ. އެހެން ގައުމުތަކުގައި މަސައްކަތްކުރާ ލަންކާގެ ރައްޔިތުން ބޭރު ފައިސާގެ އެހީ ދިނުމަށް ވެސް ސްރީ ލަންކާ ސަރުކާރުން ވަނީ އެދިފައެވެ.

ސްރީ ލަންކާގެ އާބާދީގެ 22 މިލިއަނަށްވުރެ ގިނަ މީހުން ވަނީ އަސާސީ ހިދުމަތްތަކުން ވެސް މަހުރޫމުވެފައެވެ. އެގޮތުން ކާބޯތަކެއްޗާއި ތެޔޮ އަދި ބޭސް ގަންނާނެ ފައިސާ އެމީހުން އަތުން ވަނީ ހުސްވެފައެވެ. ލަންކާގެ އިންފްލޭޝަން ވެސް ކުރިން ނުދާހާ މިންވަރަށް މިހާރު ވަނީ މައްޗަށް ގޮސްފައެވެ. އަދި އިގުތިސޯދީ ހާލަތު ގޯސްވުމުން ތަކެތީގެ އަގަށް އައި ބަދަލާއެކު ޕެޓްރޯލާއި ޑީސެލްގެ އަގު ވެސް ވަނީ ބޮޑުތަނުން މައްޗަށް ގޮސްފައެވެ. އެގައުމުން ޕެޓްރޯލް ވެސް ވަނީ ހުސްވެފައެވެ.

ރޮއިޓާސްއަށް ދެއްވި އިންޓަވިއުގައި ރަނިލް ވިދާޅުވީ ކުރިއަށް އޮތީ އެންމެ ދަތި ދުވަސްތައް ކަމަށާއި ކުރިއަށް އޮތް ދެ ހަފުތާގައި މުދަލުގެ އަގުތައް އިންތިހާއަށް ބޮޑުވެ އިންފްލޭޝަން މަތިވާނެ ކަމަށެވެ. އެހެންކަމުން މިހާރު ކުރަމުންދާ މުޒާހަރާތައް ނުރައްކާތެރި މިސްރާބަކަށް ގޮސްދާނެތީ އެކަމަށް ވެސް ވަރަށް ބޮޑަށް ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

"އެއް ޓްރިލިއަން ރުފީސް އޯވާޑްރޯ ކުރައްވަން ޖެހިވަޑައިގަންނަވާނެ، ދެން ވިސްނިވަޑައިގަންނަވާ އަގުތައް މަތިވާނެ ވަރު، 40 ޕަސަންޓަށް އަގުތައް އުފުލޭނެކަން ޔަގީން،" ރަނިލް ވިދާޅުވިއެވެ.

ރަނިލް ވިދާޅުވީ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އެހީތެރިކަމާއެކު ގައުމުގެ އިގުތިސޯދު ރަނގަޅުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ފޮރިން އިންވެސްޓަރުން ޝައުގުވެރިވެލައްވާ ގޮތަކަށް މިހާރު އިގުތިސޯދީ ސިޔާސަތުތައް ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ރަނިލް ވިދާޅުވިއެވެ.

ލަންކާއަށް ދިމާވެފައިވާ އިގުތިސޯދީ ކާރިސާއިން އަރައިގަތުމަށް ވޮލްޑް ބޭންކުން އެހީތެރިކަމަށް އެދުމުން އެ ބޭންކުން ވަނީ ފައިސާގެ އެހީތެރިކަމެއް ދިނުމަށް އިންކާރުކޮށްފައެވެ.

ލަންކާއަށް މިވަގުތު އެންމެ ބޮޑަށް އެހީތެރިކަމެއް ފޯރުކޮއްދެމުން ގެންދަނީ އިންޑިއާއިންނެވެ. އިންޑިއާއިން ލަންކާއަށް ތެލާއި ކާބޯތަކެތި އަދި ބޭސް ވަނީ ފޮނުވައިފައެވެ. މީގެ އިތުރުން ކަރަންސީ ސުވެޕްގެ ގޮތުގައި ދެ ބިލިއަން ރުފިޔާގެ ލޯނު ވަނީ ދީފައެވެ.