ރ. މާކުރަތު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރު ވެއްޖެ އެވެ.

އެމްޓީސީސީން މިއަދު ބުނީ މާކުރަތު ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިދިޔަ ހުކުރު ދުވަހު ޕްރޮޖެކްޓް ސައިޓަށް ބޭނުންވާ ވެހިކަލްތަކާއި ސާމާނު ގެންގޮސް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއު އަކީ 26.67 މިލިއަން ރުފިޔާގެ މަޝްރޫ އެކެވެ.

މި މަޝްރޫޢުގެ ދަށުން، 45،024 ކިއުބިކް މީޓަރުގެ ސަަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 140 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 129 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 85 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 28 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 641 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެ އެވެ.