ސްރީ ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއި އޭނާގެ އާއިލާ، ސޮނެވާގެ ރިސޯޓަކުން ވިލާއެއް ބައްލަވައިގަންނަން އުޅުއްވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ސޮނެވާއިން ދޮގުކޮށްފިއެވެ.
ސޮނެވާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާޖަޕަކްސާގެ އާއިލާއަށް އެތަނުގެ އެއްވެސް ތަނަކުން ވިލާއެއް ވިއްކުމަށް މަޝްވަރާކުރަމުން ނުދާ ކަމަށެވެ. އަދި އެފަދަ މަޝްވަރާއެއްގައި ރާޖަޕަކްސާގެ އާއިލާގެ އެއްވެސް ބޭފުޅަކުވެސް ސޮނެވާއާ މަޝްވަރާ ކުރަމުން ނުދާ ކަމަށްވެސް ބުންޏެވެ.
އޭގެ އިތުރުން ސޮނެވާގެ ސީއީއޯ ސޯނޫ ޝިވްދަސަނީ، ރާޖަޕަކްސައާ ސީދާ ގޮތުންވެސް އަދި ނުސީދާ ގޮތުންވެސް ބައްދަލުކުރައްވައި، އެއްވެސް ވާހަކައެއް ދައްކާފައިނުވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ރާޖަޕަކްސައާއި އޭނާގެ އާއިލާއަށް ސޮނެވާއިން ވިލާއެއް ވިއްކަން އުޅޭ ކަމަށް ބުނެ ރިޕޯޓްކޮށްފައިވަނީ ދިޔަރެސް ނޫހުގެ އިނގިރޭސި ވެބްސައިޓް، "ދަ މޯލްޑިވްސް ޖާނަލް"ގަ އެވެ.
އެ ނޫހުގައި ބުނެފައިވާ ގޮތުން ރާޖަޕަކްސަ، ރާއްޖެ ވަޑައިގެން ވިލާއެއް ބައްލަވައިގަތުމަށް ހުށަހެޅުއްވީ މިހާރު އެ ގައުމަށް ވަޑައިގެން އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދެވެ. ރާޖަޕަކްސަ އާއި އޭނާގެ އާއިލާއަށް ރާއްޖެއިން ހިމާޔަތް ދޭނެ ކަމަށްވެސް ނަޝީދު ވިދާޅުވި ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ބުނެފައިވެއެވެ.
އެ ވެބްސައިޓުގައި ރިޕޯޓްކޮށްފައިވާ ގޮތުން ސޮނެވާގެ ސީއީއޯ ސޯނޫ ޝިވްސަސަނީ ވަނީ ރާޖަޕަކްސަގެ އާއިލާއަށް 12 މިލިއަން އެމެރިކާ ޑޮލަރުގެ ޕްރައިވެޓް ވިލާއެއް ވިއްކަން އެއްބަސްވެފަ އެވެ. އަދި އެ ވިލާގެ އިތުރުން އެ އާއިލާގެ މުވައްޒަފުންނާއި ސެކިއުރިޓީއަށް ތިން މިލިއަން ޑޮލަރުގެ ވިލާއެއްވެސް ވިއްކުމަށް އެއްބަސްވެފައިވާ ކަމަށް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު