ލައިފް ސްޓައިލް

ސޮފޫ: 75 ވައްތަރުގެ ބޯގަންވިލާ ހައްދައި މަލުގެ ބޮޑު ފާމެއްގެ އުއްމީދުގައި

މަރިޔަމް ޝަފާ އިބްރާހިމް

މާމެލާމެއްޔަކީ ނުހަނު ހިތްގައިމު އެހާމެ ހިތްފަސޭހަ، ހިތަށް ހަމަޖެހުން ގެނުވާ، މިހެން ގޮސް ހިތާ ގުޅޭ ވަރަށްވެސް ގިނަ ތަފާތު އިހުސާސް ކުރުވާ ބާވަތެކެވެ. މާގަސްހެއްދުމާއި މަލުގެ ވެޔޮތައް ގޭގެ ފާރުތަކަށް ނުވަތަ ދޮރާށިމައްޗަށް ވާ ގޮތަށް އަރުވާފައި ބޭއްވުން ފަދަ ކަންތައްތަކަކީ ވަރަށް ގިނަ މީހުން ހިތްހަމަޖެހުމަކަށް ކުރާ ކަމެކެވެ. މިގޮތުން ގޭގޭގެ ދޮރާށި މައްޗަށް އަރުވާފައި އޮންނަ ތަން ވަރަށް ގިނައިން ފެންނަ ބޯގަންވިލާއަކީ ފަހަކަށް އައިިސް ކައިވެނި ހަފުލާފަދަ ބައެއް ހަފުލާތައް ޒީނަތްތެރިކުރުމަށްވެސް ބޭނުންކުރާ ވައްތަރެކެވެ. ހަގީގަތުގައި މިއީ މީގެ އަހަރުތަކެއް ކުރިންވެސް ވަރަށް ގިނައިން އަތޮޅުތެރޭގެ ރަށްތަކުން ފެންނަ، ވަރަށް ހިތްގައިމު މަންޒަރެއްގެ ގޮތުގައި ފާހަގަ ކުރެވޭ، ބާވަތެކެވެ. ބޯގަންވިިލާއަކީ ވެޔޮގަނޑެއްހެންވެސް އަދި ގަސްތަކެއްގެ ގޮތުގައިވެސް ޒީނަތްތެރި ކުރުމަށް، ބަގީޗާ ހެއްދުމާއި ގޭގެ ބެލްކަނީގެ ޒީނަތަކަށް ބޭނުންކުރުމަށްވެސް ދެވަނައެއް ނުވާވަރުގެ ފުރިހަމަ ވައްތަރެކެވެ.

ލ. ގަމަށް އުފަން، މިހާރު ފޮނަދޫގައި ދިރިއުޅެމުން އަންނަ ސޮފޫރާ މުހައްމަދު، މާމެލާމެލީގެ ތެރެއިން ބޯގަންވިލާގެ ވިޔަފާރި ފެށިތާ މިވީ ތިން އަހަރު ތެރޭގައި އެތައް ބައެއްގެ ލޯބި ހޯދައިފައިވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ގޭގައި އިނދެގެން ކޮންމެވެސް ކަމެއް ކުރުމުގެ ނިޔަތުގައި ވިސްނައިލިއިރު، ރަށުތެރޭގައާއި އަތޮޅުތެރޭގައި މާބޮޑަށް ގަސްއިންދުމުގެ ފޯރި ނަގާތީވެ، ސޮފޫ ފެށީ ތަފާތު ވައްތަރުގެ ގަސް ވިއްކުމުގެ ކުޑަވަރެއްގެ ވިޔަފާރިއެކެވެ. މިގޮތުން ފެށުމުގައި ވަރަށް ގިނަ ވައްތަރު ގަސް ގެނައިކަމުގައި ވިޔަސް، ރާއްޖެ ގެނައުމުން ގިނަ ވައްތަރުތައް މާހައުލާ ނުގުޅި، ދިވެހިންގެ ފަސްގަނޑާ ބީރައްޓެހި، މަރުވާ ބާވަތްތަކަށްވީއިރު، ބޯގަންވިލާ ވެގެންދިޔައީ ސޮފޫގެ މިމަސައްކަތަށް އާދިރުމެއް ގެނުވި ވައްތަރަކަށެވެ. އެހިސާބުން މުޅިން ބޯގަންވިލާއަށް ބަދަލުކޮށް، މިހާރު ތަފާތު އެކި ވައްތަރުގެ، އެކި ކުލަކުލައިގެ، ފަތްތަކާއި މާތައް އެކިކުލައަށް ގޮސް، މުޅިއެކު ތަފާތު 75 ވައްތަރުގެ ބޯގަންވިލާ ގެންގުޅޭ ސޮފޫއަކީ ގަސްހެއްދުމަށް އެދޭ، މާގަސް އިންދުމަށް ލޯބިކުރާ އެތައް ބައެއްގެ ލޯބި ލިބިފައިވާ ފަރާތެކެވެ.

ވޭތުވެދިޔަ ތިން އަހަރު ތެރޭގައި އަދިވެސް، އެންމެ އާދައިގެ ގޮތަށް، އެއްވެސް ޒަމާނީ ވަސީލަތަކާ ނުލައި މިމަސައްކަތް ކުރަމުން އަންނަ ސޮފޫ އޭނާގެ މިދަތުރުގެ ފެށުން އައި ގޮތް ކިޔައިދެމުން ބުނި ގޮތުގައި، އެންމެ ފުރަތަމަ ގަސް ގެންނަ ފަރާތްތަކާ ގުޅިގެން ގަސް ގެނެސް ހުންނަ ގޮތަށް ވިއްކާލަނީއެވެ.

"އެންމެ ފުރަތަމަ ރާއްޖެއިން ބޭރުން ގަސް ގެންނަ ފަރާތެއް، 'ސީކްރެޓް މޯލްޑިވްސް ފަޔާޒުއާ ގުޅިގެން ގަސް ގެނެސް ވިއްކުމުގެ މަސައްކަތް ކުރަނިކޮށް، ދިމާވި އިތުބާރުގެ މައްސަލައެއްގައި ގުޅުން ކަނޑާލީ، ގުޅިޔަސް ފޯނެއްވެސް ނުނަގާ، ދެން ގުޅުނީ ލާމުގަ ބޭރުން ގަސް ގެންނަ ކުއްޖަކާ."

ސޮފޫ ބުނި ގޮތުގައި ބޭރުން ގަސް ގެންނައިރު ހުންނަނީ މޫ ދޮވެގެން ކުޑަކުޑަ ބޮނބޮކުޑިކޮޅެއްގެ ތެރޭގައެވެ. ދެން ރާއްޖެ ގެނެސް، ކަޅުވެލީގައި އިންދައިގެން ރޯކޮށް ދިރުވަނީއެވެ. ކޮންމެ ސަތޭކައަކުން ފަސްގަސް މަރުވެއެވެ. އެހެންވުމުން ބޮޑުބައި ދިރުވައި، ކާމިޔާބުކަމާއެކު މާއެޅުމުން ވިއްކާލަނީއެވެ. އެހިސާބުން ސޮފޫއަށް ވިސްނުނީ މިއީ އަދި އެންމެ ރަނގަޅު ގޮތް ނޫންކަމެވެ. ދާއިމީ ކަމަކަށް ވާނީ ދިރުވައި އާލާކޮށްގެން ކުރި ވިއްކުމުންކަން ވިސްނުނީއެވެ. މާދަމާ ބޭރުން ނުލިބުނަސް މަސައްކަތް ނިމުނީކަން ސޮފޫއަށް ވިސްނުނީއެވެ.

އެހިސާބުން އެގެންނަ ފަރާތުން، ސޮފޫ ގަނެގެން ގެނުވި 75 ވައްތަރުގެ ގަސް އިންދައި، ދިރުވައި އާލާކޮށްގެން ވިއްކަން ފެށީ ގަހުގެ ކުރިއެވެ. މާނައަކީ މައި ގަހުން ކުރި ރޯކޮށް އާގަހަކަށް އެކުރި ހަދައި ކުރި ވިއްކަނީއެވެ. އެއްގޮތަކަށްވެސް ގަހުގެ އަސްލު މައި 'މަންމަ' ވިއްކައި ނުލައި އޭގެން ނަފާވެރިކަން ލިބޭނެ މަގުފަހިކުރީއެވެ. މައިގަސް ހުންނަނީ ގޭގައި އޭގެ މަގާމުގައެވެ. އެހެންކަމުން ގޭގެ ޒީނަތްތެރިކަންވެސް ފުރިހަމަވެ، އަނެކުންގެ ހިތްހަމަޖެހުން ވެސް ފޯރުކޮށްދެވުމާއެކު ވިޔަފާރީގެ ނަފާވެސް އިތުރުވީއެވެ.

މިހެން ބުންޏަސް، މިދެއްކީ އެތައް ދުވަހެއް ވަންދެން ގަސް ނުވިއްކައި މަޑުކުރަން ޖެހުނު ކަމެއްގެ ވާހަކައެވެ. ގަހުން ނެރޭ ކުރި އާލާކޮށް ރޯކޮށް، އެއީ ގަހަކަށް ހެދުމަށް ވަގުތު ނެގިކަމުގައިވިޔަސް އޭގެ މަންފާ މާރަނގަޅަށްވެސް ސޮފޫއަށް ކުރެއެވެ. ދުލުން ކިޔައިދޭ އިރު ފަސޭހަ ކަމެކޭ ހީވިއަސް، ސޮފޫ ކުރާ މަސައްކަތް ކުޑަނޫންކަން ވިސްނާލީމަ އެނގެއެވެ. ޕޮޓުގައި ބޭންދުމުން އަބަދު ކަނޑާނެ ކުރި ނުހުންނާތީ ގަސް ބިމުގައި އިންދުމަށް ކުރި މަސައްކަތުން ފަށައިގެން ކޮންމެ ކުރިއެއް، 1.5 ލީޓަރުގެ ފުޅިއެއް، (ދެބުރިކޮށްލައިގެން، މުލަށް އެއްބައި، އަނެއްބައި މައްޗަށް،) ބޭނުންކޮށްގެން ރޯކުރާއިރު، އެ ކުރިތަކުގެ ތެރެއިން މަރުވާ ބަޔާއި ސަލާމަތް ކުރެވޭ ބަޔާއި މިހެން ގޮސް ސޮފޫ ބޯގަންވިލާ ހައްދާ ވިއްކުމަށް ކުރާ މަސައްކަތް ކުޑައެއް ނޫނެވެ.

ރަށުގެ ކޮންމެ ތަނަކަށް ވިޔަސް ސޮފޫ އެހިސާބަކަށް އެއޯޑަރުގެ ގަސް ގެންގޮސްދެއެވެ. ރަށު ބަނދަރުން ފުރާ ކޮންމެ ބޯޓަކަށް ލައިދިނުމަށް އޯޑަރު އަޔަސް ސޮފޫ އަމިއްލައަށް އެއޯޑަރު ބޯޓާ ހަމައަށް ވަގުތަށް ގެންގޮސްވެސްދެއެވެ. ޑެލިވަރީގެ ހުރިހާ ކަމެއްހެން ކުރަނީ ސޮފޫއެވެ. މާލެއާ ހަމައަށް ފޮނުވުނަސް، މާލެއިން އަތޮޅުތަކުގެ ބޯޓަކަށް ލައިދޭނެ ގޮތެއް ނޯންނަ ކަމަށް ކޮންމެ ކަސްޓަމަރެއް ގާތުގައި ވެސް މާފާއެކު ސޮފޫ ބުނެއެވެ. އެހެންވިޔަސް މާލޭކޮޅުން ބޯޓު ޖެއްސީމަ ގަސްތައް ނަގާނެ ފަރާތްތައް އާދެއެވެ. އެހެންކަމުން ކޮންމެ ބޯޓެއް ރަށު ބަނދަރުން ފުރިޔަސް ސޮފޫގެ ގަސްތައް އެބޯޓަކުން ގެންދާނެއެވެ. ސޮފޫގެ ވައިބާ ގްރޫޕު ވީ-ސްޕޮޓްގައި ހުންނަނީ 'ބޯގަންވިލާ 75ވައްތަރުގެ މާގަހުގައި" ނަންބަރު ޖަހައި ފަފޮޓޯތައް ލައިފައެވެ. އެހެންކަމުން މިވެނި ނަންބަރެއްގެ ބޯގަންވިލާއަށް އޯޑަރު ދިނުމުން އެނަންބަރެއްގެ ގަސް އެފަރާތަކާ ހަމައަށް ފޯރުކޮށްދެވެއެވެ. ކޮންމެ ފަރާތަކުންވެސް އޯޑަރު ދެނީ ނަންބަރުކަމަށާއި އޯޑަރުގެ ގަސް ހޯދުމަށް އުނދަގޫ ނުވާނެހެން އިންދާއިރު އެކުރީގައި އެއީ މިވެނި ނަންބަރެއްކަން ޖަހާފައިވާނެކަމަށްވެސް ސޮފޫ ކިޔައިދިނެވެ. އެފަރާތަށް ލިބޭއިރުވެސް ޕޮޓުގެ ބޭރުގައި ނަންބަރު ހުންނާނެކަމަށާއި އެދިން އޯޑަރުގައިވާ މަލާއި ލިބޭ ކުރިއާ އެކައްޗެއްކަން ދެނެގަނެވޭނީ ނަންބަރުންކަން ސޮފޫ ކިޔައިދިނެވެ.

މިއީ ކޮންމެ އަންހެނަކަށްވެސް އަމިއްލަ ގޭގައި އިނދެގެން ކޮށްލަން ނަފާވެރި، އެހާމެ ހިތްހަމަޖެހޭ މަސައްކަތެއްކަމަށް ސޮފޫ ކިޔައިދިނެވެ. އޯޑަރު ނުލިބޭ ދުވަސްވެސް ދިމާވާކަމަށްވެސް ސޮފޫ ބުންޏެވެ. އެހެންނަމަވެސް ނުލިބޭ ދުވަހުގެ ހުސްކަން، ލިބުނު ދުވަހުގެ މަންފާއިން ފިލާވަރަށް ލިބޭ އިރު ލިބޭވަރު ރަނގަޅުކަމަށްވެސް ސޮފޫ ބުންޏެވެ. އެހެންނަމަވެސް، ދުވަހެއް ދުވަހަކަށް ޖާގައިގެ ދަތިކަން ކުރިމަތިވަމުންދާކަމަށާއި، ފަހަކަށް އައިސް ކޮންމެ ދުވަހަކީ ފިރިމީހާ ގާތު ފަޅުގެއެއް ނަމަވެސް ކުއްޔަށް ހޯދައިދިނުމަށް އެެދި ކިޔާ ދުވަހަކަށްވެފައިވާ ކަމަށްވެސް ސޮފޫ ބުންޏެވެ. ލާމު ފޮނަދޫއަކީ ވަރަށް ގިނަ ފަޅު ގޭގެއާއި ގޯތިތައް އޮންނަ ރަށެއްކަމަށްވިޔަސް، އެއްވެސް މީހަކު އެހެން ހުރި އެއްވެސް ތަނެއް ދޭން އެއްބަސް ނުވާކަމަށްވެސް ސޮފޫ ބުންޏެވެ. ސޮފޫ ބުނި ގޮތުގައި އެގެއާ ހަމަ ޖެހިގެން ކަހަލަ ގޮތަކަށް ބޮޑު ގޯއްޗެއް ފަޅުވޭވޭ އޮވެއެވެ. އެހެންނަމަވެސް އެއީވެސް ނުލިބުނު ތަނެކެވެ.

މިހިސާބުން، ތުންތުން މަތިން ބޯގަންވިލާ އަކީ ނުރައްކާތެރި މަލެކޭ، ގޭގައި ހައްދަން ރަނގަޅުނޫން އެއްޗެކޭ މީހުން ބުނާ ވާހަކަ ސޮފޫއަށް އިވިފައިވޭތޯ އަހާލުމުން ހެވިލާފައި "މީހުން އެހެން ކިޔާ ދޯ؟" އޭ ބުނެފައި ސޮފޫ ބުނީ ދާދި އިހަށްރޭވެސް ހަރުފުރައިގެ މީހަކު އެހެން ބުނިކަމަށެވެ. މީހުން ދިރިއުޅޭ ގޭގޭގައި ހައްދަން އެހާ ރަނގަޅުނޫން އެއްޗެއްކަމަށް ބުނިކަމަށެވެ. ނަމަވެސް އެފަދަ ބޯދާ ވާހަކަތަކަކީ ސޮފޫގެ މިގަސްއިންދުމުގެ މަސައްކަތަށް އެއްވެސް އަސަރެއް ކުރާ ވާހަކައެއް ނޫނެވެ. ގިނައިން ގަސްހުންނަ ތަންތަނާމެދު ނާމާން ވާހަކަ ދެއްކުމަކީ ހަމަ ވަރަށް ގިނައިން ކިޔާ އާއްމު ވާހަކައެކެވެ. އެހެންނަމަވެސް މިފަދަ ގަސްގަހުން ލިބޭ ހިތްހަމަޖެހުމާއި ހިތަށް ލިއްބައިދޭ ފިނިކަމަކީ އެއްވެސް ނުރައްކަލެއް އޮތް ކަމެއް ނޫނެވެ. ދެކުދިންނާއި ފިރިމީހާއާއެކު، ރަށެއްގެ ގެއެއްގެ ގޯތިތެރޭގެ ބޮޑު ބައެއްގައި ބޯގަންވިލާ ހައްދައި، އެއިން ލިބޭ ނަފާއިން ދިރިއުޅުމުގެ ހަރަދުތައް ކޮށް، އެދެވޭ މަންފާއެއް ހޯދަމުން އަންނަ ސޮފޫއަށް ދުވަހަކުވެސް އެބުނާ ނުރައްކާތެރިކަމުގެ އެއްވެސް ހިލަމެއް ވެފައެއް ނެތެވެ.

ސޮފޫގެ ބޯގަންވިލާ ބަގީޗާގެ މާތަކުން ލިބެނީ އުފާވެރިކަމެވެ. މަންފާއެވެ. މިއީ ކޮންމެ މީހަކުވެސް ކުރާން ހަމަ އެންމެ ރަނގަޅު ކަމެއްކަން ސޮފޫ އެވަނީ ސާބިތުކޮށްދީފައެވެ. ސޮފޫގެ އުއްމީދަކީ ބޯގަންވިލާގެ ބޮޑު ދަނޑެކެވެ.