ވާހަކަ

މޮޔަކޮށްލި މާ - ފަހުބައި

5

ޝެލީ އާއި ސާހިލްގެ ކައިވެނީގެ ހަދިޔާ ނިމާން ދިނެވެ. ރާއްޖޭގެ ފަސްތަރީގެ ރިސޯޓެއްގައި ދެ ހަފުތާ ހޭދަކުރުމުގެ ފުރުސަތެވެ. ކައިވެނީގެ ފުރަތަމަ ދުވަސްވަރު އަނބިމީހާއާ އެކު ވަކި ތަނެއްގައި ހޭދަކުރަން ބޭނުންވިޔަސް ހިތުގެ ކަނަކުން ސާހިލް މާޔޫސްވިއެވެ. ސަމީރާ އެކަނިވާނެތީއެވެ. އެކަން އަލްމާޝް ދެނެގަތެވެ. ވަގުތުން ސާހިލްގެ ނުތަނަވަސްކަން ދުރުކޮށްދިނެވެ.

"ދަރިފުޅުމެން އެނބުރި އަންނަންދެން ސަމީރާ ހުންނާނީ މިގޭގަ" ފަޒްނާ ބުންޏެވެ.

އަވަސް އަރުވާލާފައި އާޝިގާ ފާހަނައިން ނުކުތީ ކޮށަކޮށައިގެން ގުރުއާން ކިޔަވަމުން ދިޔަ އިކާންގެ އަޑު ކެނޑުނުހެން ހީވުމުންނެވެ. މުސްހަފަށް ބަލަހައްޓައިގެން އިން އިކާން އިސްއުފުލާ އާޝިގާއަށް ބަލައިލިއެވެ. އިކާންގެ ދެލޮލުގައި ވިދަމުންދިޔަ ކަރުނަތައް ފެނި އާޝިގާ އިކާނާ ގާތަށް ޖެހިލިއެވެ.

"ކިހިނެއްވީ؟" އާޝިގާ އެހިއެވެ.

"ކަމެއްނުވޭ... ޝިގާ ރޭގަ ބުނި އެއްޗެއްގެ މަތިން ކުއްލިއަކަށް ހަނދާންވީ" އިކާން ބުންޏެވެ.

"އަހަރެން... އިކާނަށް ރުޅިއަށް އެއްވެސް އެއްޗެއް ނުބުނަން" އާޝިގާ ބުންޏެވެ.

"ރުޅިއަކަށް ނޫން... އެއީ ލޯބި.. ކީރިތި ރަސޫލާ ﷺ ހަދީޡް. ކީރިތި ޤުރުއާން ހިތުދަސްކޮށް ރިވެތިކޮށް ރަނގަޅަށް ކިޔަވާމީހާ ވަނީ ކިޔަމަންތެރި މާތްވެގެންވާ މަލާއިކަތުންނާ އެކުގައެވެ. އަދި ދަތި އުނދަގުލާއެކު އަޅައަޅައި ގަންނަ ހާލު ޤުރުއާނަށް ފަރުވާތެރިވެ އެކަމަށް މަސައްކަތްކުރާ މީހާއަށް ދެ ދަރުމަ ވެއެވެ… ހަނދާނަށް އައީ އަހަރެންނަށް ޝިގާ ފޯރުކޮށްދިން ދިނީ މައުލޫމާތުތައް. އެހުރިހާ ނަސޭހަތްތަކުގެ ތެރެއިންވެސް އަބަދު ހިތަށް އުނދަގުކުރަނީ ދެންމެ މިކިއި ބަސްފުޅު. އަހަރެންނަށް އެނގޭ ޝިގާ އަހަރެންނަށް ދެވަނަ ފުރުސަތެއް ދިނީ އަހަރެންދެކެ ލޯބިވާތީކަން. އަހަރެން އަނބިމީހާދެކެ ލޯބިވެޔޭ ނޫނީ ވަރަށް ކަމުދެޔޭ ބުނެފިއްޔާ ފަހަރެއްގަ ޝިގާއަށް ގަބޫލުނުކުރެވިދާނެ... އެކަމަކު ﷲ އަށްޓަކައި. އަހަރެން އަނބިމީހާދެކެ ލޯބިވޭ. ދަރިފުޅުދެކެ ލޯބިވޭ. ވަރަށް ލޯބިވޭ. މިހުރިހާ ދުވަހެއް ދިޔައީ ބޭކާރުގޮތުގައެއް ނޫން. ދަރިފުޅު މަތިން އަހަރެން ހަނދާންނުކުރާ ސިކުންތުކޮޅެއް ފާއިތުވެގެން ނުދޭ. މާތް ﷲ އިރާދަކުރެއްވިއްޔާ އަހަރެންނަށް އެކަލާނގެ ތެދުމަގު ދައްކަވައިފި. އަހަރެން ހުންނާނީ އެކަލާނގެ އެންގެވިގޮތުގެ މަތީގަ. ދުވަހަކުވެސް ކަތިފިޔަވަޅެއް ނާޅާނަން. މިއީ އަހަރެން އެކަލާނގެ ހެކިކޮށް އަނބިމީހާއަށް ވާ ވައުދެއް" އާޝިގާގެ ދެއަތްތިލައިގައި ހިފަހައްޓާލައިގެން އިނދެ އިކާން ވާހަކަދެއްކިއެވެ. އާޝިގާގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ. އުފާވެރިކަމުގެ ކަރުނައެވެ. ހިތާއިހިތުން ހެއްދެވިފަރާތަށް ހަމްދުކުރެވުނު ވަގުތު އެކަލާނގެ ކުޅަދުންވަންތަކަން ހަނދުމަވެފައި އޮހޮރައިގެން ދިޔަ ކަރުނައެވެ.

***************

"ދެރަވެފަތަ؟ މެރީ ކުރެވުނީމަތަ؟" ޝެލީ ބަލައިލުމާއެކު ސާހިލް އެހިއެވެ. ޝެލީ ހީލާފައި ދެފަރާތަށް ބޯހޫރާލިއެވެ. މާމުއި ހަނދުވަރުގެ މަންޒިލަށް ދިޔުމަށް ދެކުދިން ތިބީ ދަތުރުމަތީގައެވެ.

"އެހެންވިއްޔާ ދެން ކޮޅަށް ނުހުރެ އިށީނދެބަލަ" ސާހިލް ބުންޏެވެ. ޝެލީ ސާހިލް އާ ޖެހިގެން އިށީނެވެ. އެއްވެސް ހުރަހެއްނެތި ކަނޑުން ނަގައިގެން އަންނަ ފިނި ވައިރޯޅި ހަށިގަނޑުގައި ޖެހޭ ކޮންމެ ފަހަރަކު ޝެލީގެ މުޅި ގައިން ހީބިހި ނަގުވައެވެ. ދެއަތް ގެނެސް ހަށިގަނޑުގައި ވަށައިލި އިރު ޝެލީގެ ދަތްދޮޅި ރޫރުއަޅަން ފަށައިފިއެވެ. އެކަން ސާހިލްއަށް އެނގުމުން ޝީޓުމަތީގައި ބާއްވާފައި އޮތް ކޯޓު ނަގާފައި ޝެލީގެ ގައިގައި ވަށާލިއެވެ.

ދާން ބޭނުންވި މަންޒިލާ ނުހަނު ގާތްވެފައި ވަނިކޮށް ޝެލީއަށް ސިހުން ގެނުވީ ކައިރިން ދިޔަ އެހެން ލޯންޗަކުން ނެގި ރާޅެއްގައި ޖެހި ލޯންޗު އަރިއަޅާލި ވަގުތުގައެވެ. ހަޔާތުގައި އައި އެންމެ ބިރުވެރި ދުވަސް ޝެލީގެ ލޯކުރިމަތީގައި ސިފަވެގެން ދިޔަ ކަހަލައެވެ. ޝެލީއަށް ހަޅޭއްލަވައިގަނެވުނީ ބޭއިހުތިޔާރުގައެވެ. ސާހިލް ދިޔައީ ސިހިގެންނެވެ.

"އިޓްސް އޯކޭ... މިއާދެވުނީ" ސާހިލް ބުންޏެވެ.

ދެއަތްތިލަ އަދިވެސް ފިނިވެފައި ހުރުމުން އެއްކޮށް ޝެލީ ހަމަޔަކަށް ނޭޅޭކަން ސާހިލްއަށް އެނގުނެވެ. އެހެންކަމުން ތިބުމަށް ހަމަޖެހިފައިވާ ވިލާއަށް ދިޔުމުގެ ބަދަލުގައި ޝެލީ ގޮވައިގެން ސާހިލް މިސްރާބުޖެހީ އަތިރިއާ ވީ ދިމާލަށެވެ. މަޑުފަސްގަނޑު މަތީގައި ޝެލީއަށް ހިނގަން އުނދަގޫވެގެން އުޅޭހެން ހީވުމުން ސާހިލް ސަމާސާއެއް ކޮށްލާހިއްވިއެވެ.

"އުރާލަންވީތަ؟" ސާހިލް ބުންޏެވެ. ޝެލީ ދެފަރާތަށް ބޯހޫރާލިއެވެ.

"އެހެންވިއްޔާ މަޑުކޮށްބަލަ" ސާހިލް ބުންޏެވެ. ޝެލީ މަޑުޖެހިފައި ސާހިލްއަށް ބަލައިލިއެވެ.

"ކީއްކުރަން ތިއުޅެނީ؟" ޝެލީގެ ފައި ކައިރިން ވެލިގަނޑު މަތީގައި ސާހިލް ކުރުކަކޫ މައްޗަށް އިށީނުމުން ޝެލީ އެހިއެވެ. ސާހިލް ބަހެއްވެސް ނުކިޔައި ޝެލީގެ ފައިތިލައިން ބޫޓް ވަކިކޮށްލިއެވެ. ދެން ޝެލީގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ. ބޭނުންވި ހިސާބަށް ދެވެންދެން އެއްވެސް ތަކުލީފެއްނެތި ޝެލީއަށް ހިނގުނެވެ.

ހަނދުވަރުގެ ރިހި އަލިން މުޅި ސަރަހައްދަށް ވެރިވެފައިވަނީ ޖާދޫވީ ފުރިހަމަ ކަމެކެވެ. މޫދުގެ ލޮނުގަނޑު ވަކިން ރީއްޗެވެ. ހެޔޮވަރު ވަރަކަށް ވައިރޯޅި ވަމުން ދިޔައިރު ޝެލީ އާއި ސާހިލްގެ އުފަލުގައި ބައިވެރިވާ ކަހަލައެވެ.

"މާޝާﷲ ހާދަރީއްޗޭ ދޯ" ދުރުދުރަށް ފެތުރިފައިވާ ހުދުކުލައިގެ ފަސްގަނޑު ފެނުމާއެކު ޝެލީ ބުންޏެވެ. ދެން ސާހިލްގެ އަތުން އަތްތިލަ ވަކިކޮށްލާފައި ދެއަތް ފުޅާކޮށްލަމުން ކުރިއަށް ހިނގައިގަތެވެ. ލައިގެން ހުރި ހެދުން ދެއަތުން ކޮށި ކޮށްލާފައި ޝެލީ ހުއްޓުނީ ރާޅު ބީއްސާ ހިސާބުގައެވެ. ދުރުގައި ޝެލީއަށް ބަލަހައްޓައިގެން ސާހިލް ހުރީ ހެވިފައެވެ. ދެން އެ މަންޒަރުތައް ފޯނުގައި ރައްކާކުރަން ފެށިއެވެ.

ދެކުދިންނަށް ވިލާއަށް ދެވުނު އިރު ދަންވަރު އެކެއްޖަހާ ބޮޑުވެއްޖެއެވެ. ނިދާ ހެދުން ހިފައިގެން ޝެލީ ފާހާނައަށް ވަނުމުން ސާހިލް އެނދުގައި އިށީނެވެ. ރެއާ ދޭތެރެ ވިސްނާލަން ސާހިލްއަށް ލިބުނު ވަގުތުކޮޅަކީ އެއީއެވެ. ކައިވެނީގެ ފުރަތަމަ ރެއަކީ ކޮންމެ އަންހެނަކާއި ފިރިހެނެއްގެ ހަޔާތަށް އަންނާނެ އެންމެ އުފާވެރި އެއް ރެއެވެ. އަދި ހަޔާތުގެ ބައިވެރިޔާއަކީ އެމީހެއް އެންމެ ހިތްއެދޭ ބައިވެރިޔާ ކަމުގައިވަންޏާ އެރޭ އިތުރަށް ހާއްސަވެއެވެ. ދެމީހުންގެ ހަށިގަނޑު އެއް ހަށިގަނޑަކަށް ވެގެންދާ ޖާދޫވީ ވަގުތުކޮޅެއް އެރޭގައި ވެއެވެ. އެހެންނަމަވެސް އެ އުފާވެރިކަން ސާހިލް އެރޭ ބޭނުމެއް ނުވިއެވެ. އެއީ ސާހިލްއަށް ޝެލީ އާ މެދު ކުރެވޭ އިހުސާސް ޝެލީއަށް ސާހިލް އާމެދު ނުކުރެވޭތީއެވެ. ސާހިލް ބޭނުންވަނީ ދެހަށިގަނޑުންވެސް އެ އުފާވެރިކަން ހާސިލްކުރާ އިރު ދެ ހިތުގައިވެސް އެއް ވިންދެއް ޖެހުމަށެވެ.

"ކޮން ވިސްނުމެއްގަ" ޝެލީ އައިސް ހުއްޓުނީ ސާހިލް ކުރިމަތީގައެވެ.

"ނުވިސްނަން. ނިމުނީތަ؟" ދެލޮލުން ކޮންމެވެސް ވަރަކަށް ކަރުނަ ފޭދިފައި ހުރުމުން ޝެލީއަށް އެމަންޒަރު ފެނިދާނެތީ އިތުރަށް އިސްއޮބާލަމުން ސާހިލް ބުންޏެވެ.

"އަވަސްކުރައްޗެ. އަހަރެން ވަރަށް ބަނޑުހައި" ފާހާނާ އާ ދިމާލަށް ދިޔަ ސާހިލްގެ އަތުގައި ހިފާލަމުން ޝެލީ ބުންޏެވެ. ސާހިލް ޝެލީއަށް ބަލައިލީ އެވަގުތުއެވެ. ރަތްކުލައިގެ ޕިޖާމާގައި ހުރި ޝެލީގެ ބޮލުގައި ކަޅު ކުލައިގެ ކުޑަ ބުރުގާކޮޅެއް އޮތެވެ. ސާހިލް ހީލަމުން ބޯޖަހާލާފައި ހިނގައިގަތެވެ.

"އަހަރެން މިހެން ބުރުގާ އަޅައިގެން އިނީމަ ސާހިލް ކީކޭ ހީކުރާނީ" އަމިއްލަ ނަފްސަށް ޝެލީ ބުންޏެވެ. ދެން މަޑުމަޑުން ތެދުވެގެން ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓިފައި ބުރުގާ ކޮޅު ބޮލާ ވަކިކޮށްލިއެވެ. ބުރަކަށީގެ މެދާ ހަމައަށް އަރާވަރަށް އޮތް ފަން އިސްތަށިގަނޑުގެ ތެރެއަށް އިނގިލިތައް މަހާލާފައި ވިނުވާލިއެވެ.

ކުއްލިއަކަށް ޝެލީއަށް ހުއްޓުމެއް އައީ ފާހާނާ ދޮރުމަތީގައި އެމަންޒަރު ބަލަހައްޓައިގެން ހުރި ސާހިލް ފެނިފައެވެ. ހަށިގަނޑަށް އަރައިގެންދިޔަ ފިނިގަނޑާއެކު ޝެލީއަށް ލަދުން އިސްޖެހުނެވެ. ޝެލީ އެގޮތަށް ހުއްޓައި ފެނުމުން ސާހިލްއަށް ދުރަކު ނުހުރެވުނެވެ. ތުވާލި އެނދުގައި ބާއްވާފައި މަޑުމަޑުން ގޮސް ހުއްޓުނީ ޝެލީ ކުރިމަތީގައެވެ.

"ރޯޒްމެލޯ...." ސާހިލް ޝެލީއަށް ގޮވާލިއެވެ. އެހިނދު ޝެލީ ލަސްލަހުން ސާހިލްއަށް ބަލައިލިއެވެ. ހަތަރުކަޅި ހަމަވުމާއެކު ޝެލީ ހިތްއަވަސްވެލިއެވެ. ހީލަންވެސް ނޭނގިފައި ޝެލީ ހުއްޓެވެ. ޝެލީގެ މޫނުގައި އިނގިލިތަކުން ސާހިލް ފިރުމާލިއެވެ. ވީއަރާމާއެކު ޝެލީއަށް ދެލޯ މަރާލެވުނެވެ. ޝެލީގެ މޫނުގެ ދެފަރާތުގައި ސާހިލް ހިފާލިއެވެ. އިތުރަށް މޫނާ ގާތްކޮށްލާފައި ގާތުން އެމޫނަށް ސާހިލް ބަލަމުން ދިޔައެވެ.

"ރޯޒްމެލޯ... މާޝާﷲ... ވަރަށް ލޯބި... " ސާހިލް ބުންޏެވެ. ލަސްލަހުން ޝެލީ ދެލޯ ހުޅުވާލިއެވެ.

ހީކުރިގޮތާ ހިލާފަށް ސާހިލްގެ އަމަލުތައް ކުރިއަކަށް ނުދިޔައެވެ. އަމިއްލަ އިހުސާސްތަކުގެ މައްޗަށް ސާހިލްގެ ޒަމީރު ކުރި ހޯދިއެވެ. ޝެލީގެ ހިތުގައި ސާހިލް އާ މެދު އެއްވެސް އިހުސާސެއް ނުވާ އިރު އެހާ އަމިއްލަ އެދުން ބޮޑުކުރަން ސާހިލް ބޭނުމެއް ނުވިއެވެ.

"ބޭނުންވަރަކަށް ވަގުތު ނަގަންވީ. އަހަރެން ހުންނާނީ ރޯޒްމެލޯ ބެހެއްޓި ހިސާބުގަ. އެއްވެސް ޝަކުވާއެއްނެތް" ސާހިލް ބުންޏެވެ. ޝެލީ ބަހެއް ނުކިޔައި ހުއްޓެވެ.

ޝެލީގެ މޫނުން ދެއަތް ދޫކޮށްލާފައި އެނބުރި ސާހިލްގެ އަތުގައި ޝެލީ ހިފެހެއްޓިއެވެ. ސާހިލްއަށް ލިބުނީ ހައިރާންކަމެކެވެ.

"ތިގޮތަށް ފުރަގަސްދީފަ ދަންޏާ ދުވަހަކުވެސް އަހަރެންގެ މިހިތް ބަދަލުވާނެކަމެއް ނޭނގޭ... މިގުޅުމަށް ފުރުސަތެއްދޭން އަހަރެން ބޭނުން. ރަހުމަތްތެރިންގެ ގޮތުގަ ތިބެގެނެއް ނޫން. ދެމަފިރިންގެ ގޮތުގަ" ޝެލީ ބުންޏެވެ. ގަބޫލުނުކުރެވިފައި ސާހިލް ހުއްޓައި ޝެލީ އިސްވެ ސާހިލްގެ އަތުގައި ބޮސްދީ މޭގައި ލައްވެލިއެވެ. އެހިނދު އަނބިމީހާ އެދޭއެދުން ސާހިލް ދެނެގަތެވެ.

"ޔަގީންތަ؟ ފަހުން އަހަރެން ރިގްރެޓް ކުރަން ނުޖެހޭނެތަ؟" ޝެލީ އާ އިތުރަށް ކައިރިވެލާފައި ސާހިލް އަހާލިއެވެ. ޝެލީ ބޯޖަހާލިއެވެ. ލުއިފަތެއް އުފުލާލާހެން ސާހިލްގެ ދެއަތް މައްޗަށް ޝެލީ އުފުލާލިއެވެ. އެއައި ގޮތަށް އައިސް މަޑު ކަފަކޮޅެއްފަދަ ތަންމަތީގައި ޝެލީ ބޭއްވިއެވެ.

"އަހަރެން ވާހަކައެއް ބުނަން ބޭނުން" ޝެލީ ބުންޏެވެ.

"ބުނޭ... އެކަމަކު އެހާ ވަގުތު ނުނަގާތި. އަހަރެންނަށް އެހާ ވަގުތެއް ނެތް" ޝެލީގެ ކޮލުގައި ބޮސްދެމުން ސާހިލް ބުންޏެވެ.

"އަހަރެން ސާހިލް ބޭނުން... އުމުރަށްވެސް އެކުގަ ވާން ބޭނުން..." ޝެލީ ބުންޏެވެ. ސާހިލްއަށް ހެވުނެވެ. އަޑުއަހަން ބޭނުންވި ޖުމްލައެއް ނޫނަސް ސާހިލްގެ ޝަކުވާއެއް ނެތެވެ. އެ ބަސްތައް ޝެލީގެ ދުލުން ބޭރުކުރާކަށް ގިނަ ވަގުތެއް ނެތެވެ. ކައިވެނީގެ މޭވާ ލިބުނީވެސް އުންމީދު ނުކުރާ ފަދައަކުންނެވެ. ވީއިރު ސާހިލްއަށްޓަކައި ޝެލީގެ ހިތް ބަދަލުވާން ގިނައިރު ނަގާނެ ހެއްޔެވެ؟

*** ތިންއަހަރު ފަސް ***

އެއާޕޯޓުގައި ލަކްޔަންގެ އާއިލާ މަޑުކޮށްގެން ތިއްބެވެ. ކޮންމެ މީހެއްގެ ތުންފަތްމަތީގައި ވަނީ ހިނިތުންވުމެކެވެ. ފުރޮޅުލީ ގޮނޑީގައި އިން އައްބާސް ދުރުގައި ހުރި ލަކްޔަން ހަނާއަޅާލިއެވެ. އެހިނދު ލަކްޔަން އައިސް އައްބާސް ކައިރީގައި ހުއްޓިއްޖެއެވެ.

"ބައްޕައަށް އެނގޭ ނޫންކަމަށް ހެދުނަސް ދަރިފުޅު އެސޮރު ދެކިލާހިތުން ހުރިކަން" އައްބާސް ބުންޏެވެ. ލަކްޔަން ބަހެއް ނުކިއެވެ. ތެދެކެވެ. ދެވަނަ ދަރިފުޅު ލިބުނުތާ މާގިނަ ދުވަހެއް ނުވަނީސް އިކާން ޝިއުރާ އާއި އައްބާސްގެ އެހީތެރިކަމާއެކު އާއިލާ ގޮވައިގެން ރާއްޖެއިން ބޭރަށް ފުރިއެވެ. އެތަނުގައި އާއިލާ ވަޒަންވެރިވީކަން ލަކްޔަންއަށް އެންގީ އިކާންގެ ވަޒީފާ ހަމަޖެހި ދިރިއުޅުން ހަމަޔަކަށް އެޅުނު ފަހުންނެވެ. މާޒީގައި ހެދުނު ގޯސްތަކުން އިބްރަތް ހާސިލްކޮށްގެން އިކާން ކުރިއަށް ފިޔަވަޅު އެޅީ އޯގާތެރި އަންބެއްގެ ފިޔަވަޅު މަތިން ފިޔަވަޅު އަޅަމުންނެވެ. ނަތީޖާ ކިތަންމެހާވެސް ފޮންޏެވެ. މިއަދު އިކާނަކީ ކުޑަކުޑަ ތިންދަރިންގެ ބައްޕައެކެވެ.

"އެއޮށް އަންނަނީ އިއްކުދޮންބެ" ލޫހްގެ އަޑު އިވުމާއެކު ހުރިހާ މީހުން އެދިމާ ބަލައިލިއެވެ. ޓްރޮލީ ކޮށްޕަމުން އައި އިކާނަށް އާއިލާ މެންބަރުން ފެނުނީ ވަރަށް ބޮޑަށް ގާތަށް އާދެވުނު ފަހުންނެވެ. ދިހަ މަހުގެ ފިރިހެން ދަރިފުޅު ކީތު އިނީ ޓްރޮލީއަށް އަރުވާފައި ހުރި ފޮށިތަކުގެ މަތީގައެވެ. ހުރިހާ މީހުންނާ ރައްޓެހި ކީތުގެ އަނގަ ހުރީ ހުޅުވިފައެވެ. އުފަންވި ފަހުން ރާއްޖެއަށް ކީތު ކުރި ފުރަތަމަ ދަތުރެވެ. ތިން އަހަރަށްދާ ތާނީ އާޝިގާގެ އަތުގައި ހިފަހައްޓާލައިގެން ހުއްޓެވެ. ހަތަރު އަހަރުގެ އަސަލް އެކޭ ރާއްޖެއިން ބޭރުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރި މަޝްހޫރުކަން ހޯދާފައިވާ ފަންނާނެކޭ ތަފާތެއްވެސް ނެތެވެ. އަތްދިގު ޓީޝާޓް ކޮޅަކާއެކު ޖީންސުގެ ދެ ޖީބަށް އަތްޖަހާލައިގެން ހުރި އިރު ލޮލުގައި އޮތް އަވި އައިނު ފޮނި ގޮތަކަށް ނިއްމައްޗަށް ޖައްސާލާފައި ހުއްޓެވެ. އާއިލާ ފެނުމާއެކު އަސަލްއަށް އެނގުނެވެ. ކުދިކުދި އަންނާރު އޮށްތަކެއްފަދަ ކުދިކުދި ދަތްތައް ފެންނަވަރަށް ހީލައިފިއެވެ. ކުދިވެރިން ފެނުމާއެކު ޝިއުރާ މޮޔަވި ކަހަލައެވެ. ކީތު ނެގިގޮތަށް ބޮނޑިކޮށްލިއެވެ. އެކުއްޖާ ހާސްވެގެން ނޫޅުނެވެ. އެހެންނަމަވެސް ތާނީގެ ބެލުމުގައި ވަނީ ބީރައްޓެހިކަމެވެ. ލަކްޔަން އަސަލް އުރާލާފައި ތިރިކޮށްލިއެވެ. ކާފަ ދަރިން ފެނުމުން ލަކްޔަން ދެލޮލުން ކަރުނަ ނީރާލައިފިއެވެ. އެވަގުތު އަސަލް ތާނީއަށް ގޮވާލާފައި ބުނި އެއްޗަކުން ހުރިހާ މީހުންނަށް ހެވުނެވެ. ވާނީވެސް އެހެންތާއެވެ. އިގިރޭސިބަހުން ތާނީއަށް އެންމެން ތައާރަފްކޮށްދިނީ އަސަލްއެވެ.

"އައްސަލާމް އަލައިކުމް ކާފާ" އައްބާސްގެ ގޮނޑި ކައިރީގައި ހުއްޓިފައި އިސްލާމްދީނުގެ މަތިވެރި ސަލާމުން އިކާން އައްބާސްއަށް ސަލާންގޮވާލިއެވެ. އިކާންގެ އަތުގައި ހިފާފައި ސަލާން ބަލައިގަންނަމުން އައްބާސް މަސައްކަތްކުރީ ތެދުވާށެވެ. އެހެންނަމަވެސް އެކަން އައްބާސްއަށް ކުރެވޭ ގޮތް ނުވިއެވެ. އިކާންގެ ފުރިހަމަ އިސްކޮޅަށް އައްބާސް ނަޒަރެއްދިނީ ގޮނޑީގައި އިނދެއެވެ. ކުރީގެ އަނަރޫފަ ހަށިގަނޑަށް މަސްއަރައިފިއެވެ. ބާމަތި ފުޅާވެފައި ހުރިއިރު ކަންފަތުގައި ކުރީގައި ތޮރުފާފައި ހުރި ތަންތަނެއް ނެތެވެ. އަތުގައި ތަނޑިތަކެއް ނެތެވެ. ނިޔަފަތިތައް ހުރީ ކުރުކޮށް ކޮށައިފައެވެ. އިސްތަށިގަނޑު ތުނިކޮށް ކޮށާފައި ހުރިއިރު އެހެންޏާ ނެތް އުޖާލާކަމެއް އިކާންގެ މޫނުމަތީގައި ވިއެވެ.

"ސަލާމް ބައްޕާ،" ދުރު ބަލަހައްޓައިގެން ހުރި ލަކްޔަންއަށް އިކާން ބުންޏެވެ. ލަސްލަހުން ލަކްޔަން އިކާނަށް ނަޒަރެއްދިނެވެ. ލަކްޔަންގެ ދެލޯ ފުރިގެން އައީ ކަރުނަތަކުންނެވެ. ފުރައިގެން ދިޔަފަހުން ގަވައިދުން އާޝިގާ ލަކްޔަންއަށް ގުޅާފައި އިކާންގެ ހަބަރު ދެއެވެ. އިކާނަށް އަންނަމުންދިޔަ ބަދލުތައް ލަކްޔަން އާ ހިއްސާކުރެއެވެ.

"ސޮރީ ބައްޕާ" އިކާންގެ ގައިގައި ލަކްޔަން ބައްދާލިއެވެ. އެތައް އަހަރަކަށްފަހު ބައްޕަގެ އޯގާތެރި ފިރުމުން ލިބުމުން އިކާންގެ ދެލޮލުން ކަރުނަ ހިލުވާލިއެވެ.

"ކޮބާ ދޮންތި؟ ނާދޭ ދޯ" އަސަލްގެ އަޑަށް އެންމެން ބަލައިލިއެވެ.

"އެހެރަ އަންނަނީ" ނުވަ މަހުގެ ބަނޑާއެކު ސިޔާއައި ފުމެމުންނެވެ. ފަހަތުން މިކާލް އައީ ޝަހާދުމަތީގައި ހުރެއެވެ.

"ދޮންތިގެ ކިޔުޓީސް...." ކުދިވެރިން ފެނުމާއެކު ސިޔާއަށް އުޅެވުނު ގޮތެއްވެސް ނޭނގެއެވެ. ބަނޑުގައި އޮތް ދަރިފުޅު ލައިގެން އަތުތެރެއަށް ގެނެސް ފިއްތާލީ ތިންކުދިން އެކީގައެވެ. އާޝިގާއަށް ހެވުނެވެ. ސިޔާގެ ލޯބިކަން ފެނިފައެވެ.

"ސިޔާ އުޅޭގޮތުން ހިއެއްނުވޭ މާބަނޑު މީހެއް ހެނެއް" މިކާލް ބުންޏެވެ. އެހިނދު މިކާލާއި އިކާންގެ ދެލޯ ބައްދަލުވިއެވެ. އިކާން ލަދުން އިސްއޮބާލިތަން ފެނުމުން މިކާލް ކުރިއަށް ޖެހިލިއެވެ. ސިޔާ އިކާނަށް މުހާތަބްކުރާ ނަމުން ފުރަތަމަ ފަހަރަށް މިކާލް އިކާނަށް މުހާތަބްކޮށް ގޮވާލިއެވެ.

"މާޒީ ހަނދާންނައްތާލާ... އަހަރެމެންދާނީ ކުރިއަށް" މިކާލް ބުންޏެވެ. އިކާނަށް ހިނިތުންވެވުނެވެ. އިކާން ހަނދާނަށް އައިސްވަނީ ޝެލީއެވެ. އެއީ އިކާނަށް ހަމައެކަނި ނުލިބި އޮތް މަޢާފެވެ. އެހެންނަމަވެސް މަރުވުމުގެ ކުރިން ކޮންމެސް ދުވަހަކުން ޝެލީގެ ހިތްހަލާލު ލިބޭނެކަމަށް އިކާން އުންމީދު ކުރެއެވެ.

"މާޝާﷲ... އަހަރެން ކުރި ދުއާ އެކަލާނގެ އިޖާބަކުރައްވައިފި. ދެން އޮތީ އަހަރެންގެ ސިޔާ އާއި ލަކީގެ ދަރިފުޅުގެ އުފަންވުން. ޔާ ﷲ މިއަޅާއަށް އެދުވަސް ދައްކަވާށި...." ގޮނޑީގައި އިން އައްބާސް ބުންޏެވެ. އެހިނދު އާޝިގާގެ ނަޒަރު ކައިރީގައި ހުރި ޖޫލީއަށް ހުއްޓުނެވެ. ބަނޑަށް ތިންމަސް ވިއިރު ޖޫލީގެ ބަނޑު ކުޑަކޮށް އުފުލިލާފައި ހުރިކަން އެކަންޏެވެ.

***********

އަލަމާރި ކައިރީގައި ސާހިލްއަށް ފުރަގަސްދީގެން ހުރި ޝެލީއަށް ބަލަހައްޓައިގެން ސާހިލް އޮތެވެ. އެތަނުގައި ޝެލީ ހުންނަތާ އިރުގަނޑެއް ވެއްޖެއެވެ. އެންމެފަހުން ޝެލީ ކުރާކަމެއް ބަލަން ސާހިލް ތެދުވިއެވެ. ފަހަތުން އައިސް ޝެލީގެ ގައިގައި ބައްދާލިގޮތަށް ޝެލީގެ ކޮނޑުގައި ދަތްދޮޅި އަޅުވާލިއެވެ. އަތުގައި ހުރި ފޮޓޯތައް ފޮރުވަން ހަދައިގެން އެއްބައި ތިރިއަށް ފައިބައިގަތެވެ.

"ކޯނޗެއް ތިފޮރުވަނީ" ސާހިލް އެހިއެވެ. ޝެލީގެ މޫނުމަތިން ކަންބޮޑުވުމެއް ފެނިލިއެވެ. އެހެންނަމަވެސް ސާހިލްއަށް ޖަވާބެއް ދިނުމަށް ތިރިވެފައި ފޮޓޯތައް ނަގާފައި ސާހިލްއަށް ދިއްކޮށްލިއެވެ.

"ސާޖިދު....." ފަހަތް ބަލައިލީ ޝެލީ އާއި ސާހިލް އެކީގައެވެ. ދޮރާ ހަމައިން ރޫސްއަޅާފައި އައި ކޮށީގައި އިނީ ޝެލީ އާއި ސާހިލްގެ އަށްމަހުގެ ދަރިފުޅު ސާޖިދެވެ.

"ސަކަރާތް ބޮޑުވެގެން އެތާ ނުބޭންދުނު...." ދޮރުމަތީގައި ހުރި އަލްމާޝް ބުންޏެވެ.

"ތެދެއްތަ؟ ބައްޕިގެ ޖޭޑީ ހަމަ އެހާ ނޯޓީތަ؟" ކޮށީގައި އިން ސާޖިދު އުރާލަމުން ސާހިލް ބުންޏެވެ. އެނަން ކުޑަދަރިފުޅަށް ދިނީ ސާހިލްއެވެ. ކިތަންމެ ދުވަހެއް ވިޔަސް ކޮއްކޮގެ ހަނދާންތައް އާއިލާއާ ވަކިނުވާނެ ކަމުގެ ހެއްކެއްގެ ގޮތުންނެވެ.

"ތިއަންނަނީ ދޯ ސައިބޯން... އެންމެން ހަމަވެއްޖެ. ދަރިފުޅުމެން އަވަސްކުރައްޗެ" އަލްމާޝް ބުންޏެވެ. ޝެލީ ބޯޖަހާލުމާއެކު ދޮރުކައިރިކޮށްލާފައި އަލްމާޝް ހިނގައިގަތެވެ.

"މާމަމެން ވަރުބަލިކޮށްލީ ދޯ... " ސާޖިދު މޭމަތީގައި ބާއްވައިގެން އެނދުގައި ހުރަހަށް އޮތް ސާހިލް ކައިރީގައި ލަސްފިޔަވަޅުތަކެއް އަޅަމުން ގޮސް ޝެލީ އިށީނެވެ.

"ބަލާބަ މަންމި... މިއަދު ކިހިނެއްވެފަ އިން ދުވަހެއް... ޖޭޑީ މަންމި އާ ރުޅި ދުވަހެއްތަ؟" ސާހިލް ކިޔަމުން ދިޔައެވެ. ސާހިލްގެ ދުލުން 'ޖޭޑީ' މި ނަން އިވޭ ކޮންމެ ފަހަރަކު ޝެލީގެ ހިތަށް ދުރުދުރުން އަންނަ ވޭނެއް އިހުސާސްވެއެވެ. އެހެންނަމަވެސް އެއީ މާޒީއެވެ. ސާޖިދުގެ ހުރިހާ ފޮޓޯތަކެއް ޝެލީ ނެގީ އެތަކެތި ނައްތާލުމަށެވެ. ސާހިލް އާއި ޝެލީގެ ގުޅުމަށް މާޒީގެ ހިޔަނި އެޅެން ބޭނުންނުވާތީއެވެ. ދުވަހަކުވެސް ވަކިނުވެވޭ ވަރަށް ސާހިލްދެކެ ޝެލީއަށް ލޯބިވެވިފައި ވުމުންނެވެ. ޝެލީގެ ދުލުން އެންމެ ފުރަތަމަ ލޯބިވެޔޭ ބުނި ދުވަހު ސާހިލްގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ދުވަހަކުވެސް ޝެލީގެ ހިތުން ނުފިލާނެއެވެ.

"ސާހިލް" ޝެލީ ގޮވާލިއެވެ. އެވަގުތު ސާހިލް ހޫނއެއް ލައްވާލިއެވެ.

"އައި ލަވް ޔޫ ސާހިލް" ޝެލީ ބުންޏެވެ. ސާހިލް ހައިރާންކަމާއެކު ޝެލީއަށް ބަލައިލިއެވެ.

"މިއަދު އަނެއްކާ ކިހިނެއްވީ؟ އަހަރެންނަށް އެނގޭ ރޯޒްމެލޯ އަހަރެންދެކެ ލޯބިވާކަން" ޝެލީގެ މޫނުގައި ފިރުމާލާފައި ސާހިލް ބުންޏެވެ.

"ހަމަ ދެރަވަނީ... އަހަރެންނަށް ގޯސްކޮށް ކަމެއް ކުރެވެންޏާ ބުނެދެއްޗޭ. އަހަރެން ރަނގަޅު ކުރާނަން. ތިދެބަފައިންނަކީ އަހަރެންގެ މުޅި ދުނިޔެ" ޝެލީ ބުންޏެވެ.

ޝެލީގެ ދެލޮލުން ކަރުނަ ނީރާލިތަން ފެނުމުން ސާހިލް ދެރަވިއެވެ. ޝެލީގެ އަތުގައި ހިފައިގެން ބެލްކަންޏަށް ނުކުމެ މަޑުކޮށްލިއެވެ. ޝެލީ ގެނެސް ގަޔާކައިރިކޮށްލައިގެން ހުރެ ތިރިއަށް ސާހިލް އިޝާރަތްކުރިއެވެ. ބަގީޗާގައި އޮތް ހަވީރުގެ ސަޔަށް ދެފަރާތުގެ އާއިލާ ޖަމާވެފައި ތިއްބެވެ. ކުދިންވެރިންގެ ސަކަރާތުގެ އަޑު ކެނޑިގެން ނުދެއެވެ. ދުރުން ސަކަރާތްގެ އަޑު އިވިފައިވެސް ސާހިލްގެ އަތްމަތީގައި އިން ސާޖިދު ހިލިގަނެއްޖެއެވެ. އެމަންޒަރު ފެނުމުން ޝެލީއަށް ހެވުނެވެ. އެ ހިނިތުންވުމަށް ބަލަން ގެއްލިފައި ސާހިލް ހުއްޓެވެ.

"ސިއްރެއް ބުނަންތަ؟" ސާހިލް ބުންޏެވެ. ޝެލީ ބޯޖަހާލިއެވެ.

"ތިއީ ހަގީގަތުގަވެސް އަހަރެން މޮޔަކޮށްލި މަލަކީ... މޮޔަކޮށްލި މާ.... މައި ރޯޒްމެލޯ.... ﷲ އަހަރެންގެ ހުރިހާ އުންމީދުތަކެއް ފުރިހަމަކޮށްދެއްވައިފި... އެކަލާނގެއަށް ނިމުމެއްނެތް ޝުކުރު...... އަލްހަމްދުލިއްލާހް.... އަލްހަމްދުލިއްލާހް...." ސާހިލް ބުންޏެވެ.

ޝެލީގެ އިސްތަށިގަނޑުގައި ސާހިލް ބޮސްދިނީ ދުވަހަކުވެސް ދެލޯބިވެރިންގެ މެދަށް ވައިރޯޅިއަކަށްވެސް ނުވެއްދެވުމަށް އެދި ﷲ ގެ ހަޒްރަތުގައި ދުއާކުރާ ހާލުގައެވެ.

***** ނިމުނީ *****

**** ބުރަ މަސައްކަތުގެ އަގަކީ ފުރުހަމަ ކާމީޔާބީއެވެ. ހަމަ އެހެންމެ ކެތްތެރިކަމުގެ މޭވާއަކީ ފޮނި އެއްޗެކެވެ. އޭގެ ފޮނިރަހަ ލިބޭނީ އެކަން ތަޖުރިބާކުރި މީހަކަށެވެ. ކީރިތި ޤުރުއާނުގައި އެތަކެއް ފަހަރު ކެތްތެރިވުމަށް ﷲ ތަޢާލާ އަންގަވާފައިވަނީ މި ސަބަބަށްޓަކައެވެ. ****