ދުނިޔޭގައި މިހާރު ފެތުރެމުންދާ މަންކީޕޮކްސް ރާއްޖޭގައި ފެތުރުމުގެ ރިސްކު ކުޑަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެ އެޖެންސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިއްޔެއާ ހަމައަށް ރާއްޖެއިން އަދި އަވަށްޓެރި ގައުމަކުންވެސް މަންކީޕޮކްސްގެ ކޭހެއް ފެނިފައިނުވާ ކަމަށެވެ.
"މަންކީޕޮކްސްއަކީ ބަލި ޖެހިފައިވާ މީހަކާއެކު ގިނައިރު ކޮންޓެކްޓް ވުމުން ފެތުރޭ ބައްޔަކަށްވުމާއެކު މިވަގުތު ރާއްޖޭގައި މިބަލި ފެތުރުމުގެ ރިސްކް ކުޑަކަމަށް ލަފާކުރެވެއެވެ. އެހެންނަމަވެސް ގިނަ ގައުމުތަކުން ބަލި އުޅޭތޯ ދެނެގަތުމަށް ކުރާ މަސައްކަތްތައް އިތުރުވުމާއެކު، އިތުރު ގައުމުތަކުން ކޭސްތައް ފެނިދާނެ ކަމަށް ބެލެވެއެވެ. އެއާ ގުޅިގެން ރާއްޖެއަށްވެސް ކޭސްއެއް އައުމަކީ އެކަށީގެންވާ ކަމެކެވެ،" އެޗްޕީއޭގެ ބަޔާނުގައިވެއެވެ.
އެޗްޕީއޭއިން ބުނީ ރާއްޖެއަށްވެސް މަންކީޕޮކްސްގެ ކޭހެއް އައުން އެކަށީގެންވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަންދިނުމަށް އެދޭ ކަމަށެވެ.
އެގޮތުން މަންކީޕޮކްސް އާއި އެފަދަ އެހެނިހެން ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް ގިނަގިނައިން އަތް ސާފުކުރުމާއި މާސްކު އެޅުމުން އަދި އެއްވެސް އަލާމާތެއް ހުރިނަމަ އެހެން މީހުންނާއި ބައްދަލުވެ ގައިގޯޅިވެ ނޫޅުމަށް ވަނީ އެދިފައެވެ.
އޭގެ އިތުރުން ހުންއައުމާއި ގައިގައި ރިހުން ފަދަ އަލާމާތްތަކާއެކު ގޮށްލައި، ހަމުގައި ބިހި ނަގައިފި ނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުން މުހިންމު ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.
އެ އެޖެންސީން ބުނީ، ދުނިޔޭގައި ފެތުރޭ އެހެނިހެން މުހިންމު ނުވަތަ އާދަޔާ ހިލާފު އައުޓްބްރޭކް ތަކެކޭ އެއްގޮތަށް މި އައުޓްބްރޭކްވެސް މޮނީޓާކޮށް ރިސްކު އެސެސްމަންޓްތައް ހަދަމުން އަންނަ ކަމަށެވެ. އަދި އެ ބައްޔާ ގުޅޭ މައުލޫމާތު ސިއްހީ ފަރުވާދޭ ފަރާތްތަކާއި ހިއްސާކުރުމާއި ބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި ކޭހެއް ފެނިއްޖެ ނަމަ އެކަމާ ގުޅިގެން އަމަލުކުރާނޭ އުސޫލުތައް އެކުލަވައިލުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު