ސަރަހައްދީ އެއާޕޯޓުތަކުގެ ތެރޭގައި ހިމެނޭ ގދ. ކާޑެއްދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަަންޓް އެރަށަށް ގެންގޮސްފި އެވެ.

މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ. އެކުންފުނިން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ. މިހާރު ކުރިއަށްދަނީ އެއްގަމުތޮށި ޖައްސަން ބޭނުންވާ ސަރަހައްދު ކޮނުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 9.52 މިލިޔަން ރުފިޔާއަށެވެ.

މިމަޝްރޫއުގެ ދަށުން، 170 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 890 އަކަ މީޓަރުގެ ސަރަހަދެއްގައި ހާބަރ ޕޭވްމެންޓް ހެދުން ހިމެނެއެވެ.

އެމްޓީސީސީން މި މަޝްރޫއު ފަށާފައިވާއިރު އެރަށުގެ ބަނދަރުގެ ބޭނުންކުރަމުން އައި ޖެޓީގެ ބޮޑު ބައެއް މި އަހަރު ކުރީ ކޮޅު ވަނީ ވެއްޓިފައެވެ. އަދި ޖެޓީގެ ބޮޑުބައެއް ވެއްޓިފައިވުމުން އެރަށަށް އަންނަ މީހުން ބޭނުންކުރަމުން އައީ ޖެޓީން ނުވެއްޓި ހުރި ކުޑަ ތަންކޮޅެކެވެ.