ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ސުރީ ލަންކާގެ ކުރީގެ ރައީސް މައިތިރިޕަލަ ސިރިސޭނާއާ ބައްދަލުކުރައްވައި އެގައުމަށް ދިމާވެފައިވާ އިގުތިސޯދީ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
ނަޝީދު މިއަދު ހަވީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިރިސޭނާއާ ބައްދަލުކުރައްވައި ލަންކާގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތި ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އުފާވެރި ލަންކާއެއް އަނެއްކާވެސް ހޯދައިދިނުމަށްޓަކައި އެގައުމުގެ ހުރިހާ ސިޔާސީ ޕާޓީއެއް އެއް މިސްރާބަކަށް މަސައްކަތް ކުރުމާ ގުޅޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެ ގައުމަށް ބޭރު އެހީ ހޯދުމުގެ މަސައްކަތް އިއްޔެ ވަނީ ނަޝީދާ ހަވާލު ކޮށްފައެވެ. އެމަސައްކަތް ނަޝީދާ ހަވާލުކުރެއްވީ، އެމަނިކުފާނުގެ އެދިވަޑައިގެންނެވުމުގެ މަތީން އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައެވެ.
ނަޝީދުގެ އެ ހުށަހެޅުއްވުން ބަލައިގަނެ ނަޝީދުގެ އިސްނެންގެވުމަށާއި އެއްބާރުލެއްވުމަށް ރަނިލް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
އިނގިރޭސިވިލާތުގައި ނަޝީދު ހުންނެވި އިރު ލަންކާއަށް ވަރަށް ގިނައިން އެމަނިކުފާނު ވަޑައިގަންނަވައެވެ. އަދި ފަހުން ވަނީ އެގައުމުގައި ހުންނަވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ސިޔާސީ މަސައްކަތް ކުރައްވައިފައެވެ. މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ސަރުކާރާ ދެކޮޅަށް ވެސް އެމްޑީޕީން އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ ސްރީ ލަންކާގައެވެ.
ލަންކާއަކީ ރާއްޖެއާ އެންމެ އަވައްޓެރި ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. ލަންކާއަށް ދިމާވެފައިވާ ދަތި ހާލަތުން އަރައިގަތުމަށް އަބަދުވެސް ރާއްޖޭގެ އެހީތެރިކަން އެގައުމަށް ލިބޭނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު