ވާހަކަ

މޮޔަކޮށްލި މާ - 60

4

ޝެލީގެ ކައިވެންޏަށް މުޅި ގޭތެރެ ތައްޔާރުކުރެވެމުން ދިޔައެވެ. މުޅި ގޭތެރެއަށް ވެރިވެފައިވަނީ އުފާވެރިކަމުގެ މާހައުލެކެވެ. ގޭތެރޭގައިވާ ކޮންމެ އެއްޗެއް އުފާފާޅުކުރާ ކަހަލައެވެ. އަލްމާޝް އާއި ނިމާންގެ ހަރަކާތްތަކުގައި ޖޯޝާއި ފޯރި ވިއެވެ. ކައިވެނިކުރުމުގެ ހަފްލާ އޮތީ ގޯތިތެރޭގައެވެ. އެއީ ޝެލީގެ އެދުމަށް އަލްމާޝް އާއި ނިމާން ނިންމި ގޮތެވެ. ޝެލީއަށް ހާއްސަ ދުވަހަކަށްވީތީ ހުރިހާކަމެއް ދޫކޮށްލާފައި ވަނީ ޝެލީ ހިތްހަމަޖެހޭ ގޮތަށެވެ.

ޝަހާނާ އާއި އަފްފާ އައުމާއެކު އަލްމާޝް އުޅުނީ އެކުވެރިންނަށް ކޮފީއެއް ދޭށެވެ. ކުރިއަށް ވަރަށް ބައިވަރު މަސައްކަތް ހުއްޓެވެ. އަލްމާޝްއަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ޝަހާނާގެ ކައިރީގައި ހުރި އާނާ ފެނުމުންނެވެ. އެގެއަށް އާނާ އެއައީ އެތައް އަހަރަކަށް ފަހުގައެވެ. އާނާގެ ތުންފަތްމަތީގައިވި ހިނިތުންވުން ތަފާތުހެން ހީވުމުން ސުވާލުގެ ނަޒަރަކުން އަލްމާޝް ބަލައިލީ ޝަހާނާގެ މޫނަށެވެ.

"ހިނގާ. އަހަރެން ހުރިހާ ވާހަކައެއް ކިޔައިދޭނަން" ޝަހާނާ ބުންޏެވެ.

ހަތަރު މީހުންނަށް ކޮފީ އާއި ކާލާނެ އެއްޗެއް ހިފައިގެން އަލްމާޝް އިށީނެވެ. ފުރަތަމަ ވާހަކަ ފެށީ އަފާފެވެ. ނާފް އާނާއާ ގުޅެން ނިންމި ނިންމުމުގެ ސަބަބުން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ އަފާފަށެވެ. ހުރި ހަމައެކަނި އެއްބަނޑު އެއްބަފާ ކޮއްކޮ ކައިވެންޏެއް ނުކުރާތީ އަފާފް ހުންނަނީ ނުހަނު ކަންބޮޑުވެފައެވެ. ފުރާވަރަށް އެރިއްސުރެ ފަށައިގެން ނާފް ހިތްކިއީ އާނާއަށެވެ. ކައިވެނި ކުރަންވެސް ބޭނުންވީ އާނާއާއެވެ. އެހެންނަމަވެސް އެފުރުސަތު އާނާ ނާފަށް ނުދިނެވެ.

"ޝެލީގެ ނިންމާފައި އާނާގެ ފަށަން މިއުޅެނީ" ޝަހާނާ ބުންޏެވެ.

"ނާފްތަ؟" އަލްމާޝް އެހިއެވެ. އަފާފް ބޯޖަހާލިއެވެ.

އަލްމާޝް ބަލައިލީ އާނާގެ މޫނަށެވެ. އާނާގެ މޫނުމަތީގައި ހިނިތުންވުމެއް ވިއެވެ.

"މާޝްދައްތަ ވަރަށް އުފާވެއްޖެ އާނާގެ ތިބަދަލުވެފައިވާ ދިރިއުޅުން ފެނި. ތިގޮތުގަ ކުރިއަށްދޭ. ހުރިހާކަމެއްވެސް ރަނގަޅުވާނެ" އަލްމާޝް ބުންޏެވެ.

ދެން ޝާހާނާ ހާމަކޮށްލި ހަބަރާއެކު އަފާފް އާއި އަލްމާޝްގެ މޫނުމަތީގައި ހައިރާންކަން ވަށާލިއެވެ. ހުދު އާނާއަށް ވެސް އެ ހަބަރުން ހިމޭންކަން ގެނުވިއެވެ. ކާން އިން ބިސްކޯދުކޮޅު ތަށި ތެރެއަށް ލާފައި ކައިރީގައި އިން ޝާހާނާއަށް ބަލައިލިއެވެ.

"ހަމަ ތެދެއްތަ ދޮންތާ. އަހަރެންގެ ދަރިފުޅު... އެއީ ހަމަ އޭނަ ދޯ. އަހަރެންނާ ބައްދަލުކުރާނެތަ؟ ބުނިތަ އަންނާނަމޭ" އާނާ އެހިއެވެ. އިސާހިތަކު އާނާއަށް ރޮވިއްޖެއެވެ.

"އިރާދަކުރެއްވިއްޔާ މިއަދު. ދެރަނުވޭ... އެކުއްޖާ ހުރީ ދުރުގައެއް ނޫނޭ. ކޮއްކޮ ބޭނުންވި ކޮންމެ ގަޑިއެއްގަ އަތްދިއްކޮށްލީމަ އަތްޖެހޭ ހިސާބުގަ ހުރީ" ޝަހާނާ ބުންޏެވެ.

************

އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން އިން އާޝިގާ އިނީ ވިސްނުމެއްގައެވެ. ދަމާލާފައި އޮތް ދެފައި މަޑުމަޑުން އެއްވަރަކަށް ތަޅުވަމުން ދިޔައެވެ. އަސަލް ނިދުނުއިރުވެސް އާޝިގާއަށް ހިލަމެއް ނުވިއެވެ. ދެފައި ތަޅުވަމުން ދިޔަ ދިޔުމަށް ލަސްކަމެއް އައިއިރު އާޝިގާގެ ވިސްނުން ފުންވަމުން ގޮސް އިނދެވުނު ތަންވެސް ހަނދާން ނެތިފައިވާ ކަހަލައެވެ. ސިޔާ ދެއްކި ވާހަކަތައް އަދިވެސް އާޝިގާގެ ކަންފަތުގެ ހިނދުރީގައި ހަރުލާފައިވާ ކަހަލައެވެ.

"ދޮންބެދައްތާ، އެނގޭ މިއީ އެއްވެސް އަންހެނަކަށް ކުރަން ފަސޭހަވާނެ ކަމެއް ނޫންކަން. އަޅުގަނޑުގެ ދޮންބެއަކީ ވަރަށް ވިޔާނުދާ މީހެއް. އުމުރުގައި މިހާތަނަށް ދުވަހަކުވެސް ހެޔޮކަމެއް ކޮށްފައެއްނެތް. ދޮންބެ އެހުރީ ހަލާކުތެރެއަށް ވެއްޓިފަ. މީހެއްގެ އެހީތެރިކަން ލިބިގެން ނޫނީ ދުވަހަކުވެސް ސަލާމަތުގެ އައްސޭރިއަކަށް ނާދެވޭހާ ފުނަށް ގެނބިފަ. ދޮންބެއަށް އެހީވެދީ. ދޮންބެ ރަނގަޅުވެގެން އުފާވެރި ދިރިއުޅުމެއް އުޅޭތަން ދެކެން އަޅުގަނޑު ވަރަށް ބޭނުން. މިހާރު ގޭގެ ހުރިހާ މީހުން ދޮންބެ އެހުރީ ބާކީކޮށްފަ. އެކަމުންވެސް ދޮންބެއަށް ވަރަށް ނުބައި އަސަރުތަކެއް ކުރާނެ. މަގު ގެއްލިފައިވާ އިންސާނަކަށް ހެޔޮމަގު ދައްކަން އެހީތެރިވުމަކީ އަނެއް އިންސާނާއަށް ކުރެވޭނެ ވަރަށް ބޮޑު ހެޔޮކަމެއް. ކޮންމެ އިންސާނަކަށްވެސް ކުށެއް ކުރެވިދާނެ. ރަސޫލުބޭކަލުން ވެސް ވަނީ ބޮޑެތި ފާފަތަކަށް އަރައިގަނެފަ. ﷲ ހަޒްރަތުގައި ނުފުއްސަވާ ފާފައެއް ނޯވޭ. އެކަލާނގެއަށް ޝިރުކު ކުރުމުގެ ނުބައި ފާފަ ނޫނީ. ދޮންބެއަށް ވިސްނައިދީ. ދޮންބެއަށް ހަނދާންކޮށްދީ ތައުބާގެ ދޮރު އެއްވެސް އަޅަކަށް ބަންދުނުވާނޭކަން. ދޮންބެއަށް މައާފުކޮށްދީ. މައާފަށްއެދޭ އިންސާނާއަށް ވުރެ މައާފުކުރާ އިންސާނާ ﷲ ގެ ހަޒްރަތުގައި މާ ހެޔޮކަން ބޮޑު. ދޮންބެއަށް ރަނގަޅު މަގު ދައްކަން ކުރާ މަސައްކަތުގައި ދޮންބެގެ އެއްބާރުލުން ނުލިބެންޏާ އެހިސާބުން ދޮންބެ އަމިއްލައަށް ނިމިދާން ދޫކޮށްލާ.... ހުރި ހަމައެކަނި މީހަކީ އެއީ. ދޮންބެއަށް ދެރަގޮތެއްވާކަށް ބޭނުމެއްނޫން.... ބޭނުމެއްނޫން......"

އާޝިގާގެ ވިސްނުންތައް ވިއްސިވިހާލިވެގެން ދިޔައީ ފާހާނައިގައި އުޅުނު އިކާން ނުކުތް އަޑަށެވެ. އާޝިގާ ސިހުނުތަން އިކާނަށް ފެނުނެވެ. ބަލަހައްޓައިގެން ހުރެވުނީ އެހެންވެއެވެ. ބާލީސް މަތީގައި އޮތް އަސަލް މެއާ ގާތްކޮށްލާފައި ދެފައި މަތީގައި އޮތް ބާލީސް އެއްފަރާތަކަށް ލިއެވެ. އާޝިގާ އުޅުނީ އަސަލް ގޮވައިގެން އެނދުން ތެދުވާށެވެ. އެހެންނަމަވެސް އެކަން އާޝިގާއަށް ނުވިއެވެ. އެއްވެސް ހަރަކާތެއްނުކޮށް ގިނައިރު އެހެން އިނުމުގެ ސަބަބުން އާޝިގެ ދެފައި ވަނީ އައްސިވެފައެވެ.

"ގެނޭ މަގޭ އަތަށް" ކައިރިން އިވުނު އިކާންގެ އަޑަށް އާޝިގާ ބަލައިލިއެވެ. އަސަލް އުރާލަން ދިއްކޮށްލައިގެން ހުރި އިކާންގެ ދެއަތަށް އާޝިގާ ބަލައިލިއެވެ. އެންމެފަހުން އާޝިގާގެ އަތުން އިކާން އަސަލް އަތުލިއެވެ. އުރާލައިގެން ވަށާލާފައި ގޮސް އެނދުގައި ތަން ހަދާލާފައި އަސަލް ބޭއްވިއެވެ. އާޝިގާއަށް އިނދެވުނީ އިކާންގެ އެ ހަރަކާތަށް ބަލަހައްޓައިގެންނެވެ.

"އަހަރެން ވާހަކައެއްދައްކަން ބޭނުން" އާޝިގާ ބުންޏެވެ. އިކާން އާޝިގާއަށް ބަލައިލިއެވެ. "ވަގުތު އެބައޮތްތަ؟"

************

ރާވީ އާއި ޝިދުނާ އައިސް ސޯފާގައި އިށީނުމާއެކު ހުރި ހަމައެކަނި ފިރިހެން ދަރިފުޅަށް ސިރާޖް ބަލައިލިއެވެ. ކުއްލިއަކަށް ސިރާޖް ވާހަކަދައްކާލަން ބޭނުންވާކަމަށް ބުނުމުން ރާވީ އިނީ ހައިރާންވެފައެވެ. ވީކަމެއް ސިރާޖް ނުބުނީތީއެވެ. ސިރާޖާ ޖެހިގެން އިން ޒުމްރާ އިންގޮތުންވެސް ރާވީގެ ހިތުގައި ސުވާލު އުފެދުނެވެ.

"ބައްޕަ، ކިހިނެއްވީ؟ މަންމަ އާއި ބައްޕަ ހާދަ ފާޑަކަށޭ ތިތިބީ" ރާވީ ބުންޏެވެ.

"އަން. މިއީ ބައްޕަ ޝިދޫއަށް ދޭ ހަދިޔާއެއް. ބައްޕަ އުންމީދުކުރަނީ ބައްޕަ އާއި ދަރިފުޅު ދެން ބައްދަލުވާއިރު މިހަދިޔާ ގަބޫލުކޮށްގެން ހުރުން" ރާވީ ކުރި ސުވާލަށް ޖަވާބު ދިނުމެއްނެތި ސިރާޖް ބުންޏެވެ. އާޝިގާ އެކޮތަޅުގައި ހިފިއެވެ. އެތެރޭގައި އޮތް އެއްޗެއް ނަގާފައި ބަލައިލިއެވެ. ބޮޑު ކަޅު ހެދުމަކާއި އޭގެ ބުރުގަލެވެ. ޝިދުނާ ސިރާޖަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ރާވީ އާއި ޝިދުނާގެ ކައިވެނިކުރި ފަހުން އެނޫނީ ސިރާޖް ޝިދުނާ އާ ވާހަކަދައްކާފައެއްވެސް ނެތެވެ.

"ޗީޑި... ބުރުގާ...." ރާވީ ބުންޏެވެ. ޝިދުނާއަށް ބަލައިލީ މަލާމާތުގެ ބެލުމަކުންނެވެ.

"ރާވީއަށް އެއީ ހަޑި އެއްޗެއް. އެކަމަކު ތިމާ މިދުނިޔޭގައި ހޭދަކުރާ އެންމެފަހު ދުވަހު ހުދު ފޮތިގަނޑަކަށް ލާފައި އޮޅާލެވޭނެ. ސަންދޯކަށް ތިރިކުރާއިރު ގައިން އެންމެ ތަންފުކެއްވެސް ނުފެންނާނެ" ޒުމްރާ ހިތްހަމަނުޖެހުނެވެ. ވަގުތުން ރާވީ ހިމޭންވިއެވެ.

"ދަރިފުޅާ، ބައްޕަ ވަރަށް ބަލި. ބައްޕަ ބޭނުންވަނީ ބައްޕަގެ ހަޔާތުން ބާކީ މިއޮތް ދުވަސްތަކުގައި ދަރިފުޅު އަނބިމީހާއާއެކު ވަރަށް އުފަލުގަ އުޅޭތަން ދެކެން. ކުރީގެ ދިރިއުޅުން މާޒީއަށް ދޫކޮށްލާފައި ދިރިއުޅުމުގެ އާ ބާބެއް އަލުން ފަށަން. ތިދެކުދިންގެ ކޯޅުންގަނޑަށް ނިމުމެއް ގެންނަން. ހަޔާތުގެ ކޮންމެވެސް ހިސާބަކުން ކޮންމެ އިންސާނެއްގެ ދިރިއުޅުމަށްވެސް ބަދަލުތަކެއް ގެންނަން ޖެހޭނެ. އެ ބަދަލު ވާންވާނީ ތިމާގެ އާހިރަތް ބާއްޖަވެރިކޮށްދޭނެ ބަދަލަކަށް. ތިމާގެ ސަބަބުން ތިމާގެ އަނބިދަރިންގެ މުސްތަގުބަލާއި އާހިރަތް ބާއްޖަވެރިކޮށްދޭނެ ބަދަލަކަށް. ބައްޕައަށް މި ލިބުނު ފިލާވަޅުން ދަރިފުޅު އިބްރަތް ހާސިލްކޮށްބަލަ" ސިރާޖް ވާހަކަދެއްކިއެވެ.

"ބައްޕަ ކޮންކަހަލަ ވާހަކައެއް ތިދައްކަނީ؟ ކިހިނެއްވީ ބައްޕައަށް. އެވަރުގެ ކޮން ބައްޔެއް" ރާވީ އެހިއެވެ.

"ބައްޕަ މިވަނީ ފުއްޕާމޭގެ ކެންސަރުގެ އެންމެފަހު ހަރުފަތުގަ" އަސަރާއެކު ސިރާޖް ބުންޏެވެ. ރާވީއަށް ކޮޅަށް ތެދުވެވުނެވެ. އެއީ ތެދެއްކަން ގަބޫލުކުރަން ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް ގަބޫލުނުކުރިޔަސް އެ ހަގީގަތް ބަދަލެއްނުވާނެކަން އެނގެއެވެ.

"ވިޔާނުދާ ދިރިއުޅުން ދަރިފުޅު ދޫކޮށްލާ. ބައްޕަ ބޭނުމެއްނޫން ނޭވާ ހޮޅިއަށް އެޅޭފަހުން ދަރިފުޅު ޝަހާދަތުގެ ދެކަލިމަ ކިޔާކަށް. މިހާރުން ފެށިގެން ތައްޔާރުވާންވީ. އިންސާނާ އާ އެންމެ ކައިރީގައި ވަނީ މަރު. މިއަދު ބައްޕަ ކިތަންމެ ބަލިވެފައި އިނަސް ބައްޕައަށް ވުރެ ކުރިން ދަރިފުޅުވެސް ހިނގައިދާނެ. މާދަމާ ވާނެ ގޮތެއް އަހަރެމެންނަކަށް ނޭނގޭ" ސިރާޖް ވާހަކަދެއްކިއެވެ. ރާވީ އިސްޖަހާލައިގެން އިންއިރު ދެލޮލުގެ ތެރޭގައި ކަރުނަ ބޮނޑިވަމުން ދިޔައެވެ.

"ދަރިފުޅާ" މިފަހަރު ސިރާޖް ގޮވާލީ ޝިދުނާއަށެވެ.

"ބައްޕައަށް މައާފުކުރޭ. ބައްޕަގެ މި ދަރިފުޅަށްވެސް މައާފުކުރޭ. ތިއީ ދެމަފިރިން. ކޮންމެ ހާލެއްގައި ކުރެވުނަސް ކައިވެނީގެ މަތިވެރި ގުޅުން ތިދެކުދިން ތިވަނީ ގުޅިފަ. ގޮތްދޫކޮށްފަ ﷲ އަށްޓަކައި ދެކުދިން ދެކުދިންދެކެ ލޯބިވޭ" އާޝިގާގެ އަތްތިލަ ނަގާފައި ރާވީ އަތްތިލައިގެ ތެރެއަށް ލައްވާލަމުން ސިރާޖް ބުންޏެވެ. އެހިނދު ރާވީ އާއި ޝިދުނާ އެކަކު އަނެކަކަށް ބީރައްޓެހި ނަޒަރެއް ދިނެވެ.

************

ކޮޓަރިން ނުކުމެގެން ކާބަޔަށް ވަންނަން ދިޔަ ލަކްޔަންއަށް ހުޅުވާލާފައި ހުރި އިކާންގެ ކޮޓަރި ތެރެއިން ފެނުނު މަންޒަރުން ހައިރާންވިއެވެ. އިވެމުން ދިޔައީ އިކާންގެ އަޑުކަމާމެދު ޝައްކުވިއެވެ. ކުރިއަށް ޖެހެވުނީ އިތުރަށް އަޑުއަހާލުމުގެ ބޭނުމުގައެވެ. ސޯފާގައި އިން އިކާންގެ އަތުތެރޭގައި މުސްހަފެއް އޮތެވެ. ކައިރީގައި އާޝިގާ އިނެވެ. އެމަންޒަރުން ލަކްޔަންއަށް ކުރުވީ މުޅިން އެހެން އިހުސާސެކެވެ. ފިރިމީހާ ގުރުއާން ކިޔަވައިދިނުމުގައި އަންބަކު އުޅުނު މަންޒަރެވެ. ކޮށަކޮށައިގެން އިކާން ކިޔަވަމުން ދިޔައިރު އެއީ ދުވަހަކުވެސް އިކާންގެ ފުށުން ލަކްޔަންއަށް ފެނުނު މަންޒަރެއް ނޫނެވެ. ބޮލުގައި ތާކިހާއެއް އަޅައިގެން އާޝިގާގެ އުނގުގައި އިން އަސަލްވެސް އާޝިގާގެ އަޑުދަށުން ވާހަކަދައްކަން މަސައްކަތް ކުރަމުން ދިޔައެވެ. އެމަންޒަރަކީ ލަކްޔަންގެ ދެލޮލަށް ފިނިކަން ގެނުވި މަންޒަރެކެވެ. އާޝިގާ ކަހަލަ އުޅުންހުރި ދީނަށް ލޯބިކުރާ ޒުވާން އަންހެންކުއްޖަކު އިކާންގެ ހަޔާތަށް ލިބުމަކީ އިކާނަށް އެކަލާނގެ ދެއްވި މަތިވެރި ނިއުމަތެކެވެ. އެކަން މިހުރިހާ ދުވަހު އިކާނަށް ނޭނގިފައި އޮތީ ދުނިޔޭގެ އެދުމުން އިކާންގެ ދެލޯ ޒީނަތްތެރިކޮށްފައި ވުމުންނެވެ. އެ ފޮތިގަނޑު އިކާންގެ ދެލޯމަތިން ކެހި މިހާރު އެވަނީ ދުނިޔެއަށް އިންސާނުން ފޮނުއްވި ބޭނުން ހަނދާނަށް އައިސްފައެވެ. އެކަމުގައި ފަހު ނޭވާ އާ ހަމައަށް އާޝިގާ އިކާނަށް އެހީތެރިވާނެކަން ކަށަވަރެވެ.

***********

ރޭގަނޑުގެ ކެއުން ގޭތެރޭގައި ހަމަޖެހިފައި ނެތެވެ. ޝެލީގެ ކައިވެންޏަށް ލަކްޔަންގެ އާއިލާއަށް ވަނީ ދައުވަތު ދެވިފައެވެ. އިކާނާއި އާޝިގާ ނޫން ހުރިހާ މީހުން ތައްޔާރުވެގެން ނުކުމެ ސިޓިން ރޫމުގައި މަޑުކޮށްލައިގެން ތިއްބެވެ. އިރުކޮޅަކުން އާޝިގާ ނުކުމެގެން އައިސް ރީތިކޮށްލާފައި އިން އަސަލް ޝިއުރާއަށް ދިއްކޮށްލިއެވެ. އާޝިގާ ނުދިޔުމާ ގުޅިގެން ޝިއުރާ ސުވާލުނުކުރީ ސަބަބު އެނގޭތީއެވެ.

"އެންމެން ދިޔުމުގެ ކުރިން އަޅުގަނޑު ވާހަކައެއް ދައްކަން ބޭނުން" އާޝިގާ ބުންޏެވެ.

"އަވަހަށް ކިޔާ" އައްބާސް ބުންޏެވެ.

"އަޅުގަނޑު ބޭނުންވަނީ މިއާއިލާގެ ހުރިހާ މީހުން ކުރާ ކޮންމެ ކަމެއްގައި އިކާން ބައިވެރިކުރަން. އިކާން ރަނގަޅުވާން މަސައްކަތްކުރޭ. ތައުބާވާން އިކާނަށް އަޅުގަނޑު ދަސްކޮށްދީފިން. އިކާން ތައުބާވެއްޖެ. މިހާރު އިކާނެކޭ ދުވަހަކުވެސް ފާފައެއް ނުކުރާ މީހެކޭ އެއްވެސް ތަފާތެއްނެތް. އުމުރުގައި ދުވަހަކުވެސް ކޮށްފައިނުވާ ހެޔޮ ކަންކަން އިކާން އެބަކުރޭ. ބައްޕާ، ފުރަތަމަ އަޅުގަނޑުވެސް ހުރީ ދުވަހަކުވެސް އިކާނަށް މައާފުނުކުރަން ނިންމައިގެން. އެކަމަކު... ކޮންމެ އިންސާނަކަށްވެސް ދެވަނަ ފުރުސަތެއް ލިބެންޖެހޭ. އެފުރުސަތު އަޅުގަނޑު އިކާނަށް ދީފިން. ދެން އޮތީ ބައްޕަމެން ގޮތެއް ނިންމުން. މިއަދު އިކާނަށް އެންމެންގެ ލޯތްބާ އެހީތެރިކަން ލިބިގެން ޒިންމާދާރު ހަރުދަނާ މީހަކަށް ހެދިދާނެ. ހަގީގަތުގައި އެންމެ ބޮޑު އަނިޔާއެއް އިކާންގެ ފަރާތުން ލިބުނީ އަޅުގަނޑާއި އަސަލްއަށް. އެކަމަކު އިކާންދެކެ އަޅުގަނޑު ވެވިފައިވާ ތެދުވެރި ލޯތްބަށްޓަކައި ދަރިފުޅަށްޓަކައި އިކާނަށް ހިތް ހަލާލު ދީފިން..." ފަހު ޖުމްލައާއެކު އާޝިގާއަށް ރޮވުނެވެ. އައްބާސް އާޝިގާގެ ބޮލުގައި ފިރުމާލިއެވެ. ދެން ލޮލުގައި އޮތް ނަންބަރު އައިނު ނަގާފައި ކަރުނަ ހިލިފައިވި ދެލޯ ކައިރި ފޮހެލިއެވެ.

"ސާބަސް ދަރިފުޅަށް. ދަރިފުޅަށް ވުރެ އުމުރުން ބޮޑެތި ބަޔަކަށް ތިފޯރުކޮށްދިނީ ހާދަހާ ހެޔޮބަސްކޮޅެކޭ. މާތްﷲ ދަރިފުޅަށް އަބަދުވެސް ހެޔޮގޮތް މިންވަރު ކުރައްވާށީ" އައްބާސް ވާހަކަދެއްކިއެވެ.

ހިތްހަރުކޮށްގެން ހުރި ލަކްޔަންވެސް އާޝިގާގެ ވާހަކަތައް އިވިފައި ހިތް މަޑު ކަފަކޮޅަކަށް ވެގެން ހިނގައްޖެއެވެ.

********

މުޅި ސަރަހައްދު ވަނީ ނިވިދިއްލޭ އެކިކުލައިގެ ބޮކިތަކުން ޖަރީކޮށްފައެވެ. ގަދަ ފެއްސާއި ހުދުކުލައިން ތަން ވަނީ އެއްކުލަ ކޮށްލާފައެވެ. ޝެލީ ލައިގެން ހުރި ހުދުކުލައިގެ ބޮޑު ވެޑިން ޑްރެސްގެ ފަސްބައިގައި ފެހިކުލައިގެ ވިދުން އަރާ މިނާފުއްތަކެއް ހުއްޓެވެ. ކޮށްފައިވާ މޭކަޕް ޝެލީ އާ ނުހަނު ގުޅެއެވެ. ހުދުކުލަ އާއި ފެހިކުލަ އެކުލެވޭ ޓަކްސިޑޯގައި ހުރި ސާހިލްގެ އަތުގައި ހިފާލަގައިގެން ސިޑިން ފައިބައިގެން އައި ޝެލީގެ މޫނުން ސާހިލްގެ ނަޒަރު ކަނޑައިގެން ނުދެއެވެ. ތިރީގައި ތިބި އެތައް ބައެއްގެ ކެމެރާގައި އެމަންޒަރު ރައްކާކުރަމުން ދިޔައެވެ.

"މާޝާﷲ... ހާދަ ރީއްޗޭ" ކައިވެނީގެ މަޖިލިސްގައި އިށީނދެފައި ޝެލީގެ ކަންފަތް ބުޑުގައި ސާހިލް ބުންޏެވެ. ޝެލީގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.

"އަހަރެންގެ އަންބަކަށް ވާއިރު މިއަތްތިލަ އޮންނަން ބޭނުންވަނީ އަހަރެންގެ އަތްތިލައިގެ ތެރޭގައި" ސާހިލް ބުންޏެވެ. ދެއަތްތިލަ ގުޅުވާލެވިފައިވާ މަންޒަރު ކައިރީގައި ތިބި މީހުންނަށް ފެނުނަސް އެއްވެސް ފަރުވާލެއްނެތެވެ. އަންނަން އުޅޭ ވަގުތުކޮޅަކީ ދެކުދިންނަށްވެސް މުހިންމު ވަގުތުކޮޅެކެވެ.

"އަނބި ގަބޫލުކޮށްފިން" ސާހިލް ބުންޏެވެ. ސާހިލްގެ ފަހަތުގައި ހުއްޓި ހުރި ސަމީރާ މޫނުގައި ހަމްދު އެޅިއެވެ. ޝެލީގެ ފަހަތުގައި ހުރި އަލްމާޝްގެ ދެލޮލުން އުފާވެރިކަމުގެ ކަރުނައެއް ވެއްޓުނެވެ. ފަހަތުން ޝެލީގެ ގައިގައި އަލްމާޝް ބައްދާލިއެވެ. މޫނުގައި ފިރުމާލާފައި މަރުހަބާ ކިއިއެވެ.

ވަލީމާ ފެށުމާ މެދު ލިބުނު ކުޑަ ވަގުތުކޮޅުގައި ޝެލީގެ އަތުގައި އަލްމާޝް ހިފިއެވެ. ގެންދަން އުޅޭ ތަނެއް ނޭނގި ޝެލީ އަލްމާޝްގެ މޫނަށް ބަލައިލިއެވެ.

"ސާހިލް..." ޝެލީ ބުންޏެވެ. ސާހިލް ނުލާ އެއްވެސް ތަނަކަށް ދާން ބޭނުންނުވާ ފަދަ ބެލުމަކުން ޝެލީ ފަހަތް ބަލަމުން ދިޔައެވެ.

"މިރެއަށްފަހު ހުރިހާ ވަގުތެއްގައިވެސް ސާހިލް ހުންނާނީ ޝެލީ ކައިރީގައި" އަލްމާޝް ޝެލީ އާ ދިމާކޮށްލިއެވެ.

"މިގެންދަނީ ސާހިލްގެ މަންމަ ކައިރިއަށް" އަލްމާޝް ބުންޏެވެ.

"އެކަމަކު މިއައީ މަންމަ ކައިރީގަ ހުރެފައެއްނު" ޝެލީ ބުނީ ސަމީރާގެ ވާހަކައެވެ.

އަލްމާޝްއަށް ޖަވާބެއް ނުދެވެނީސް އާނާ ޝެލީގެ ގައިގައި ބައްދާލައިފިއެވެ. ޝެލީއަށް ހައިރާންކަމެއް ލިބިގެން ދިޔައީ އާނާގެ ދުލުން 'ދަރިފުޅު' މި ލަފްޒު އިވުނު ވަގުތުގައެވެ.

"މިއީ އަހަރެންގެ އަސްލު މަންމަ" އެއަށް ވުރެ އިތުރަށް ސާހިލް ނުބުންޏެވެ. އިތުރަށް ބުނާނެ އެއްޗެއް ސާހިލްއަށް ނޭނގުނެވެ. ޝެލީއަށް ލިބުނު ހައިރާންކަމުގައި ހިތުގައި އެތައް ސުވާލެއް އުފެދިގެން ދިޔައެވެ. އެހެންނަމަވެސް އެވަގުތުގެ ހުރިހާ ސުވާލުތަކެއް ކުރެވެން ނެތެވެ.

"މިއަދު މަންމަ ވަރަށް އުފާވެއްޖެ. އުމުރުން ތުއްތު އިރުގައި މަންމަގެ ވިޔާނުދާކަމުން ދޫކޮށްލި ދަރިފުޅު މިފެނުނީ ފުރާފުރިހަމަވެ ޒުވާނަކަށްވީ ފަހުން" އާނާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ޝަހާނާ އައިސް ފަހަތުން އާނާގެ ގައިގައި ބައްދާލިއެވެ.

"ދަރިފުޅު އެދުނު ފަދައިން މަންމަ ނުބުނާނަން ދުނިޔެ އުޅެން ދަރިފުޅަށް ދަސްކޮށްދިން މަންމަ ދޫކޮށްފަ އަންނާކަށް. ދަރިފުޅުގެ ހިތް ހަލާލު މަންމައަށް ލިބޭހާ ހިނދެއްގައި މަންމަ ހުންނާނީ އުފަލުން. ދުނިޔޭގައި ހުރިހާ ހިނދެއްގައި މަންމަ ދަރިފުޅަށް ހިތްހެޔޮކުރާނަން" އާނާ ބުންޏެވެ. ސާހިލް ބަހެއް ނުކިޔައި އިސްޖަހާލައިގެން ހުއްޓެވެ.

ޕާޓީ ފެށިގެން ކުރިއަށް ދަނިކޮށް އަލްމާޝްގެ ފޯނަށް މެސެޖެއް އައެވެ. ލަކްޔަންގެ މެސެޖް އަލްމާޝް ކިޔާލިއެވެ. ލަކްޔަން އެދުނީ ބައްދަލުކޮށްލުމަށެވެ. އަލްމާޝް އެދިމާލަށް ދިޔައެވެ. ކޯކްތައްޓެއް ހިފައިގެން ލަކްޔަން މަޑުކޮށްލައިގެން ހުރީ މީހުން މަދު ހިސާބެއްގައެވެ.

"މާޝްއަށް އުފާވެރި ހަބަރެއްދޭންވެގެން" ލަކްޔަން ބުންޏެވެ.

"އަވަހަށް ބުނޭ. މިތާ އަހަރެމެން ދެމީހުން ވާހަކަދައްކަން ތިބުން އެހާ ރަނގަޅެއްނޫން" އަލްމާޝް ބުންޏެވެ.

"އޭގެކުރިން ވަރަށް ބުނެލާހިއްވޭ. އަދިވެސް މާޝް ހާދަ ރީއްޗޭ. މިރޭ އަދި ވަކިން ލޯބި. ޝެލީ އާއި މާޝް އެއްތާކުން ފެނިޖިއްޔާ ބަލާ މީހުންނަށް އޮޅޭނެކަން ޔަގީން" ލަކްޔަން ބުންޏެވެ. އަލްމާޝް ހީލާފައި އިސްޖަހާލިއެވެ. އަލްމާޝް ދެފަރާތް ހޯދައި ބަލައިލިގޮތުން އެތަނުން އަވަހަށް ދާން ބޭނުންވެފައި ހުރިކަން ލަކްޔަންއަށް އެނގުނެވެ.

"އަހަރެން މެރިކުރަން މިއުޅެނީ. އެކަމަކު އަދިވެސް... އަހަރެންގެ ހިތުގަ ވަނީ ހަމަ އެންމެ ކުއްޖެއް. އެއީ... އެއީ... މާޝް" ލަކްޔަން ބުންޏެވެ. އަލްމާޝް ލަސްލަހުން ލަކްޔަންގެ މޫނަށް ބަލައިލިއެވެ.

"މަރުހަބާ. އަހަރެން ދުއާކުރާނަން. ލަކީއަށް އުފާވެރި މުސްތަގުބަލަކަށް އެދި" އަލްމާޝް ބުންޏެވެ. ދެން ފާއިތުވެގެން ދިޔަ ވަގުތުގައި ލަކްޔަން ބަހެއް ނުކިޔައެވެ. ކޯކްތަށިން ލަސްލަހުން ބޮމުން ދިޔައިރު އަލްމާޝްއަށް ބަލަމުން ދިޔައެވެ. ހިތްފުރެންދެންނެވެ. މީހެއްގެ ފިރިއަކަށް ވުމަށްފަހު އެމޫނަށް ނުބަލަން ލަކްޔަން ހުރީ އަމިއްލަ ނަފްސަށް ވައުދުވެފައެވެ. އެންމެފަހުން އެތަނުން އަލްމާޝް ދިޔައީ ލަކްޔަންގެ ބެލުންތަކުން އުނދަގޫވެގެންނެވެ.

(ނުނިމޭ)