ލައިފް ސްޓައިލް

ތަފާތު ވަސްތައް އައިސް ނޭފަތުގައި ޖެހުމުން އެތައް ހަނދާންތަކެއް އަލުން އިއާދަވަނީ ކީއްވެތަ؟

އުމުރުން ކިތަންމެ ގިނަ ދުވަހެއްވެ، ތަފާތު ތަޖުރިބާތައް ކުރެވި، ދިރިއުޅުމާއި ދިރިތެޅުމުގެ ތެރެއިން، ހަޔާތުގެ ދަތުރު ކިތަންމެ ދުރަކަށް ގޮސް، ބޭނުންވާ މަންޒިލަށް ދެވި ހަމަޖެހިގެން ހުއްޓަސް މިއީ ދިމާވާ ކަމެކެވެ. އަދި ބޭނުންވާ ހިސާބަށް ވާސިލު ނުވެވި، ތަގުދީރު ގެނައި ހިސާބެއްގައި މަޑުކޮށްގެން، ފޭލިގެ ޖަހައިގެން، ވަގުތު ޖެހެންދެން ދިރިއުޅެމުން އަންނަނިކޮށްވެސް މިކަމާ ދިމާވެއެވެ. ކުލައާއި ވަހާއި ރަހަ އޮޅުން ފިލާވަރަށް ތަކުލީފު އުފުލޭވަރުގެ، ފުރާވަރުން މަތީގެ ކޮންމެ މީހަކަށްވެސް މިކަމުން ދުރެއް ނުވެވެއެވެ. އެއްވެސް ފަރުވާއެއް ނުވަތަ އެއްވެސް ނުރައްކަލެއްވެސް ނެތް، ވަކި ފެށުމެއް، މެދެއް އަދި ނިމުމެއްވެސް މިކަމަކަށް ނެތެވެ.

މިހެންވޭތޯއެވެ. ވަހެއް ޖެހުމުން ހަމަ ކުއްލިއަކަށް މާކުރީގެ ހަނދާނެއް އާ ވޭހެއްޔެވެ. ހިތަށްވެސް ނާރާ، މުޅިން ހަނދާން ނެތިފައި ހުރި، އެއްވެސް މާނައެއް ނެތް، ކަމެއްގެ ހަނދާން އާވެގެންދާ ވަހެއް ނޭފަތުގައި ޖެހުމުން ހައިރާން ވާނެކަން ޔަގީނެވެ. މާކުރީ ޒަމާނެއްގައި ގެންގުޅުނު ލޯޝަނެއްގެ ވަސް، ނޫނީ ކޮލޯން، ކޯލާވޯޓާ، ޝޭމްޕޫ، ސައިބޯނި، ދޮންނަކުޑި، މީރުވަސްދުއްވާ ސޮފްޓނާ، ހެއާ ކްރީމް، އެންމެ ހާއްސަކޮށް ސެންޓުގެ ވަސް، ހަމަ އެހިސާބަށް ހަނދާންތައް އުދުހިގަންނާނެއެވެ. މިކަމާ ހައިރާނެއް ނުވޭ ހެއްޔެވެ.

މިއީ ކޮންކަމައްބާވައެވެ؟ ކޮންނަމެއް ކިޔާ މައްސަލައެއް ބާވައެވެ. ބައެެއް ފަހަރު މިއީ ވަރަށް އުފާވެރި ހިތްގައިމު ކަމަކަށްވިޔަސް އަނެއްބައި ފަހަރު މިއީ ވަރަށް އުނދަގޫވާ ކަމަކަށްވެސް ވެއެވެ. މިއީ ކިހިނެއްވާ، ކޮންކަމެއްތޯ ދެނެގަންނަން މަސައްކަތެއްކޮށްލަމާ ހެއްޔެވެ.

އެއްޗެއް ފެނުމުން، އެއްޗެއްގައި އަތްލުމުން، އަޑެއް އިވުމުން، ނުވަތަ ރަހަ ބެލުމުން، (އަހަރެމެންގެ ފަސްހިއްސު ކުރާ މަސައްކަތްތަކެވެ.) އޭގެ ނާޒުކު މައުލޫމާތު އަމާޒުވެގެން ދަތުރުކުރަނީ ސިކުނޑީގެ 'ރިލައި ސްޓޭޝަން'، އަށެވެ. އެއިން އެމައުލޫމާތު ސިކުނޑީގެ އެކި ޑިއްބާތަކަށް ފޮނުވައިލައެވެ. އޭގެ ތެރެއިން އެއް ޑިއްބާއަކީ "ހިޕޮކެމްޕަސް"، އާދެ، ހަނދާންތަކުގެ ޒިންމާ އުފުލާ މައިމަރުކަޒަކީ މިޑިއްބާއެވެ. އަދި ދެން އިހުސާސްތަކުގެ މަސައްކަތް ނުވަތަ އިހުސާސްތަކާބެހޭ ވަޒީފާ އަދާ ކުރާ އެމިގްޑެލާއަށްވެސް މެސެޖް ލިބެއެވެ.

އެކަމަކު ވަހުން ކުރާ މަސައްކަތް މުޅީން ތަފާތެވެ. ވަސް ދަތުރުކޮށް ތަލަމުސް އިން ސީދާ ސިކުނޑީގެ މެދާ ދިމާއަށް ދަތުރުކުރެއެވެ. މިއީ އޮލްފެކްޓަރީ ބަލްބެވެ. އޮލްފެކްޓަރީ ބަލްބް، އެއްވެސް އިތުރު ފަރާތެއްގެ އެހީއަކާ ނުލައި ސީދާ އެމިގްޑެލާ އާއި ހިޕޯކެމްޕަސްއަށް ދަތުރު ކުރެއެވެ. ހަނދާންތަކާއި އިހުސާސްތައް ގުޅިގެން މާދުރަށް ވިޔަސް މީހާގެ ވިސްނުމާއި ފިކުރު އުދުހިގެން ހިނގައިދެއެވެ.

ކޮންމެއަކަސް ސައިންޓިސްޓުން ހޯދައިފައިވާ މިހޯދުންތަކުގައި ތަފާތު ނަންތަކަކާއި އުސޫލުތަކަކާއި ގަވާއިދުތައް އޮތަސް، އަދި މިއިން އެކައްޗެއް ފަހުމު ނުވިޔަސް އެއްކަމެއްގައި ޔަގީންކަން ބޮޑެވެ. ވަހަކީ ހަނދާންތައް އާކޮށްދޭ އެއްޗެއްކަން ކަމެވެ. އުފާވެރިވިޔަސް ހިތާމަވެރި ވިޔަސް، އަދި ބިރުވެރިވިޔަސް، އުނދަގޫވިޔަސް، މިއީ ސަލާމަތް ވެވެން އޮތް ކަމެއް ނޫންކަން ޔަގީނެވެ. ހަމައެހެންމެ މިކަމުގައި އުފާވާ ސަބަބެއްވެސް އެބައޮތެވެ. ބައެެއް ހަނދާންތައް އާކޮށްލުމަށް މިއީ ވަރަށް ހިތްގައިމު އުކުޅެކެވެ. އަޅެ، އަޖުމަބަލައިލަން ނަމަވެސް އެންމެ ބޭނުންވާ، ފޮރުވިފައި އޮތް ޒަމާނުގައި ބޭނުން ކުރި މީރުވަހެއް ބޭނުން ކޮށްލަމާތޯއެވެ.